ރިޕޯޓް / އާބާދީ އެއްފަސްކުރުން

ފަޅުކަމާއި ނާއުއްމީދު: ރަކީދޫ މީހުންނަށް އޮތީ ކޮން ގޮތެއް؟

ވ. ރަކީދޫ: ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ކުޑަ އަދި އެންމެ މީހުން މަދު ރަށުގައި މާ ބޮޑު ދިރިއުޅުމެއް ނެތް. ފޮޓޯ: އަބްދުﷲ ފަހުމީ

ދިރިއުޅުމާ ބެހޭގޮތުން ވާހަކަދެއްކުމުގެ މާ ބޮޑު ޝައުގުވެރިކަމެއް އައިޝަތު އިބްރާހީމްގެ ކިބައަކުން ނުފެނެ އެވެ. ސުވާލެއް ކޮށްފިއްޔާ އޭނާ ޖަވާބުދެ އެވެ. އެކަމަކު އެ އުދާސްތައް ބަންޑުންކުރިޔަސް އޭނާގެ ހިތްދަތިކަން ފިލައިގެން ހިނގައިދާނެ ކަމަކަށް އާއިޝަތު، 47، ނުދެކެ އެވެ. މާޒީގެ ތަޖުރިބާތަކާ ހެދި އެވެ.

ރަށު ސްކޫލު ބަންދުކުރިތާ 10 އަހަރުވީ އެވެ. ކުއްޖަކު ސްކޫލަށް ދާ އުމުރަށް އަޅާ އިރަށް އޭނާ ރަށުން ބާލަން މަޖުބޫރުވެ އެވެ. އައިޝަތުގެ ދެ މާމަދަރިން ވެސް މެ އެވެ.

ރަށުގައި ހުރި ރަސްމީ ހަތަރު އިދާރާގައި ވަޒީފާ އަދާކުރާ 20 މީހުންނާއި އުމުރުން ދުވަސްވީ މައިންބަފައިން ފިޔަވައި މާ ގިނަ ބަޔަކު ވ. ރަކީދޫގައި ނޫޅެ އެވެ. ދެމަފިރިއަކަށް ކުއްޖަކު ލިބި އޭނާގެ ކިޔެވުން ފަށަން ޖެހޭ ހިސާބުން އަނބިން ކޮންމެވެސް އެހެން ރަށަކަށް ނުވަތަ މާލެ އަށް ހިޖުރަކޮށް ކުލި ދައްކައިގެން ދިރިއުޅޭ އިރު، ވަޒީފާގައި އުޅޭ ފިރިން އަނބިދަރިންނާ ވަކިން ރަށުގަ އެވެ. އެއީ އައިޝަތުގެ ދެ ފިރިހެން ދަރިންގެ ވެސް ދިރިއުޅުމެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ އެންމެ ކުޑަ ރަށަށް ވުމަކީ ރަކީދޫގެ ބަދުނަސީބެވެ. ކާބޯތަކެއްޗާއި ސިއްހީ ފަރުވާ ފަދަ އެންމެ އަސާސީ ބޭނުންތަކަކީ ބޮޑެތި ގޮންޖެހުންތަކެކެވެ. ތައުލީމެއް، އާ ވަޒީފާއެއް އަދި އެއްވެސް ކަހަލަ ފުރުސަތެއް ނެތް ރަށެއްގައި ހިޖުރަ އަށް ގެއްލި ހުސްވަމުންދާ އާބާދީއެއްގެ މަދު މީސްކޮޅު ހަފުސްވަމުންދަނީ ކުލަނުވާ ހުވަފެނެއްގަ އެވެ. އެހެން ރަށަކަށް ބަދަލުކޮށްދޭން އެދި ރަކީދޫ މީހުން އާދޭސްކުރާތާ މަދުވެގެން 10 އަހަރުވީ އެވެ.

"އެންމެން ވެސް ބުނަނީ މަސައްކަތް ކުރަމޭ. އެކަމަކު އެ ކުރާ ތަނެއް ނުފެންނާތީ މައްސަލައަކީ. ކޮންމެ ބަޔަކު ވެސް ދޯކާ ދެނީ. އަހަރެމެންނަށް ދަޅަ ދައްކާފައި ކޮންމެ ފަހަރަކު ދޯކާ ދީފައި މި މީހުން މި ތިބެނީ ބޮޑު ގޮނޑި އަށް އަރާ."

