މުބާރާތުގެ ޗެމްޕިއަންކަން ހޯދި އީޓީއެފްއޭގެ 15 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު.
26 މާޗް 2018 - 20:45
ސްރީ ލަންކާގައި ބޭއްވި މެންޗެސްޓާ އިންޓަނޭޝަނަލް އިންޑިޕެންޑެންސް ޖޫނިއާ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ އާލީ ޓަޗް ފުޓްބޯލް އެކަޑަމީ (އީޓީއެފްއޭ) ގެ 15 އަހަރުން ދަށުގެ ޓީމުން ހޯދައިފި އެވެ.
ލަންކާ އާއި ރާއްޖޭން ޖުމްލަ 12 ޓީމު ވާދަކުރި މުބާރާތް ތަޖުރިބާކާރު ކޯޗު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) ހިންގާ އެކަޑަމީގެ ޓީމުން ކާމިޔާބުކުރީ އިއްޔެ ފައިނަލުގައި ލަންކާގެ މެންޗެސްޓާ ރެޑް ޓީމު އަތުން 1-0 އިން މޮޅުވެގެންނެވެ.
އީޓީއެފްއޭ އިން ވަނީ މިދިޔަ އަހަރު މާލޭގައި ބޭއްވި 14 އަހަރުން ދަށުގެ މައިލޯ ހުޅުމާލޭ ސްޕޯޓްސް ސްކޫލް އިންވިޓޭޝަން ސޮކާ ކަޕުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. އެ ފަހަރު ވެސް މޮޅުވީ ލަންކާގެ މެންޗެސްޓާ ސްޕޯޓްސް އެކަޑަމީގެ ޓީމެއްގެ އަތުންނެވެ.
"މިއީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. ސަބަބަކީ ޖޫނިއާ އުމުރެއްގައި ބައިނަލްއަގްވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ލިބުމަކީ ޖޫނިއާ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެތީ. އަނެއްކާ ލަންކާގައި ލަންކާ ޓީމެއް ބަލިކޮށްފައި މި ކާމިޔާބު ލިބުނީ. އެއީ ވެސް ހާއްސަކަމެއް،" އީޓީއެފްއޭގެ ކޯޗެއް ކަމަށްވާ ކުރީގެ ގޯލްކީޕަރު އަހުމަދު މުރުތަލާ (މުރޭ) ބުންޏެވެ.
އީޓީޢެފްއޭގެ ޓީމު މުބާރާތަށް ތައްޔާރުކޮށް ކޯޗުކޮށްދިނީ ތަޖުރިބާކާރު ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) އެވެ. އޭނާއާ އެކު އީޓީއެފްއޭގެ ހެޑްކޯޗު ބޮޑުހީނާ ވެސް އަމަލީ ގޮތުން ބައިވެރިވި އެވެ. މުބާރާތުގައި ވާދަކުރަން އީޓީއެފްއޭ ޓީމަށް ބެލެނެވެރިންނާއި ވަރަށް ގިނަ އެހެން ފަރާތްތަކުގެ އެހީތެރިކަން ލިބުނު ކަމަށް އެ އެކަޑަމީން ބުނެ އެވެ.
މި މުބާރާތުގައި ރާއްޖޭން ދެން ބައިވެރިވީ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ އެކަޑަމީ އާއި ހުޅުމާލޭގެ ދެ އެކަޑަމީއަކުންނެވެ.
ރާއްޖޭގެ ޓީމުތައް ކުޅުނު މެޗުތައް ބައްލަވާލެއްވުމަށް ސްރީ ލަންކާގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވި އެވެ. މީގެ އިތުރުން ސްރީ ލަންކާގައި މި ވަގުތު ތިބި ގިނަ އަދަދެއްގެ ދިވެހިން ވެސް ދަނޑަށް ދިޔަ އެވެ. އޭގެ ތެރޭގައި 1984 ވަނަ އަހަރުގެ ސާފް ގޭމްސް އިން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ކެޕްޓަން އިބްރާހިމް ނޫރައްދީނާއި ވިކްޓަރީ ސްޕޯޓަށް ކްލަބަށް 1985 ވަނަ އަހަރު ގައުމީ ތަށި މިލްކުކޮށްދިން ކޯޗު އަބްދުލްޖަލީލް (އަބުޖީ) ހިމެނެ އެވެ.
އީޓީއެފްގެ ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިރޭ 11:15 ޖައްސާ ސްރީ ލަންކަންގެ ބޯޓުންނެވެ. މާލޭ ރަސްމީ ފާލަމުން ޓީމަށް މަރުހަބާ ކިޔުމަށް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤައުމު
27 March 2018
މަރްޙަބާ! މަރުހަބާ!
ާަާއުފާ
27 March 2018
މަރުހަބާ އީ.ޓީ.އެފް.އޭ ގެކުދިން ކޮޅަށް..
ޢަބްދުﷲނާފިޒް
26 March 2018
"ރާއްޖޭގެ ޓީމުތައް ކުޅުނު މެޗުތައް ބައްލަވާލެއްވުމަށް ސްރީ ލަންކާގައި މިވަގުތު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވި އެވެ". އަމައްޔާއި، މެޗުބަލަން ދަނޑަށްވަދެ ތިބި މީހުނަށް އަނެއްކާ ތިކަން އެނގުނބާ! އާނފަހެ ރާއްޖޭގަ ހުރި އެންމެ ބޮޑު ޓެރަރިސްޓު ވިއްޔަ ދެއްތޮ، މީހަކު ބިރުން ފިއްކަނޑައިގެން ހިނގައިދާނެނު.
ޏަމްޏަމް
27 March 2018
ބައްލަވާ އެބޭފުޅާ ދުރުވާ ހުރިހައި ތަނަކަށް ދަނގަޑު ހެދުންލާފަ ތިބިމީހުންނާ ދަގަނޑު ގޭޓް ހިއްޕަވައިގެންނެއް ނޫން ދުރުވަނީކީ. އެހެންވީމަ ފަހަރެއްގަ ނޭގި ދާނެ.