ފުރާވަރުގެ ކުދިންނަށް ފުލުހުން ހިންގި ޕްރޮގްރާމެއްގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވަނީ-- ފޮޓޯ/ ޕޮލިސް
25 ޖޫން 2018 - 13:32
ކުދިންގެ އަހުލާގު ރަނގަޅުކޮށް، ބޭނުންތެރި ބަޔަކަށް ހެދުމަށް މީގެ އެތައް އަހަރެއް ކުރިއްސުރެ ސަރުކާރުން ކ. މާފުށީގައި ހިންގި އިސްލާހިއްޔާ ނުވަތަ ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު އުވާލި ނަމަވެސް އެ ފަދަ ތަނެއް މިހާރު ހުރުން މުހިއްމު ނޫން ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން ހިންގުމަށް ފަހު، ހޯމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރި އިސްލާހިއްޔާ ހުއްޓާލާފައިވަނީ މިދިޔަ އަހަރު އެވެ. އޭރު އެތަން ބަންދު ކުރީ މަރާމާތަށް ނަމަވެސް، އޭގެ ފަހުން އެތަނަކަށް ކުދިންނެއް ނުގެންދެ އެވެ.
އިސްލާހިއްޔާގައި ތިބި ކުދިން ބަދަލު ކުރީ ކުޑަކުދިންގެ ހިޔާއަށެވެ.
ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) ގެ އެގްޒެކެޓިވް ޑިރެކްޓަރު ހާމިދު ޔޫސުފް މިއަދު ވިދާޅުވީ ވަކި ރަށެއްގައި އިމާރާތެއް ހަދައި، އެތަނުގައި ކުދިން ބައިތިއްބައިގެން އެ ކުދިން އިސްލާހު ކުރުމަކީ މިހާރުގެ މުޖުތަމައުއާ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގަައި އޭނާ ފާހަގަ ކުރެއްވީ ކުޑަކުދިން ކުރާ ކުށްތައް، މިހާރު މާ ބޮޑެތިވެ، އެ ފަދަ ގޮތަކަށް ކުދިން އިސްލާހު ނުވާނެތީ އެވެ.
"އިސްލާހިއްޔާ ހެދީ އަހުލާގު ގޯސްވެގެން މައިންބަފައިންނަށް ނުބެލެހެއްޓޭ ކުދިން އިސްލާހު ކުރަން. އެ ކުދިންނަށް ކިޔާނީ ވެސް ބަސް ނާހާ ކުދިން. އެކަމަކު މިހާރަކަށް އައިސް ކުޑަކުދިން މި އަރައިގަންނަނީ ވަރަށް ބޮޑެތި ކުށްތަކަށް. އެ ހުރިހާ ކުދިން އެއްކޮށް ބައިތިއްބައިގެން އިސްލާހެއް ނުކުރެވޭނެ،" ހާމިދު ވިދާޅުވި އެވެ.
"އެހެންވެ، މިހާރުގެ ހާލަތަށް ބަލާފައި އިސްލާހިއްޔާއެއް މާ މުހިއްމެއް ނޫން."
ހާމިދު ވިދާޅުވީ ކުރިން ވަރަށް "މަސްހުނި ސިސްޓަމެއް"ގައި ގެންގުޅުނު އެ ފަދަ ކުދިން މިހާރު ބަލަހައްޓަނީ އެކި ބައިތަކަށް ބަހާލައިގެން، އެކި އިދާރާތަކުން ކަމަށެވެ. އެގޮތުން މައިންބަފައިންގެ އަޅާލުން ނުލިބޭ ކުޑަކުދިން، ޖެންޑާ މިނިސްޓްރީން ހިންގާ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބައިތިއްބާއިރު އެކި ކުށް ކުރާ ކުދިން ބަލަހައްޓަނީ ހޯމް މިނިސްޓްރީންނެވެ.
އޭގެ ތެރެއިން ވެސް އަހުލާގީ މައްސަލަތައް ހުންނަ ކުދިން، އެ ކުދިންގެ އާއިލާއާއެކު މުޖުތަމައުގައި ބައިތިއްބައިގެން އިސްލާހު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، ބޮޑެތި ކުށްތަކަށް އަރައިގަންނަ ކުދިން އިސްލާހު ކުރުމަށް ދ. ވާނީގައި ވަނީ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ.
އަދި މި ފަދަ އިތުރުު ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައި ވެސް ހިންގާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ވެރިކަމަށް ވަޑައިގަތުމަށް ފަހު، 1979 ވަނަ އަހަރު ހުޅުވި އިސްލާހިއްޔާއިން ގިނަ އަދަދެއްގެ ކުދިން ވަނީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހަދައިފަ އެވެ. އަދި 2016 ވަނަ އަހަރު އެތަން ބަންދު ކުރި އިރު ވެސް، އެތަނުގައި ތިރީހަކަށް ކުދިން އުޅެ އެވެ.