ރަކީދޫ އަންހެނަކު ކުޑަކުއްޖަކު ގޮވައިގެން ރަށުގެ އަތިރިމަތިން ހިނގާފައި ދަނީ. ފޮޓޯ: ނިޔާޝާ އަބްދުއް ލަތީފް

އެންމެ ކުޑަ، އެންމެ މީހުން މަދު ރަށް: "ދިރިއުޅުމެއް ނެތް"

އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ވެސް ރާއްޖޭގެ އެންމެ ކުޑަ އަތޮޅުގެ ގޮތުގައި އޮތް ވ.ގައި، މީހުން ދިރިއުޅޭ ފަސް ރަށުގެ ތެރެއިން އެންމެ ދެކުނަށް އޮތް ރަކީދޫގެ އާބާދީއަކީ، 2014ގެ ބޯހިމެނުން ދައްކާ ގޮތުން، 106 އެވެ. އެހެންކަމުން ބިދޭސީން ވެސް ލައިގެން، ބ. ފެހެންދުު އަށް ވުރެ އެކަކު މަދުން އަދި މ. ރަތްމަންދު އަށް ވުރެ ހަ މީހުން މަދުން، ރާއްޖޭގެ އެންމެ ކުޑަ އާބާދީ އޮތީ ރަކީދޫގަ އެވެ.

ރަސްމީ އަދަދު އެ ގޮތަށް އޮތް އިރު، ރަކީދޫ ކައުންސިލުން ބުނާ ގޮތުން، އެ ރަށުގައި ދިރިއުޅޭ މީހުންގެ އަދަދު ހަގީގަތުގައި 70 އަށް ވެސް ނާރަ އެވެ. ކައުންސިލުން ދޭ އަދަދަކީ 68 އެވެ. އެއީ ސްކޫލު ބަންދުގައި އާއިލާތައް އެނބުރި ރަށަށް ދިޔުމާ އެކު ބޮޑުވެފައި، އަލުން ސްކޫލު ހުޅުވޭ އިރަށް އަނެއްކާވެސް ކުޑަވެގެންދާ އާބާދީއެކެވެ.

މީހުން މަދުވުމުގެ ނަތީޖާއަކީ އެންމެ އާދައިގެ ބޭނުންތައް ފުއްދޭނެ ގޮތެއް ވެސް ރަކީދޫ މީހުންނަށް ނެތުމެވެ. ރަށު ކައުންސިލްގެ ނާއިބު ރައީސް ހުސެން ރަޝީދު ސިފަކުރެއްވި ގޮތުން ނަމަ އެއީ "ދިރިއުޅުމެއް ނެތް" ރަށެކެވެ. އަދި އެ ތަނުގައި ތިބޭކަށް ރަކީދޫ މީހުން ބޭނުމެއް ނުވެ އެވެ.

"ރަށުގެ އެންމެން ކަހަލަ ގޮތަކަށް ބޭނުންވަނީ އެހެން ރަށަކަށް ބަދަލުވާން. އެއީ މި ތަނުގައި ނެތް ވަޒީފާއެއް، މި ތަނުގައި ނެތް ދިރިއުޅުމެއް،" ހުސެން ވިދާޅުވި އެވެ.

"މި ރަށުގައި މި ހުންނަނީ އެންމެ ފިހާރައެއް. އެ ފިހާރައިން ވެސް ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ނުލިބޭ. ގޭހެއް، ކާޑުގެ ބާވަތެއް ނުލިބޭ. އެމްޓީސީސީ ފެރީ މެދުވެރިކޮށް އަތޮޅުތެރެ އިން އަޅުގަނޑުމެން މި ޖެހެނީ އެ އެއްޗެހި ގެންނަން. އަތޮޅުން އެއްޗެހި ހުސްވެއްޖެ ކަމަށް ވަންޏާ ރަކީދޫ ރައްޔިތުން ތިބެން ޖެހޭނީ ނުކައި. ފެރީ މައްސަލަ ޖެހިއްޖެއްޔާ ނުވަތަ ފެރީ ނުދުއްވާ ދުވަހެއް ވެއްޖެއްޔާ ތިބޭނީ ނުކައްކާ."

ކާބޯތަކެތި އެކަންޏެއް ނޫނެވެ. ތައުލީމުގެ ޚިދުމަތެއް އެއްގޮތަކަށް ވެސް ލިބެން ނެތް އިރު ސިއްހީ ފަރުވާ ހޯދުމަކީ ވެސް، ރަށްފުށުގެ ނިސްބަތުން ވެސް، ރަކީދޫގައި ބޮޑު ތަކުލީފެކެވެ.

