ކޮޅިގަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި ވިލިމާލޭ ފެރީއެއް އިއްޔެ މާލެ ފަޅަށް ވަންނަން އަންނަނީ. ---ފޮޓޯ: ނިޝާން އަލީ/މިހާރު
01 ޑިސެމްބަރ 2017 - 14:23
ތޫފާނުތަކަށް ނަން ދިނުމަކީ ވަކި ހަމައެއްގެ މަތިން ކުރަމުން އަންނަ ކަމެކެވެ. ސްރީ ލަންކާ ކައިރީ އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމެ މުޅި ސަރަހައްދުގެ މޫސުން މި ވަނީ ގޯސްވެފަ އެވެ. އެއާ އެކު މި ތޫފާނަށް މި ވަނީ ނަމެއް ވެސް ދީފަ އެވެ. އެއީ އޮކްޝީ އެވެ.
އެކި ސަރަހައްދުތަކުގައި އުފެދޭ ތޫފާނުތަކަށް ނަން ދިނުމަށް އެ ސަރަހައްދަކަށް ހާއްސަވާ ގޮތަށް ނަން ލިސްޓެއް ތަރުތީބުކޮށްފައި އޮވެ އެވެ. އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގައި އުފެދޭ ތޫފާނުތަކަށް ނަން ދެނީ އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުންނެވެ. މިހާރު އުފެދިފައިވާ ތޫފާނަށް ދިން ނަމަކީ ބަންގްލާދޭޝް އިން ދީފައިވާ ބެންގާލީ ނަމެކެވެ. މާނަ އަކީ ލޯ ނުވަތަ ނާރެސް އެވެ.
ވޯލްޑް މިޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ) އާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) އިން ޓްރޮޕިކަލް ސައިކްލޯންތަކަށް ނަން ދޭން ފެށީ 2000 ވަނަ އަހަރު އެވެ. އެއީ އެ ތޫފާނުތަކާ ބެހޭ ގޮތުން މައުލޫމާތު ފަތުރައި އިންޒާރު ދީ، ހޭލުންތެރިކަން އިތުރުކުރުމަށް ފަސޭހަކަށެވެ.
ތޫފާނުތަކަށް ނަން ދެނީ ނުވަ ސަރަހައްދަކަށް ބަހާލައިގެންނެވެ. އެއީ ނޯތު އެޓްލާންޓިކް، އީސްޓަން ނޯތު ޕެސިފިކް، ސެންޓްރަލް ނޯތު ޕެސިފިކް، ވެސްޓަން ނޯތު ޕެސިފިކް، ނޯތު އިންޑިއަން އޯޝަން، ސައުތު ވެސްޓް އިންޑިއަން އޯޝަން، އޮސްޓްރޭލިއަން، ސަދަން ޕެސިފިކް އަދި ސައުތު އެޓްލާންޓިކް ސަރަހައްދެވެ.
އިންޑިއާގެ މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގެ ތޫފާނުތަކަށް ނަން ދޭން ފަށާފައި ވަނީ 2004 ވަނަ އަހަރުން ފެށިގެންނެވެ. އެންމެ ފުރަތަމަ މިގޮތުން ދިން ނަމަކީ "އޮނިލް" އެވެ. އެއީ ވެސް ބަންގްލާދޭޝް އިން ދިން ނަމެކެވެ.
ތޫފާނުތަކަށް ނަން ދިނުމަށް އުތުރު އިންޑިއާ ކަނޑުގެ ގައުމުތައް ކަމަށްވާ ދިވެހިރާއްޖެ، ބަންގްލާދޭޝް، އިންޑިއާ، މިއަންމާ، އޮމާން، ޕާކިސްތާން، ސްރީ ލަންކާ އަދި ތައިލެންޑުން ކޮންމެ ގައުމަކުން 8 ނަން ހުށަހަޅާނެ އެވެ. މި ހުރިހާ ނަމަކާ އެކު 64 ނަމުގެ ލިސްޓެއް ވަކި ތަރުތީބަކުން އަތުރާނެ އެވެ. ތޫފާނަށް ނަން ދިނުމަށް ކޮންމެ ގައުމެއްގެ ލިސްޓުން ފަހަރަކު ލިސްޓަކުން ނަމެއް ނަގަމުން ގެންދާނެ އެވެ.
އެހެން ސަރަހައްދުތަކުގައި ވެސް އެ ސަރަހައްދެއްގެ ގައުމުތަކުން ނަން ލިސްޓެއް ތަރުތީބުކޮށް ތޫފާނުތަކަށް ހަމަ މި ގޮތަށް ނަން ދެމުން ގެންދާނެ އެވެ.
މި ސަރަހައްދަށް އެންމެ ފަހުން އައި ތޫފާނަށް ދީފައިވާ ނަމަކީ "މޯރާ" އެވެ. އެއީ ތައިލެންޑުން ހުށަހެޅި ލިސްޓުގައިވާ ނަމެކެވެ. އޮކްޝީއަށް ފަހު ދެން އަންނަ ތޫފާނަށް ކިޔާނީ "ސާގަރް" އެވެ. އެއީ އިންޑިއާގެ ލިސްޓުން ނަގާ ނަމެކެވެ. މާނަ އަކީ "ކަނޑު" އެވެ.
