ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ (ވ) ލިޔުއްވި ދެ ފޮތެއް، އައިޔޫއެމްގެ ޗާންސެލާ ޑރ. ޝަހީމް މިއަދު ނެރެދެއްވަނީ.-- ފޮޓޯ: އައިޔޫއެމް
05 އެޕްރީލް 2018 - 17:37
ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ ލިޔުއްވި ދެ ފޮތެއް، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މިއަދު ނެރެފި އެވެ.
ޒަކަރިއްޔާ އަމިއްލައަށް ދިރާސާކުރައްވައިގެން ދިވެހި ބަހުން ލިޔުއްވި "ކީރިތި ގުރުއާނުގެ ދިފާއުގައި" އަދި އޭނާ ދިވެހި ބަހަށް ތަރުޖަމާކުރެއްވި އިސްލާމީ ފައިނޭންސްގެ ފޮތް ނެރެދެއްވީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އައިޔޫއެމްގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޔޫއެމްގެ ސެންޓާ ފޯ ޕޯސްޓް ގްރެޖުއޭޓްގެ ޑީން ޑރ. ޒަކަރިއްޔާ ވިދާޅުވީ މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް އެ ދެ ފޮތުން ވަރަށް ބޮޑު އެހީއެއް ލިބޭނެ ކަމަށެވެ. އަދި އެ ދެ ފޮތް ލިޔެ ތައްޔާރުކުރެއްވުމުގެ ތެރޭގައި އޭނާ އަށް ވެސް ވަރަށް ގިނަ މައުލޫމާތުތަކެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.
ޗާންސެލާ ޑރ. ޝަހީމް ވިދާޅުވީ އެ ޔުނިވާސިޓީން މިއަދު ނެރުނު ދެ ފޮތަކީ އާއްމު ދިރިއުޅުމަށް ވެސް ބޭނުންތެރި ފޮތަކަށް ވެގެންދާނެ ކަމަށެވެ. އަދި އެކަމުގެ ފައިދާ ގާރީ ކޯހާއި އިމާމު ކޯހުގެ ދަރިވަރުންނާއި އިސްލާމް ޓީޗަރުންނަށް ވަރަށް ބޮޑަށް ކުރާނެ ކަން ފާހަގަކުރެއްވި އެވެ.
ޝަހީމް ވިދާޅުވީ އެ ޔުނިވާސިޓީގެ އަމާޒަކީ އަހަރަކު އެއްފަހަރު އިލްމީ ދިރާސާ ފޮތެއް ނެރުއްވުން ކަމަށެވެ.
އޭނާ ވިދާޅުވީ އައިޔޫއެމްގެ އެންމެ ފުރަތަމަ އެސޯސިއޭޓް ޕްރޮފެސަރަކަށް ޒަކަރިއްޔާ ވެގެންދާނެ ކަމަށެވެ. އެކަމަށް ތަރުހީބު ހޯދުމަށް އެ ޔުނިވާސިޓީގެ ކައުންސިލަށް އަންނަ ހަފުތާގައި ހުށަހަޅުއްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
ކީރިތި ގުރުއާނުގެ ދިފާއުގެ ފޮތަކީ ޒަކަރިއްޔާ އަމިއްލައަށް ދިރާސާކުރައްވައިގެން ލިޔުއްވި ފޮތެކެވެ. އޭގައި ގުރުއާނާ ބެހޭ މުހިއްމު މައުލޫމާތުތަކެއް ހިމަނާފައި ވެ އެވެ. އައިޔޫއެމްގެ ފޮތް ފިހާރައިން ލިބެން ހުރި އެ ފޮތުގައި 684 ސޮފްހާ ހިމެނެ އެވެ.
އިސްލާމީ މާލީ މުއާމަލާތަށް މަގެއް ފޮތަކީ މުފްތީ މުހައްމަދު ތަގީ އުޘްމާނީ ލިޔުއްވައި، ޒަކަރިއްޔާ ތަރުޖަމާ ކުރެއްވި ފޮތެކެވެ. އިސްލާމިކް ފައިނޭންސާއި ބޭންކިން ދާއިރާއާ ގުޅޭ މުހިއްމު މައުލޫމާތެއް ލިބޭނެ އެ ފޮތުގައި 333 ސޮފްހާ ހިމެނެ އެވެ.
އެ ދެ ފޮތް ވިއްކައިގެން ލިބޭ ފައިސާ ހަރަދުކުރަން ހަމަޖައްސާފައިވަނީ އައިޔޫއެމްގެ ތަރައްގީ އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސަލަސް
06 April 2018
އަމިއްލައަށް ދިރާސާކޮށްގެންނޭ ބުނުން ރަނގަޅެއް ނޫން ކަންނޭނގެ. ގުުރުއާނާ މެދު ޝައްކު އުފައްދާ މީހުން ދައްކާ ވާހަކަތަކާއި އޭގެ ރައްދުތައް ހިމެނޭ ވަރަށް ގިނަ ފޮތްތައް އެބަހުރި. އެފޮތްތަކުގައި ހުރި ވާހަކަ ތިޔަ ފޮތުގައިވެސް ވަނީ. އެފޮތްތައް ބަލައިގެން ހެދި ފޮތެކޭ ބުނީމަ މާ ގުޅޭހެން ހީވަނީ.
