14 ޑިސެމްބަރ 2017 - 13:03
އަންނަ ސީޒަނުގައި ވެސް ނިއު ރޭޑިއަންޓުގައި މަޑުކުރަން ނިންމާފައިވާ ކަމަށާއި އެކަމަކު ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވެސް ހުރުމާ އެކު ނިއުގެ ފުރަތަމަ އެގާރައިގެ ޖާގަ ހޯދުން ވެގެންދާނީ ޗެލެންޖަކަށް ކަމަށް އިމްރާން މުހައްމަދު ބުނެފި އެވެ.
އިމްރާން ނިއުގެ ކޮންޓްރެކްޓް އާކުރީ މިއަދެވެ. އޭނާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ސީޒަނުގެ ވަކި ހިސާބުން ނިއު އިން ފައިސަލް ގެނައިރު އޭނާ ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. އިމްރާން ފިޓްވުމާ އެކު ގިނައިން ފުރުސަތު ލިބުނީ އޭނާ އަށެވެ. އެކަމަކު ފައިސަލް ވެސް ވަނީ ކުޅުނު މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
އިމްރާން ބުނީ ފައިސަލަކީ މި ވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކީޕަރު ކަމަށާއި އޭނާ ކްލަބުގައި މަޑުކުރުމާ އެކު ނިއު އިތުރަށް ވަރުގަދަވާނެ ކަމަށެވެ.
"އަޅުގަނޑު މިކަން ނަގަނީ ޗެލެންޖެއްގެ ގޮތުގައި. ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ އެގާރައިގެ ޖާގަ ހޯދަން މަސައްކަތްކުރަން ޖެހޭނެ. އެއީ ޗެލެންޖަކަށް ވާނީ. އޭގެ ސަބަބުން އަޅުގަނޑާއި ފައިސަލަށް ވެސް ކުރިއެރުން ލިބޭނެ. އަދި ވާދަވެރި ދެ ކީޕަރުން ތިބުމުން ނިއު ވެސް އިތުރަށް ވަރުގަދަވާނެ،" އިމްރާން ބުންޏެވެ.
އިމްރާން ބުނީ އަންނަ އަހަރުގެ އޭއެފްސީ ކަޕުން ޖާގަ ލިބިފައިވުމާ އެކު އެ މުބާރާތުން ރަނގަޅު ކާމިޔާބެއް ހޯދަން މަސައްކަތްކުރާނެ ކަމަށެވެ. އޭނާ ވަނީ ކްލަބުގެ ޗެއާމަން މުހައްމަދު ޒިޔާދާއި މެނޭޖްމަންޓުގެ މަސައްކަތް ވެސް ފާހަގަކޮށްފަ އެވެ.
"ޗެއާމަނާ ވަރަށް ގާތުން މި އުޅެވެނީ. އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ޗެއާމަން އަދި މެނޭޖްމަންޓުން ކުރާ މަސައްކަތް. މި ކާމިޔާބީގައި ޗެއާމަންގެ ހިއްސާ ވަރަށް ބޮޑު. އަންނަ އަހަރު ވެސް މި އަށް ވުރެ ބޮޑު ކާމިޔާބެއް ހޯދަން މަސައްކަތްކުރަން ޗެއާމަން ވަނީ އެދިފައި. އެކަމަށްޓަކައި އެންމެން މަސައްކަތްކުރާނެ،" އިމްރާން ބުންޏެވެ.
މި ސީޒަނުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން އިމްރާނާއި ފައިސަލުގެ އިތުރުން އަކްރަމް އަބްދުލްގަނީ އާއި ރިލްވާން ވަހީދު (ރިލޭ) އާއި ހަދަން އަދުހަމް (ސަޑޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) އާއި މިދުހަތު ފަހުމީ (ބިޗަޑް) އަދި ސްޕެނިޝް މިޑްފީލްޑަރު ކަންޑޭލާ ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. މީގެ އިތުރުން މި ސީޒަނުގެ މެދުތެރެއިން އަލީ ފާސިރު (ސެންޓޭ) ވެސް ވަނީ ނިއުއާ އެކު ދިގު މުއްދަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ނިއު އިން ވަނީ ކޯޗު އޮސްކާ ބްރުޒޮން ވެސް ވަނީ އަންނަ އަހަރު ބަހައްޓަން ނިންމައިފަ އެވެ.
އަންނަ އަހަރު އޭއެފްސީ ކަޕުގައި ވާދަކުރަން ނިއު އިން ތައްޔާރުވާއިރު، އެ ޓީމުން އަންނަނީ ޓީމު ވަރުގަދަ ކުރުމަށް އިތުރު ކުޅުންތެރިންނާ މަޝްވަރާ ކުރަމުންނެވެ. ނިއު އަށް މި ސީޒަނުގައި ގެއްލުނީ އެސްޓީއޯ މާލޭ ލީގެވެ. އޭގެ ފަހުން ކުޅުނު ދެ މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް ކާމިޔާބުކުރީ ނިއު އިންނެވެ. އަދި ނިއު އިން ވަނީ މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް ފައިނަލުން ވެސް ފުރުސަތު ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިހެވަން
14 December 2017
ބަލަ ބަލަކޫ 21 އަހަރުންދަށް މުބާރާން ބަންސާމަށް ވަގުތުވީ އިރަކުން ބާއްވާގެން ނިއުއަކަށް ބައިވެރި ނުވެވޭނެ. ނިއު އަކީ އައްނަ ސީޒަނުގަ އޭއެފްސީކަފް ކުޅޭޓީމެއް އެފްސީކަފަށް ޓީމް ތައްޔާރު ކުރަށް ފްރެކްޓިސް ފަށަށް ޖެހޭ ޖެނުއަރީ. މިއަހަރު ސީޒަން އަދި ނުނިމޭ ރަގަޅަށް މައުލޫމާތު ހޯދާގެން ކޮމެންޓް ކުރޭ.
