ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ވިޒިޓް މޯލްޑިވްސް ވެބްސައިޓްގައި ބޭނުންކޮށްފައިވާ ފޮޓޯއެއް
23 ޖުލައި 2016 - 13:36
ޓޫރިޒަމަށް ހާއްސަ ބްރޭންޑިންގެ ހިދުމަތް ދޭ ކުންފުނި "ކުއޯ" ގެ އޮފީހެއް ރާއްޖޭގައި ހުޅުވައިފި އެވެ.
ކުއޯ މާލެ އޮފީސް ހުޅުވާފައި ވަނީ ޓޫރިޒަމް މަޖައްލާ "ހޮޓެލިއާ މޯލްޑިވްސް" ނެރޭ ޕާސްޕެކްޓިވް ކުންފުންޏާ ގުޅިގެންނެވެ.
ޕާސްޕެކްޓިވް ކުންފުނިން ބުނި ގޮތުގައި މި އޮފީހުގައި ޓޫރިޒަމްގެ ސިނާއަތަށް ހާއްސަ ހިދުމަތްތައް ފޯރުކޮށްދޭނެ އެވެ. އެގޮތުން ބްރޭންޑް ސްޓްރެޓަޖީ އަދި އެމްޕްލިކޭޝަން، ކޯޕަރޭޓް އައިޑެންޓިޓީ، ކްރިއޭޓިވް ޑިޒައިން، ކޮންޓްރެކްޓް އަދި ވީޑިއޯ އުފެއްދުން ފަދަ ހިދުމަތްތައް ހިމެނެ އެވެ.
އެ ކުންފުނިން ބުނީ މާލޭގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ބޭނުންވެފައިވާ ގިނަ ހިދުމަތްތަކެއް ކުއޯގެ އޮފީހެއް ގާއިމުކުރުމުން ފަސޭހަކަމާ އެކު ފޯރުކޮށްދެވޭނެ ކަމަށެވެ.
"ކުއޯ އިން ގެނެސްދެނީ ބައިނަލްއަގްވާމީ ބްރޭންޑިން ތަޖުރިބާ. ޕާސްޕެކްޓިވް އިން ފޯރުކޮށްދެނީ ރާއްޖޭގެ ޓޫރިޒަމާ ބެހޭ މައުލޫމާތާއި ޕަބްލިޝިންގެ ތަޖުރިބާ. އެހެންވެ މި ދެ ކުންފުނި ގުޅުމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ވަރުގަދަ ވާނެ،" ޕާސްޕެކްޓިވް އިން ބުންޏެވެ.
މި އޮފީސް ހުޅުވުމާ ގުޅިގެން ކުއޯގެ ސީއީއޯ ޑޭވިޑް ކީން ވިދާޅުވީ މިއީ ރާއްޖޭގެ ޓޫރިޒަމަށް ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއް ކަމަށާއި ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ބަަދަލުވަމުން ދާ ކަމަށެވެ. އަދި މި ބަދަލާ އެއްގޮތަށް މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވިސްނުން ބަދަލު ކޮށް، ޓޫރުސްޓުންނަށް ރާއްޖެ ސިފަކުރެވޭ ގޮތް ބަދަލުކުރަން ރާއްޖޭގެ ސަގާފަތާއި އާދަކާދައިގެ ތަޖުރިބާތައް އެމީހުންނަށް ދައްކައިދޭން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.
"ކުއޯގެ ބްރޭންޑިން ތަޖުރިބާގެ އިތުރުން މުހިންމު ގުޅުންތައް އެކުލެވޭ ވިއުގަތަކާއި ތަޖުރިބާކާރު ޓީމުގެ ޒަރިއްޔާއިން ރާއްޖޭގެ ރިސޯޓުތަކާއި ހޮޓެލްތަކަށް ބައިނަލްއަގްވާމީ ފެންވަރުގެ ހިދުމަތެއް ހޯދުމުގެ ފުރުސަތު މިހާރު މިވަނީ ފަހި ވެފައި،" ޕާސްޕެކްޓިވްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މަމްދޫހު ވިދާޅުވި އެވެ.
ކުއޯ އިން ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ބޮޑެތި ބައެއް ރިސޯޓް ބްރޭންޑުތައް އުފެއްދުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އޭގެ ތެރޭގައި ޕާ އަކުއާ ހުވަފެންފުށި، ބަރޮސް، ވެލައްސަރު އަދި ސަން ސިޔާމް އިރުފުށި ފަދަ ރިސޯޓުތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަމީދު
24 July 2016
ދެ ކޮމެންޓުވެސް ވަރަށް ހެއްވާ
މޫސަ
24 July 2016
ތީޔައީ ވަރައް ދެރަ ކަމެއް، މިގައުމުގަ ތިބި ކްރިއޭޓިވް އާޓިސްޓުންނައް އަދި ކުންފުނި ތަކައްވެސް ވަރައް ދެރަކަމެއް. އަދި ދިވެހި ކުންފުނިއަކާ ގުޅިގެން ތިކަން ކުރީމަ ތިޔައީ ވަރައް ދެރަކަމެއް.
ޢަލީ
23 July 2016
ދިވެހި ކުރިއޭޓިވް މީހުންނަށް އެޅޭނެ ހުރަހެއް. ތިޔަމީހުން މަސައްކަތްކުރުވާނި ބޭރުމީހުން ލައްވާ، ލާރިކޮޅުވެސް ގެންދާނި ބޭރަށް. ހިތާމަހުރި.