"ޑޮކްޓަރެއް ހުންނަނީ ނަމަކަށް. ބޮޑު ކަމެއް ޖެހިއްޖެއްޔާ ޖެހެނީ ފުރައިގެން ދާން. އަތޮޅު ތެރެއިން ލޯންޗެއް ވެސް ގެންނަން މި ޖެހެނީ ކުއްޔަށް. ގާތްގަނޑަކަށް 1500 ރުފިޔާ ޚަރަދުކޮށްފައި މި ތަނުން ފުރައިގެން ފެލިދު އަށް ޑޮކްޓަރަށް ދައްކަން ދާން ޖެހެނީ. އެފަދަ ހާލެއްގައި އުޅެން މި ޖެހެނީ،" އައިޝަތު އޭނާގެ ބައެއް އުދާސްތައް ބޭރުކުރި އެވެ.

ގޮންޖެހުންތައް ކިތަންމެ ބޮޑަސް، އެ ހާލަތުން އަރައިގަނެވިދާނެ ކަމުގެ ޔަގީންކަމެއް ރަކީދޫ މީހުންނަކަށް އަދިވެސް ނުލިބެ އެވެ.

ކިޔަވައިދިނުން ހުއްޓާލާފައިވާ ރަކީދޫ ސްކޫލް. ފޮޓޯ: ނިޔާޝާ އަބްދުއް ލަތީފް

ތުލުސްދޫ

ރަށުގެ އާބާދީ ދުވަހެއް ދުވަހަކަށް ކުޑަވަމުން، ސްކޫލުގައި ކިޔަވާ ދަރިވަރުންގެ އަދަދު މަދުވަމުން ދިޔަ ވަރަކަށް، އެހެން ރަށަކަށް ބަދަލުވުމުގެ ޚިޔާލު ރަކީދޫ މީހުންގެ ތެރޭގައި އައީ މަގުބޫލުވަމުންނެވެ. އަދި 2004ގެ ސުނާމީ އަށް ފަހު ގިނަ ބަޔަކު އެ ވިސްނުމަށް ތާއީދުކުރަން ފަށައި، 2007ގައި ސްކޫލް ބަންދުކުރި ހިސާބުން ކުރިމަތިވި ބޮޑު ތަކުލީފާ އެކު، އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބަލައިގަނެވުނެވެ. އެކަމުގައި ރަކީދޫ މީހުންނަށް ލިބުނު ފުރަތަމަ އުފާވެރި ޚަބަރަކީ ޖެހިގެން އޮތް ފޮއްތެޔޮ ފަޅު ނުވަތަ ބޮޑުމޮހޮރާ ފަރު ހިއްކައިގެން ސަރުކާރުން ރަށެއް ހަދައި އެ ތަނަށް އެ މީހުން ބަދަލުކޮށްދިނުމުގެ ވައުދެވެ. އެކަމަކު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިޔާސީ ކެމްޕެއިން ތެރޭގައި 2008 ވަނަ އަހަރު "ވަރަށް ބައިވަރު ކުރެހުންތަކެއް ކުރަހައި ވަރަށް ބޮޑެތި ޕްލޭންތަކެއް ހެދިގެން" ފެށި އެ މަސައްކަތަށް އަމަލީ ސިފައެއް ނަ އެވެ.

އެ ދުވަސްވަރު ސަރުކާރުން އާއްމުކުރި ލިޔުމަކުން އެނގޭ ގޮތުގައި ބޮޑުމޮހޮރާފަރުގެ ދެކުނުކޮޅު ހިއްކައިގެން ހިންގަން އުޅުނު މަޝްރޫއުގައި ވ. އަތޮޅުގެ އާބާދީ އެއްފަސްކޮށް އެއާޕޯޓެއް ހެދުމުގެ އިތުރުން، މީހުން ހުސްވާ ރަށްރަށް ޓޫރިޒަމަށް ހުޅުވާލާނެ އެވެ. އަދި އެ ފަޅު ތަރައްގީކުރަނީ، އެއްފަސްކޮށްދިނުމަށް އެހާތަނަށް އެދިފައި އޮތް އެ އަތޮޅުގެ ތިން ރަށް ކަމަށްވާ ރަކީދޫ، ތިނަދޫ އަދި ކެޔޮދޫ މީހުންނަށް އަމާޒުކޮށްގެން އެކަނި ނޫން ކަމަށާއި "މި އަތޮޅުގެ އެހެން ރަށްރަށާއި މި ތަނުގައި ގާއިމްކުރެވޭ ސިނާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިރިއުޅެވޭ ފަދަ" ގޮތަކަށް ކަމަށް މައުމޫން ސަރުކާރުގެ ލިޔުމުގައިވެ އެވެ.

