އިންޑިއާގެ ޗަންދިގާރްގައި އެޗްއައިވީ އަށް ހޭލުންތެރި ކުރުވަން ހިންގި ކެމްޕޭނެއްގެ ތެރެއިން. --ފޮޓޯ:ރޮއިޓާސް
06 ފެބުރުއަރީ 2018 - 15:52
އުއްތަރަ ޕްރަދޭޝް (ފެބްރުއަރީ 6) - އިންޑިއާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ލައިސަންސް ނެތް ޑޮކްޓަރަކު އެތައް ބަޔަކަށް ފަރުވާ ދޭން އެއް ސިރިންޖެއް ބޭނުން ކުރުމުން 40 އަށް ވުރެ ގިނަ މީހުންނަށް އެޗްއައިވީ ޖެހިފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
އެތައް ބަޔަކަށް އެޗްއައިވީ ޖެހިފައިވާކަން އެނގުނީ އިންޑިއާގެ އެންޖީއޯއަކުން ނޮވެމްބަރު މަހު ހިންގި ހެލްތު ކޭމްޕެއްގެ ތެރޭގަ އެވެ. އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ.
އޭރިޔާ ކައުންސިލަރެއް ކަމަށްވާ ސުނިލް ބަންގަރްމައު ވިދާޅުވީ ޓެސްޓް ކުރި 400 މީހުންގެ ތެރޭން އެޗްއައިވީ އަށް ޕޮޒިޓިވް 40 މީހުން ފެނިފައިވާ ކަމަށެވެ. އަދި ރަނގަޅު ޓެސްޓްތަކެއް ހަދައިފި ނަމަ އެޗްއައިވީ ޖެހިފައިވާ މީހުންގެ އަދަދު 500 އަށް ވުރެ މައްޗަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަލިވެގެން ދިޔައީމާ އެ ޑޮކްޓަރު އެންމެންނަށް ވެސް ބޭނުން ކުރީ އެއް ސިރިންޖެއް ކަމަށް ވަނީ،" އޭނާ ވިދާޅުވި އެވެ.
އުއްތަރަ ޕްރަދޭޝް ހެލްތު މިނިސްޓަރު ސިއްދާތު ނާތު ސިންގް ވިދާޅުވި ލައިސަންސް ނެތި ބަލި މީހުންނަށް ފަރުވާ ދިނުން ހުއްޓުވާނެ ކަމަށެވެ.
"އެ މައްސަލަ ތަހުގީގު ކުރާނަން. އަދި ލައިސަންސް ނެތި ފަރުވާ ދޭ ޑޮކްޓަރުންނަށް ފިޔަވަޅު އަޅާނަން،" ސްޓޭޓުގެ ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގު ފެށި ފަހުން އެ ޑޮކްޓަރު އުޅެނީ ފިލައިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު
06 February 2018
އިންޑިޔާ ސަރުކާރުން ރާއްޖޭގެ ދާޚިލިއްޔަތާ ނުބެހި އަމިއްލަ ގައުމުގައި ހުރި މިކަހަލަ ކަންކަން ރަގަޅުކޮށްދީބަލަ.