ތޫފާނުތަކަށް ދޭނެ ނަން ލިސްޓެއް އޮންނަނީ ތޫފާނުތައް އުފެދުމުގެ ވެސް މާކުރިން ހަދައިފަ އެވެ. އެ ލިސްޓުގައި ނަންތައް ހުންނާނީ އޭބީސީ ތަރުތީބުންނެވެ. އެކި މޫސުމަށް އެކި ސަރަހައްދަށް ބޭނުންކުރާ ތަފާތު ލިސްޓެކެވެ. އެޓްލާންޓިކް އަދި އިރު އުތުރު ޕެސިފިކް ސަރަހައްދަށް ހަ ލިސްޓެއް އޮވެ އެވެ. އަދި މިއީ ހަ އަހަރު ތެރޭ ބުރުހަމަވާ ގޮތަށް ބޭނުންކުރާ ލިސްޓުތަކެކެވެ. މިގޮތަށް އެކުލަވާލާ ލިސްޓުގައި ހުންނަނީ އެ ސަރަހައްދެއްގައި ބޭނުންކޮށް އުޅޭ އާންމު ނަންތަކެވެ. އެކަމަކު ވަކި މީހަކަށް ނިސްބަތް ނަމެއް ނަމަ ޑަބްލިޔުއެމްއޯ އިން އެ ނަމެއް ތޫފާނަކަށް ނުދޭން ނިންމަ އެވެ.މި ލިސްޓުތަކުން ނަންތައް "ރިޓަޔާ" ވެސް ކުރެ އެވެ.
މާބޮޑަށް ގެއްލުން ލިބުނު ތޫފާނެއް ނަމަ ތޫފާނަކަށް ދެން ދުވަހަކު ވެސް އެ ނަމެއް ނުދޭނެ އެވެ. އެގޮތުން ކެޓްރީނާ، ސޭންޑީ އަދި މެތިއު އަކީ ވަރަށް ގެއްލުން ބޮޑު ތޫފާނުތަކަށް ވާތީ މިހާރު ވަނީ ލިސްޓުން އެ ނަންތައް އުނިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައްތު
02 December 2017
އޭބީސީ ތަރުތީބުންނޯ... މިހާރު އޮކްޝީ ދެން ސާގަރު. އޯ އާ ޖެހިގެން އިންނަނީ އެސްތަ؟ ..އެލޮމެނޮޕީކިޔުއާރުއެސް...
ވިސްނާލާ
03 December 2017
މާނައަކީ އޭ.ބީ.ސީ ތަރުތީބުން ނަން ކިޔަނީއެކޭނޫން. ޤައުމަކުން ދީފަވާ 06 ނަން ލިސްޓު ކުރަނީ އެ ތަރުތީބުންނޭ. ފަހަރެއްގަ އޮވެދާނެދޯ އެއްއަކުރަކުން ކިޔާ ބައިވަރު ނަންތައްވެސް.
ދާލު ދާލު
02 December 2017
ރާއްޖެއިން ހުށަހަޅާފައިވާ ނަންތަކުގެ ތެރޭގައި ހިމެނެނީ ހިބަރު، ގޮނު، އައިލަ، ކެއިލަ، މަޑި، ރޯނު، މެކުނު، ހިކާ އެވެ. މި ތަރުތީބަށް ބަލާއިރު އުތުރު އިންޑިއާ ކަނޑުގައި އުފެދޭ ތޫފާނަކަށް ދެން ކިޔާނެ ދިވެހި ނަމަކީ - - - އެވެ.
ވާލުސޮރު
02 December 2017
އަނެއްކާ ތިޔަހެން ކިޔަނިކޮށް "ސާގަރު" ވެސް ވެދާނެ ދިވެހި ބަހެއް އިންޑިއާމީހުން ކޮޕީކުރީ ކަމަށް. އެއީ މިހާރުވެސް "ސަގަރު" ކިޔާ ޢާއިލާއެއް އައްޑޫގަ އޮންނާތީ ސަގަރު އަލި ތައްޚާނު، ސަގަރު ނާސިރު، ސަގަރު ބާގިރު މިއީ ދިވެހިންގެ ގިނަ ބަޔަކު ދަންނަ ނަންތަކެއް. އެކަމަކު 1988 ގެ ނޮމެމްބަރ 3 ގަ އައި "ބަޑިބުރާސްފަތި^ ދުވަހަށްފަހު ފަހުގެ ގިނަބަޔަކަށް މަޝްހޫރީ ސަގަރު ނާސިރު.
އަލިހޮއްކޮ
01 December 2017
ނަމަނަމަ އެކަޑަމީއަށް މި ލިޔުން ނުދައްކާތި. އެމީހުން ނަން ދޭން ފަށައިފިއްޔާ ދުނިޔޭގެ އެހެން ގައުމުތަކުން ނަން ދިނުން ހުއްޓާލާނެ. "ތޫފާން ދާލަން" "ތޫފާން ސާރު" މިކަހަލަ މީހުން ކަޅި އަރާ ކަހަލ ނަން އެމީހުން ދޭނީ.
ޙްމް
01 December 2017
ޙައް ހައްހާ. ޢަޝްރަފް ހުރީ ރެޑީގަ.
ހޫމް
01 December 2017
ދެން ރާއްޖެއިން ހުށަހެޅި ލިސްޓް ކިޔާލި ނަމަ ކީއްތޭ ވާނީ
ޓޫތީޓު
01 December 2017
ރާއްޖެއިން ވެސް ނަން ދީފަ ހުރީ މި ލިޔުމުގަ ނުހިމެނި އޮތީ އެބައި. ޠޫފާން މަޑި އެއީ ރާއްޖެއިން ދިން ނަމެއް. ކިޔަިއިވެސްފި.
ހުސޭނު
01 December 2017
ދިވެހިބަހުން ތޫފާނުތަކަށް ނަންދޭންްފަށާހިސާބުން ތޫފާނުތައްވެސް ލަދުން ހިގައިދާނެ.