ޖެހިގެން އައި އެމްޑީޕީގެ ވެރިކަމުގައި ވެސް އެހެން ރަށަކަށް ބަދަލުވުމުގެ އުއްމީދު ރަކީދޫ މީހުންނަށް ހާސިލެއް ނުވި އެވެ. އެކަމަކު ރަކީދޫ ވެގެން ދިޔައީ އެމްޑީޕީ އަށް ތާއީދު ބޮޑު ރަށަކަށެވެ. މައިގަނޑު ސަބަބަކަށްވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެރީގެ ނިޒާމަކުން އެ ރަށް އަތޮޅުގެ އެހެން ރަށްރަށާއި މާލެއާ ގުޅުވާލަދިނުމެވެ. އުޅެން ޖެހިފައިވާ ދަތި ހާލުގައި ރަކީދޫ މީހުންނަށް މިހާރު ވެސް އޮތް އެންމެ ބޮޑު ލުޔަކީ އެމްޓީސީސީގެ ފެރީގެ ޚިދުމަތެވެ.

ރަކީދޫ މަގެއް. ފޮޓޯ: ނިޔާޝާ އަބްދުއް ލަތީފްދުއް

ފޮއްތެޔޮ ފަޅުގެ ވާހަކަ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިން ތެރޭ، 2014 ވަނަ އަހަރު ވެސް ފެންމަތިވި އެވެ. ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު މޫސާ ނިޒާރު ވަނީ އެ ފަޅުގައި ޑިޒްނީ ޕާކަކާއި ފޯމިއުލާ ވަން ޓްރެކަކާއި ދުނިޔޭގެ ފެންވަރުގެ ގޮލްފް ޕާކެއް އެޅުމުގެ ވާހަކަ އެ ދާއިރާގެ ޒުވާނުންނާ ދައްކަވައިފަ އެވެ. އެކަމަކު އެފަދަ ހުވަފެންތަކަށް ރަކީދޫ މީހުންގެ ޝައުގުވެރިކަމެއް މިހާރަކު ނެތެވެ.

ބޮޑުމޮހޮރާފަރުގެ އުއްމީދު އަޅި އަށް ވެގެން ދިޔަ އިރު، ފަހުން ރަކީދޫ މީހުން ހުޅުމާލެ އަށް ބަދަލުވާން ވެސް ބޭނުންވި އެވެ. އެކަމަށް އެދި 131 މީހަކު ސޮއިކޮށް 2015ގެ ކުރީކޮޅު ސަރުކާރަށް ޕެޓިޝަނެއް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އެ ވިސްނުން ބަދަލުކޮށް ރަކީދޫ މީހުން މިހާރު ބޭނުންވަނީ ދެ ކަމެއް ހާސިލްވާނެ ތަނަކަށް ބަދަލުވާށެވެ. އެއް ކަމަކީ މިހާރަށް ވުރެ ރަނގަޅަށް އަސާސީ ބޭނުންތައް ފުއްދޭ އަދި މާލެ އިން ހޯދަން މަޖުބޫރުވާ ޚިދުމަތްތައް ފަސޭހަ އިން އަތުޖެހޭނެ ގޮތް ވުމެވެ. އަނެއް ކަމަކީ އެ މީހުން މިހާރު އެ އުޅޭ ކަހަލަ ރަށްފުށުގެ މާހައުލަކާއި ގެދޮރެވެ. އެ ޝަރުތުތައް ފުރިހަމަވާނީ، ރަކީދޫ މީހުން ދެކޭގޮތުގައި، "މާލެއާ ކައިރި ރާއްޖެތެރޭ ރަށަކުން"ނެވެ. އަދި އެ ރަށަކީ ކ. ތުލުސްދު އެވެ.

"ބަޖެޓުގައި ހިމަނާފައެއް ނެތް"

ތުލުސްދޫ ހިއްކި ބިމުގައި ރަކީދޫ މީހުން ވަޒަންވެރިކުރުމާ ބެހޭ ގޮތުން ދެ ރަށުގެ ކައުންސިލުން މަޝްވަރާކޮށް އެއްބަސްވެފައިވާ ސަރުކާރުން ވަނީ އެ ކަމަށް މަސައްކަތް ވެސް ފަށައިފަ އެވެ. އެކަމަކު އަމަލީ ސިފައެއް އަތުވެދާނެ ކަމުގެ މާ ބޮޑު އުއްމީދެއް ރަކީދޫ މީހުން ނުކުރާ ސަބަބެއް އެބަ އޮތެވެ.