ބަލަކް
14 December 2017
ނިއު އޭއެފްސީ ކަޕް އެ ކުޅެނީ އަލަކަށް ނޫން. އަނެއްކޮޅުން މިހާރު ނިއުގެ ސްކޮޑުގައި ނުހުންނާނެ އެންމެ ކުޅުންތެރިއެއްވެސް 21 އަހަރުން ދަށުގެ. ދެން އަނެއްކަމަކީ 21 އަހަރުން ދަށުގެ މުބާރާތުގައި ކޯޗުކޮށް ނުދެވޭނެ ސީނިއަރ ޓީމްގެ ކޯޗަކަށް ގަވާއިދު ބުނާ ގޮތުން. އެހެންވީމާ މިއީ އޭއެފްސީކަޕް ކުޅުނާ ގުޅުން ހުރިކަމެއް ނޫން. މިއީ ހިންގުމުގައި އުޅޭ މައްސަލައެއް.
މިކޮޅަށްމިކޮޅަށް
14 December 2017
ތީ ޗެލެންޖެކޭ ކިޔަސް ތީ ދިވެހި ފުޓުބޯލައިގެ ހަލާކު.... ތިކަމުން ޒުވާން ކީޕަރުންނެއް ނުއުފެދޭނެ
ބަލަކް
14 December 2017
މަރުހަބާ އިންމަ. އިންމަގެ ސޮއި ހޯދާ، ޓީމް ވަރުގަދަ ކުރަން އެތައް ކުޅުންތެރިންނެއް ހޯދާއިރު، ޒުވާން ކުޅުންތެރިންނާ މެދު ވެފައިވާ އިހުމާލަށް ނިއުގެ ޗެއަރމަން ޒިޔާދު ޒިންމާ އުފުލަން ޖެހޭނެ. ނިއުގެ 40 އަހަރުގެ ދިގު ތާރީޚުގައި ރަސްމީ ފުޓްބޯޅަ މުބާރާތަކަށް ޓީމް ނުނެރެވި ދާ ފުރަތަމަ މުބާރާތަށް މި އަހަރުގެ ޒުވާން ކުޅުންތެރިންގެ މުބާރާތް ވެގެންދާނެ.
އޮލިވަރ ޚާން
14 December 2017
ބަލަކު ތިބުނީ ވަރަށް ބޮޑު ތެދެއް. ޒިޔާދު މިހާރު ކްލަބު އެ ހިންގާ ގޮތަށް ހިންގައިފިއްޔާ ކައިރި މުސްތަގުބަލެއްގައި ނިއުރޭޑިއަންޓް އިނދަޖެހި، ވިކްޓްރީ ނުވަތަ ވެލެންސިޔާއަށް ވީގޮތް ވެގެން ހިނގައިދާނެ
ހޯރަ
14 December 2017
ހަގީގަތުގަވެސް އިއްމަ އަކީ ނަމޫނާ ކެފްޓަނެއް. ސަފޯޓަރެއްގެ ހައިސިންޔަތުން އިންމަ ޓީމްގަ ހުންނަ ކޮންމެ ދުވަހަކީ އުފާވެރިކަމެއް. ދަނގޭ އައި އޮއްފް ގެ ސޮއި ވެސް ނިއު އިން ހޯދާނެ އެކަމާ ސައްކެއްވެސް ނެތް. ނިއުގެ މިހާރުގެ މެނޭޖްމަންޓުން ވެއްޓިފައިވާ ދިވެހި ފުޓްބޯޅައަށް އާރޯކަން ގެނެސް ދޭތީ ފަށްފަށުން ސުކުރިއްޔާ. ހާއްސަކޮން ޗެއާމަން ޒިޔާދުސަރ އަަށް..
ހުންގާނު
14 December 2017
ޝުކުރިއްޔާ އިންމަ، ދެން ބޭނުންވަނީ އޮއްޕުއާ ދަގަނޑޭވެސް ކޮންޓްރެކްޓް އާކުރަން، ގަލޮޅު ދަނޑުގަ މިހާރު ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއަށް އޮއްޕު ވިޔަސް ސީޒަނުގެ މޮޅު ކުޅުންތެރިއާއަށް އޮއްޕު ވާދަކުރާތީ އޭނާގެ ހުނަރުވެރިކަމާމެދު އަދިވެސް ސުވާލުކުރެވޭކަށް ނެތް
ދޮން އާމިރު
14 December 2017
އިމްރާނު މުސްކުޅި ފުޅުވެސް ނުވަނީތޯ.
ކުޑަ ދޮންބެ
14 December 2017
އިމްރާން ކިރަންމެ މުސކުޅިޔަސް އަދިވެސް އިންމަ ވަރެއް ހަމަނެތް