މުވައްޒަފެއް
06 April 2018
ފޮތް އާންމުންނަށް ދޫކުރަންފަށަން ހަމަޖެހިފައި ވަނީވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން. މި ފޮތުގައި ވާއެއްޗެއް ދެން ތިބޭފުޅާއަށް އެނގެނީ ކިހިނެއްތޯ؟
އުމަރު
06 April 2018
މިހާރު ރާއްޖޭގައި ތިބި މޮޅެތި މީހުން އެބަޖެހޭ ފޮތްތަކެއްނެރެން، ތިޔަ ކުރެއްވީ ރަނގަޅުކަމެއް، ޒަކަރިއްޔާގެ ނަން އަންނަން އޮތް ޖީލްތަކުން ބަލައިގަންނާނެ ތިޔަފަދަ ކަންތަށް ކުރެއްވީމަ، އެހެންކަމުން މަރުހަބާ
ތަރާނާ
06 April 2018
މި ބޭފުޅާ ޕީ.އެޗް.ޑީ ނެންގެވުމަށްފަހު އެސޯޝިއޭޓް ޕްރޮފެސަރކަމުގެ ލަޤަބު ޙައްޤުވާމިންވަރަށް މި ބޭފުޅާގެ ޢިލްމީ އުފެއްދުންތައް ވުދޫދަށް ނެރެދެއްވައިފިބާ! އެހެންވިއްޔާ އޯކޭ... އިސްލާމީ ޔުނިވާސިޓީއަށްވުރެ މާކުރިން، ޔުނިވާސިޓީއެއް ވުޖޫދުވެ، އެ ތަނުގައި އުޅުއްވާ ޕީ.އެޗް.ހޯލްޑަރުން ވަރަށްގިނަ ޢިލްމީ އިޞްދާރުތައް ދިވެހި މިދޭހަށް އުފަންކުރުވައިފި އަދި މިހާރުވެސް އެފަދަ މަސައްކަތްތައް ކެނޑިނޭލި ކުރައްވަމުން އެތިބަ ގެންދަވަނީ...އެބޭފުޅުންގެ ކިބައިގައި، މިފަދަ ޝަރަފުވެރި ޢިލްމީ ލަގަބަކަށް ދަހިވެތިވުމުގެ ކަމެއް ހަމަ ނެތީބާ..!
މެންޓަލިސްޓް
06 April 2018
ކީރިތި ގުރުއާންއާޢި ބެހޭ އެންމެ މުހިންމު އެއްހޯދުން ނޫނީ މިރެކަލްއެއްގޮތުގައި ވާ ހޯދުން ހޯދީ ރަޝާދާ ޙަލީފާކިޔާ އިލްމްވެރިއެއް ،،،، އެބޭފުޅާ ކީރިތިގުރުރާންގެ ހުރިހާ ބަސްތަކާޢި އަކުރުރަށް ވަކިވަކިން ގުނޭނެގޮތަށް ކޮމްޕިއުޓަރަކަށް އަޅައިގެން ކުރި ރިސާޗްގެ އެހީގައި ގުރުއާންގައިވާ ނަންބަރ 19 ގެ އަޖައިބުހޯދީ ،،، ބިސްމީގައިވެސް 19 އަކުރު ،،، ފާތިހާ ސޫރަތް ކިޔާއިރު 2 ތުންފަތް ޖެހޭނީވެސް 19 ފަހަރު ،،، މިހެންގޮސް 19 އިންގެއްލި ހުސްވާ އެތަށްކަމެށް ހުންނާނެ ،،،، އާޙިރުގައި މިއިލްމްވެރިޔާ ރަޝާދާ ޙަލީފާ ރަސޫލްކަމަށް ގޮވައިލައިގެން މައްސަލަ ޖެހި އެންމެފަހުން ބަޔަކު އޭނާ މަރާލީ ،،،، ނަމަވެސް އޭރު އޭނާއޮތީ ހުރިހާ އެއްޗެއް ޕަބްލިޝްކޮއްފައި ،،،، ވީމާ ރާއްޖޭގެ ތިއްބެވި އެއްވެސް އިލްމްވެރިޔަކަށް އަދި އޯހޯދުމެއް ނުހޯދޭ ،،، ކުރާހާވެސް ކަމަކީ ތަރްޖަމާކުރުން ،،، މައައްސަލާމާ
ވިކުރާލިޔާމީހާ
06 April 2018
ބޭންކިން އާއި ފައިނޭންސް ނޭގޭ މީހަކު އެދާއިރާގެ ފޮތެއް ކަމުދާގޮތަކަށް ތަރުޖަމާނުކުރެވޭނެ އެފޮތް ލިޔެފައިވާ ބޭރު ބަސް އެނގުނަކަސް! ދެން ގާރީ ކޯސް ހަދާމީހުންނާއި ހުރިހާ ޓީޗަރުން ތިގަންނާށޭ ދޯ ތިބުނީ، ފޮތް ގިނައިން ވިއްކަން ޖައްސާގޭމު
އެކެޑެމީ
06 April 2018
ސަހީމޫ! ތަރުހީބެއްނޫން! ތާއީދު "އެކަމަށް ތަރުހީބު ހޯދުމަށް އެ ޔުނިވާސިޓީގެ ކައުންސިލަށް އަންނަ ހަފުތާގައި ހުށަހަޅުއްވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ."
ރާއްޖެ
05 April 2018
ގައުމީ ޔުނިވަރސިޓިގައި ތިއްބެވި "ފުންނާބު އުސް" ބޭފުޅުންގެ މަސައްކަތެއް ނެތްތަ؟؟؟
މަށޭމީ
06 April 2018
އެމް އެން ޔޫ އަކީ ދިރާސާ ކޮށް ޝާޢިޢު ކުރަން ހިތްވަރުދޭ ތަނެއް ނޫން.
މުއާޒް
05 April 2018
ޝުކުރިއްޔާ