"ތުލުސްދު އަށް މީހުން ބަދަލުކުރަން ހައުސިން މިނިސްޓްރީގެ ޓީމަކުން އައިސް ސާވޭކޮށްފައި ތުލުސްދު އަށް ގޮސް ތުލުސްދޫގެ ހިއްކި ބިން ވެސް ސާވޭކޮށްފައި ރައީސް އޮފީހަށް އެ މައްސަލި ފޮނުވި ހިސާބުން އެ މަސައްކަތް ހުއްޓިފައި އޮތީ،" ކައުންސިލަރު ހުސެން ވިދާޅުވި އެވެ.

"ސާވޭތައް ހަދައި ނިމުނު ފަހުން ހައުސިންގައި އަޅުގަނޑުމެން އެދުނީ މަސައްކަތުގެ އަޕްޑޭޓަކަށް. ދެންނެވީމާ ހައުސިން މިނިސްޓްރީން ވިދާޅުވަނީ ރަކީދޫ ރައްޔިތުން ތުލުސްދު އަށް ބަދަލުކުރުމަށް ބަޖެޓުގައި ހިމެނުމަށް ރައީސް އޮފީހަށް ވާނީ ލިޔުމަކުން ދަންނަވާފައޭ. އެހެންވީމާ، އެކަން އަވަސްކޮށްދެއްވައި ބަޖެޓުގައި ހިމަނައިދެއްވުމަށް އެދި، މި އަހަރުގެ ބަޖެޓު ފާސްކުރުމުގެ ކުރިން، މިދިޔަ އަހަރު އަޅުގަނޑުމެން ވެސް އޮންނާނެ ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފައި. އޭގެ ޖަވާބެއް ނުލިބޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ބަޖެޓުގައި އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ހިމަނާފައެއް ނެތް."

ރަކީދޫ މީހުން ތުލުސްދު އަށް ބަދަލުކުރުމާ ގުޅޭގޮތުން ރައީސް އޮފީހުން ވެސް އަދި ހައުސިން މިނިސްޓްރީގެ ވެސް ބަހެއް ނުލިބުނެވެ.

ރަކީދޫ ފަޅު ތެރޭގައި ދޯނިފަހަރު އަޅާފައި. ފޮޓޯ: އަބްދުﷲ ފަހުމީ

އެހެން ރަށަކަށް ރަކީދޫ މީހުން ބަދަލުކުރަން ހައުސިން މިނިސްޓްރީން ސާވޭކޮށްފައިވާ އިރު 1.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެ ރަށުގައި ފާލަމެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މިދިޔަ އަހަރުގެ މާޗް މަހު މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ އެކަން ހަވާލުކުރެއްވުމަށް ފަހު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ބަޖެޓުގައި ހިމަނައިގެން މިދިޔަ އަހަރު ޖެޓީ ހަދަން ނިންމީ ލަފާފުރުމުގެ ކަންކަން ވަރަށް އާދައިގެ ގޮތަކަށް ހުރި ރަށްތަކެއްގައި ކަމަށެވެ. އެކަމަކު އެ ހަ ރަށުގެ ތެރޭގައި ރަކީދޫ ހިމެނުމަކީ، ކައުންސިލުން ދެކޭގޮތުގައި، އިސްރާފެކެވެ.

"އެ އަށް ވުރެ މާ ރަނގަޅުވީސް ވާޓަރު ހެދިއްޔާ ނުވަތަ ރަކީދޫ ރައްޔިތުންނަށް އެހެން ކަމެއް ކޮށްދިނިއްޔާ. ނުވަތަ އެހެން ރަށަކަށް މީހުން ބަދަލުކުރަން އެ ފައިސާ ޚަރަދުކުރި ނަމަ ވެސް މާ ރަނގަޅުވީސް. މި ރަށުގެ ރައްޔިތުންނަށް އެކަށީގެންވާ ވަރުގެ ފާލަމެއް ކައުންސިލް މެދުވެރިކޮށް އޮންނާނީ އަޅައިދީފައި. އެ ފާލަން މެދުވެރިކޮށް މިހާރު އަރާފޭބުމުގެ ހުރިހާ ކަމެއް ކުރަމުން ދަނީ،" ހުސެން ވިދާޅުވި އެވެ.

"މިދިޔަ ދައުރުގައި އަޅުގަނޑުމެން އޮންނާނީ ފާލަމުގެ މަސައްކަތް ނިންމާފައި. މި ދައުރު ފެށިގެން އަޅުގަނޑުމެން އޮންނާނީ ފާލަމުގައި ހުރި ލަކުޑި ފިލާގެ ބަދަލުގައި ސިމެންތި ކޮންކްރީޓް ޝީޓް އަޅައި ފާލަން ވަރަށް ރަނގަޅުކޮށްފައި. ހަގީގަތުގައި ބުނާ ނަމަ ބޭކާރު ޚަރަދެއް އެ ކުރެވުނީ."

