އިންޑިއާގެ ޕްރައިވެޓް ބައެއް ހޮސްޕިޓަލްތަކުގެ ޚިދުމަތާ މެދު ވަނީ ސުވާލު އުފެދިފައި. --ފޮޓޯ:ގެޓީ އިމޭޖަސް
03 ޑިސެމްބަރ 2017 - 13:52
ނިއު ދިއްލީ (ޑިސެމްބަރު 3) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އަލަށް އުފަންވި ކުއްޖަކު މަރުވެފައިވާ ކަމަށް ޑޮކްޓަރު ނިންމުމުން އެ ކުއްޖާ ވަޅުލަން ގެންދަނިކޮށް މަރުނުވާކަން އެނގުމާ އެކު ހޮސްޕިޓަލަށާއި ޑޮކްޓަރުންނަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ.
އަމިއްލަ ފަރާތަކުން ހިންގާ މެކްސް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައި ވަނީ އެއްމާބަނޑު ދެ ކުދިންގެ ތެރޭން އެއް ކުއްޖަކު ވިހޭ އިރު ވެސް މަރުވެފައިވާ ކަމަށާއި އަނެއް ކުއްޖާ ވެސް ވިހޭ ފަހުން މަރުވެފައިވާ ކަމަށެވެ. އެ ކުދިންގެ ބެލެނިވެރިން ބުނީ ވަޅުލަން ގެންދަނިކޮށް، ދެ ކުދިންލާފައި އޮތް ޕްލާސްޓިކް ކޮތަޅުގެ ތެރޭން އެއްޗެއް ހިރޭތީ ބެލިއިރު އެއް ކުއްޖަކު މަރުނުވާކަން އެނގުމާ އެކު ކައިރީގައިވާ އެހެން ހޮސްޕިޓަލަކަށް އަވަހަށް ގެންދިޔަ ކަމަށެވެ. އަދި ހޮސްޕިޓަލުން ބެލުމަށް ފަހު ބުނެފައި ވަނީ އެއް ކުއްޖަކު މަރު ނުވާ ކަމަށެވެ.
މެކްސް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ވަރަށް ދެރަކޮށް ދިމާވި ހާދިސާއެއް ކަމަށާއި އެ ދެ ކުދިންގެ ބެލި ޑޮކްޓަރުންގެ މައްސަލަ ބަލަމުންދާތީ އެ މީހުން ވަޒީފާ އިން މިހާރު އެކެހެރިކޮށްފައިވާ ކަމަށެވެ.
މި ހާދިސާ އަށް ފަހު ވަނީ އިންޑިއާގެ ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ޚިދުމަތާ މެދު ސުވާލު އުފައްދަން ފަށައިފަ އެވެ. ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލް ވިދާޅުވީ މި ހާދިސާ ތަހުގީގު ކުރަން އަންގާފައިވާ ކަމަށެވެ. އޭއެންއައި ނިއުސް އެޖެންސީން ބުނީ ފުލުހުން މިހާރު ވަނީ ތަހުގީގު ފަށާފައި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
03 December 2017
އިންކްރެޑިބަލް އިންޑިޔާ.މަގޭ އެކުވެރި ކުމާރުގެ ގައުމު.