01 މާޗް 2018 - 10:23
ޕެރިސް (މާޗް 1) – އޮލިމްޕިކް މާސޭ އަތުން 3-0 އިން މޮޅުވެ ފްރެންޗް ލީގު ކަޕުގެ ސެމީ ފައިނަލަށް ޕީއެސްޖީ ދަތުރުކުރި މެޗުގައި، ނޭމާގެ މަގާމް، އާޖެންޓީނާގެ ވިންގާ އެންހެން ޑި މާރިއާ ފުރައި މޮޅު ކުޅުމެއް ދައްކައިފި އެވެ.
މި މެޗުގައި ޑި މަރިއާ ދެ ލަނޑު ޖެހިއިރު ޕީއެސްޖީގެ އަނެއް ލަނޑު ޖެހީ މި ސީޒަނުގައި ޔޫރަޕްގެ ރަން ބޫޓަށް ވާދަކުރަމުން އަންނަ އެޑިސަން ކަވާނީ އެވެ.
މިދިޔަ އާދިއްތަ ދުވަހު ފްރާންސް ލީގުގައި އޮލިމްޕިކް މާސޭ އަތުން ޕީއެސްޖީ މޮޅުވި މެޗުގައި ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ފައި ފުރޮޅާލައި ކުޑަހުޅު ދުޅަވެ އަދި ފައިތިލައިގެ ކަށިކޮޅެއްގައި ވަނީ ރެނދު ލައިފަ އެވެ. ނޭމާގެ ފަަޔަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވާން މިއަދު ބްރެޒިލްގައި ސާޖަރީ ކުރިއަށް ގެންދާނެ ކަމަށް ޕީއެސްޖީން ވަނީ ބުނެފަ އެވެ.
ޗެމްޕިއަންސް ލީގުގައި އަންނަ ހަފްތާގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި ޕީއެސްޖީ ކުޅެން ޖެހޭނީ ނޭމާ ނުލަ އެވެ. އެއީ އެ ޓީމަށް ލިބޭނެ އުނިކަމެކެވެ. އެހެން ނަމަވެސް ރޭގެ މެޗުގައި ޑި މަރިއާ ދެއްކި މޮޅު ކުޅުމާ އެކު ޕީއެސްޖީ އަށް އުއްމީދު އާ ވެފައިވާ ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ވަނީ ބުނެފަ އެވެ.
"ނޭމާ ނެތުމަކީ ލިބޭނެ ގެއްލުމެއް. އެކަމަކު މި ޓީމުގައި ދެން ތިބި ކުޅުންތެރިންނަށް އަހަރެން އިތުބާރު ކުރަން. މި މެޗުގައި ޑި މަރިއާ އެކަން ސާބިތުކޮށްދީފި،" އެމެރީ ބުންޏެވެ.
ރެއާލް އަތުން ފުރަތަމަ ލެގުގައި ޕީއެސްޖީ ބަލިވީ 3-1 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްޖަ
01 March 2018
ހުސްތަންތަން ފުރާނެ ބައިވަރުމީހުން މިޓީމުގާ ތިބޭނެ. މުޅިޓީމަކީ ނޭމާއެއްނޫން.