ރަކީދޫ މަގެއް މަތިން މީހަކު ހިނގާފައި ދަނީ ފޮޓޯ: ނިޔާޝާ އަބްދުއް ލަތީފް

"ދޯކާ ދީފައި ބޮޑު ގޮނޑި އަށް އަރާ"

އުޅެން ޖެހިފައިވާ ދަތި ހާލުން އަރައިގަނެވޭތޯ ކުރަމުންދާ އިންތިޒާރުގައި ތިބި ރަކީދޫ މީހުންގެ ފަރާތުން އިވެނީ މާޔޫސްކަމާއި ނާއުއްމީދުގެ އިހުސާސްތަކެވެ. ޒުވާނެއް ނަމަ، ކެތްތެރިކަން ކޮޅުންލަމުންދާ ކަމުގެ ޝުއޫރުތަކެވެ.

އެފަދަ އެކަކީ ޅ. ނައިފަރުގައި ދިރިއުޅޭ އައިޝަތު ޝިފާ އެވެ. އޭނާގެ ބަހުން ނަމަ ހުސް ވައުދުތަކާއި ދަޅަދެއްކުންތަކުން ރަކީދޫ މީހުންގެ ހައްގުތައް ނިގުޅައިގަންނަމުންދާތާ އެތައް ދުވަހެއް ވީ އިރު ވެސް އެ މީހުންނާ މެދު ހަމްދަރުދީވާނެ ބަޔަކު ނެތެވެ.

"(މަންމަގެ އަނިޔާތަކުގައި 2015ގައި މަރުވި) އިބްތިހާލްގެ ކަންތައްތައް އައި ފަހުން މި އެނގުނީ ރަކީދުއަކީ އޮންނަ ރަށެއްކަން. އެކަމަކު އަހަރެމެންނަށްތާ އެނގޭނީ އަހަރެމެންގެ ހާލަތު ހުރި ގޮތް،" ޝިފާ، 23، ބުންޏެވެ.

"އެންމެން ވެސް ބުނަނީ މަސައްކަތް ކުރަމޭ. އެކަމަކު އެ ކުރާ ތަނެއް ނުފެންނާތީ މައްސަލައަކީ. ކޮންމެ ބަޔަކު ވެސް ދޯކާ ދެނީ. އަހަރެމެންނަކީ ވެސް ރައްޔިތުން. އަހަރެމެންގެ ވެސް ހުންނާނެ ބޭނުންތަކެއް. ރައީސެއް ވިޔަސް، ކޮންމެ މީހެއް ވިޔަސް އަހަރެމެންނަށް ދަޅަ ދައްކާފައި ކޮންމެ ފަހަރަކު ދޯކާ ދީފައި މި މީހުން މި ތިބެނީ ބޮޑު ގޮނޑި އަށް އަރާ."

އުޖާލާ ކުރިމަގެއްގެ ހުވަފެންތައް ދެކޭ ޒުވާނުންގެ މިފަދަ އިހުސާސްތަކެކޭ އެއްގޮތަށް، އައިޝަތުމެން ފަދަ ދޮށީ މީހުންގެ އުދާސްތައް ވެސް ހޫނެވެ. ސިއްހީ މަރުކަޒާއި އިންޖީނުގެ އާއި ކޯޓުގައި ވަޒީފާ އަދާކުރާ ތިން ދަރިންނާއި ފަރު މަސްވެރިކަމުން އާމްދަނީ ހޯދާ ފިރިމީހާއާ އެކު ދިރިއުޅޭ އައިޝަތަށް މާޒީގެ ތަޖުރިބާ އިން އެއް ކަމެއް ޔަގީނެވެ. ކިތަންމެ ވަރަކަށް ވެސް ޝަކުވާކުރެވިއްޖެ އެވެ. ޚިޔާލު ހޯދައި މަޝްވަރާކުރަން ދާ މީހުންނަށް މި ވާހަކަ ކިތަންމެ ވަރަކަށް ވެސް ކިޔައިދެވިއްޖެ އެވެ. ނަތީޖާއެއް ނުފެނުނެވެ. ބިކަ ހާލުގައި ރަކީދޫ މީހުން އަވަދިވެ ނިމެނީ އެވެ.

"ދައްތަމެން ޗުއްޓީ ހޭދަކޮށްލަން ރަށްރަށަށް ގޮސް އުޅޭ އިރު، އެ ރަށްރަށުގެ މީހުން ދިރިއުޅޭ ގޮތާއި ކުދިން ސްކޫލަށް ލައިގެން ކިޔަވައިދީ ކަންތައް ކުރާ ތަން ފެނުނީމާ ހާދަ އަސަރެއް ކުރެއޭ. އެ ރަށްރަށުން ޚިދުމަތްތައް ލިބޭ އިރު އަހަރެމެން މި އުޅޭ ދަތި ހާލާ ދޭތެރޭގައި ހަމަ ވަރަށް ދެރަވޭ. ހުރިހާ އެންމެން ކުދިންނަށް ކިޔަވައިދޭން (ރަށުން ބޭރަށް) ދިޔައިމަ މުސްކުޅި މައިންބަފައިން ވެސް އުޅެން ޖެހޭނީ ކިހާ ނިކަމެތި ހާލެއްގައި؟،" އޭނާ ބުނެލި އެވެ.

އައިޝަތު ފަދަ މީހުންގެ ހަމައެކަނި އުދާހަކީ މާމަ ދަރިން ލޯމަތިން ގެއްލުމެއް ނޫނެވެ. ކޮންމެ ދުވަހެއްގެ ބޭނުންތައް ފުއްދަން އުފުލަން ޖެހޭ ތަކުލީފު ވެސް މެ އެވެ. ރަށުގެ ހާލަތެވެ. މަންޒިލެއް ފެންނަން ނެތް ރާސްތާއެއްގައި ދިރިއުޅުމަށް ހުއްޓުން އަރާފައިވާ ކަމުގެ އިހުސާސެވެ.

102 ކޮމެންޓް, 326 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 95%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މރ.ލީޒިންޗޮން

15 January 2018

ވ.ރަކީދޫގެ ރައްޔިތުންނާއި އެކު އެރަށް މަށަށް ވިއްކާލަންވީނު.. ރަށުގެ އެންމެންނަށް ހުރިހާ ޚިދުމަތެއް ހިލޭދޭނަން..

The name is already taken The name is available. Register?

މުސާފިރު ޚާނާ

15 January 2018

ރަކީދޫ މީހުނަށް ގޮތްގޮތް ހޯދައިދޭން ކުރމަސައްކަތްތައް އެ ކުރިފަރާތްތަކަަސް އެގޭނީ. ވަކިވަރަކަށް ވާހަކަދެއްކޭނީ. ވެރިކަމާ ގެދޮރުވެރިކަމާ އެއްކޮށް ނުލިބި ހިގައިދާނެ.

The name is already taken The name is available. Register?

ކައުނސިލް

15 January 2018

ބޯހަރު ބައެއްތީ... އަހެން ބައްޕަމެން ދެ ބުރަށް ތިރަށުން މީންހުން ބާލަން ރަށުމީހނާ ވާހކަ ދެއްކި... ބޮލަށް ގާއުކާ ބޭލުވީ... ދެން ތިހެން ތިބޭ...

The name is already taken The name is available. Register?

ޙައްވާފުޅު

15 January 2018

އޭރުވެސް ގޮތްދޫނުކުރި މީހުންގެ ދަރިން މިހާރުވެސް ހުރިހާ ނުބައެއް ހަދަނީ. އެހެން ނުންވާނީ އެމީހުންގެ ތިމާގެ މީހުން އެއްވެސް ކުއްޔަކާ ނުލާ ބޮޑު ބިމެެއް ދީފަ އޮތީ ސަފާރީބަންނަން. އެހެން ރަށަކަށް ރަކީދޫ މީހުން ބަދަލުވެއްޖެއްޔާ މި މީސް މީހުނައް އެހާ ފަސޭހަކޮށް ކަންކަން ނުކުރެވޭނެ.

The name is already taken The name is available. Register?

ހަސަން އަލީ

15 January 2018

ރަކީދޫ މީހުން މާލޭގައި ކުއްޔަށް. އެލިބޭލާރިން މާލޭ މީހާ ގޮސް ރަކީދޫގައި ގެސްޓްހައުސް.

The name is already taken The name is available. Register?

ދުންޏާ

14 January 2018

ކަމެއް ވިއްޔާވެސް ކޮށްދެނީ ގިނައިން ވޯޓް ލިބިދާނެ ހެން ހީވާ ތަނަކަށް. އެއްވެސް މީހަކަށް އެމީހުންގެ އަޑެއް ނީވުނު. ގައިމު ވެސް މެޑަމް ގާތު ބުނެބަލަ. ސަދަޤާތު ފައުންޑޭޝަނުން ނަމަވެސް ބޮލާލައި ނުޖަހާނެ

The name is already taken The name is available. Register?

އަބްދުއްލާ

14 January 2018

ބޭކާރު ގޮތުގާ ފައިސާ ހޭދަ ކުރާ ވާހަކަ ގާނޫނުއަސާސީ އަކު ލިޔެފައެއް ނެތް .ވީމާ ދަވްލަތަށްވެސް ރަކީދޫގެ އާބާދީ އަށް ވެސް ފައިދާބޮޑީ ބޮޑު އާބާދީ އެއް އޮތް ރަށެއްގަ ވަޒަންވެރި ވެވުމުން. އޭރު އެރަށް ތަރައްގީވޭ ރާއްޖޭގަ ލިބޭ ހުރިހާ ހިދުމަތެއް ލިބިގެން ދާނެ.

The name is already taken The name is available. Register?

ނުދައްކާ ވާހަކަ

14 January 2018

ސަރުކާރުގެ މަތީ ފަންތީގެ މީހުނައް ބިމާ ފުލެޓާ ދޭއިރު ހާލުގަ ބަޔަކު އުޅޭހެންވެސް މިސަރުކާރަކަށް ނޭނގޭ. މީހަކު އަޅެފަހެ އަޖައިބެއް ނުވާނެތަ؟

The name is already taken The name is available. Register?

ނާސު

14 January 2018

ދަރިން ނުލިބޭ މައްސަލައަށް ބޭސް ކުރަން ޑޮކްޓަރަށް ދިޔައީމަ ޑޮކްޓަރު ބުނާނީ މީހާގެ މިޒާޖާ ތަބިއްޔަތު ތިހިރީ ކުދިން ބެލުމަށް ލާޒިމު ކުރާގޮތަކަށް ނޫނޭ، މީހާ އިންތިހާއަށް މާޔޫސް ވެގެން ހުރެގެން ދަރިން ލިބުމަކީ އިތުރު ވޭނެއް ނޫންހޭ. ރިޒްގު(މުދާ މިސާލަކަށް) ނުލިބިގެން އުޅޭ މީހުންވެސް ވިސްނާލަންވީ އެމީހުންގެ ކިބައިގަ މުދާ ރައްކާކޮށް ސަލާމަތުން ބެލެހެއްޓުމާ ރަގަޅަށް މުދާ ބޭނުން ކުރާނެ ގޮތުގެ އިލްމް ހުރިތޯ. އިންސާނާގެ ކަންކަން ހައްލުވާނީ ވަކި ތަރުތީބަކުން. މި ކައުނު ވެސް ހިނގަނީ އެގޮތަށް. 90 އަހަރު ތަކުގަ ޓްރިވެންޑްރަމް އަށް ދިވެހިން ހިޖުރަ ކުރީ ބޮޑު މާސިންގާ ގެތައް 200 ޑޮލަރަށް ލިބޭތީ މާ ހިތްހަމަޖެހޭނެ ކަމަށް ހީކޮށް، އެކަމަކު އެ ގޭ ތަކުން ފެންނަނީ ވިއްސިވިހާލި ވެފަ އޮތް އާއިލާތަކެއް، އާއިލާގެ ހުރިހާ އެންމެ ޗުއްޓީ އަށް އައިސްފަ، ހިލޭ އަންހެނުންނާ ފިރިހެނުން މަސްހުނިވެ، ގެ އަށް ވަދެ ނިކުތުމުގެ ވެސް ގަވާއިދެއް ނެތް، ގޭގެ އަމުރު ކުރާ މީހާ އަކީ ކާކު ކަމެއް ވެސް ނޭނގެ.

The name is already taken The name is available. Register?

އަސްލަމް

14 January 2018

މާލޭ ބްރިޖަށް 300މ ހަރަދުކުރަނީވެސް މިރަށުގެ މީހުންގެ ހައްޤުތައް ނަގާލާފައި!

The name is already taken The name is available. Register?

މުހައްމަދު1283

14 January 2018

މިއަދު ރަކީދޫ، މިސަރުކާރުގެ ސިޔާސަތުގެ ސަބަބުން މަދާމާ ފުވައްމުލައް، ހޯރަފުށި،ދިއްދޫ، މަކުނުދޫ، ތޮއްޑޫ ހުޅުމީދޫ ފަދަ ބިންބޮޑު އެތަށް ރަށްރަށެއްގެ މީހުންވެސް މިހާލަތު ދިމާވާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454