އޭރު އެތަން ހިންގީ ތައުލީމާއެކު ކުދިންނަށް މަަސައްކަތް ވެސް ދަސްކޮށްދީގެންނެވެ.
މާފުށީގައި އެ މަރުކަޒު ހިންގި ބިން، ސަރުކާރުން ދޫކޮށްލަން ނިންމާފައިވާކަން ރައީސް އަބްދުﷲ ޔާމީން ވަނީ އިއްޔެ އިއުލާން ކުރައްވައިފަ އެވެ.
އިއްޔެ މާފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ކުޑަކުދިންގެ އިސްލާހިއްޔާއަކީ ބޭނުންތެރިތަނެއް ކަމަށާއި އެކަމަކު އެތަން ހިންގުން އެންމެ ރަނގަޅީ މާފުށީގައިތޯ ބަލައި، އެ ބިން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޤީރުކަލޯ!
26 June 2018
އިސްލާޙިއްޔާ އެއްގެ ބޭނުމެއް މިހާރަކުނެތެވެ އިސްލާޙު ކުރަންޖެހޭ ވަކިފަރުދަކު ނެތެވެ. އިސްލާޙު ކުރަންޖެހިފައި މިވަނީ މުޅިޤައުމެވެ. މުޅިޤައުމު އިސްލާޙު ކުރާނެ އިސްލާޙިއްޔާ އަކަށް މިވަނީ ބޭނުންޖެހިފައެވެ. އެފަދަ އިޞްލާޙިއްޔާއެއް ހޯދާނީ ކޮންތާކުންބާ! ޤައުމުގެ އެޑިޔުކޭޝަނަކީ ޖާހިލިއްޔާއެކެވެ. ޤައުމު ތެދުކުރާނާނެ މީހަކު ފެންނާނެބާ؟؟؟!!!
ބޮޑުކަކުނި
26 June 2018
އެންމެ ބޮޑު ސަބަބެއްގެ ގޮތުގަައި އޭނާ ފާހަގަ ކުރެއްވީ ކުޑަކުދިން ކުރާ ކުށްތައް، މިހާރު މާ ބޮޑެތިވެ، އެ ފަދަ ގޮތަކަށް ކުދިން އިސްލާހު ނުވާނެތީ އެވެ.***** މުޖުތަައށް ބޭނުން ހިފޭގޮތަށް ކުދިބަޔަކު ތަމްރީނުކުރަމުން އައި މައިންބަތލފައިންގެ އާޅުން ނުލިބޭ އަދި މުޖުތަމައޔގައި ބާކީވެގެން އުޅޭ ކުދިންނަށް މަސަކަތް ދަސްކޮށްދީ ހެދުމަށް މިސަރުކާރުން ބޭނުން ނުވާކަން . މިފެނުނީ.
ޖިންސް މަނިކް
25 June 2018
މަންމަމެން ފޭސްބުކުން ނުވަތަ ސޯޝަލް މީޑިއާއިން ދަރިންބަލާނަމަ ތިކަހަަލަ ތަންތަން ގިނަކުރަންވީ
ޒިންމާ
25 June 2018
މައިންބަފައިން ނުވަތަ ބެލެނިވެރިން އެމީހުންގެ ޒިންމާ އަދާކުރާނަމަ، އެއްވެސް އިރެއްގައި އިސްލާހިއްޔާއެއް ނުވަތަ ކުޑަކުދިންގެ ހިޔާއެއް ބޭނުމެއް ނުވާނެއެވެ.
ކިމްޖޮންގް
25 June 2018
"އޭގެ ތެރެއިން ވެސް އަހުލާގީ މައްސަލަތައް ހުންނަ ކުދިން، އެ ކުދިންގެ އާއިލާއާއެކު މުޖުތަމައުގައި ބައިތިއްބައިގެން އިސްލާހު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު" ރީތި ގޮތަކަށް މިބުނީ އެއްވެސް ފިޔަވަޅެއްނާޅާ އެކުދިން ރަށުތެރެއަށް ބޭނުންގޮތަކަށް އުޅެން ދޫކޮށްލާފައޭ މިހާރު ތިބެނީ.
ތެދު
25 June 2018
މިހާރު ގުރައިދޫގެ ބޭނުން މާބޮޑު
ރިއަލިޓ
25 June 2018
ތަނެއްގެ މުހިއްމުކަމާ ބޭނުން އެނގޭނީ އެތަނެއްގެ ބޭނުންތެރިކމާމެދު ވިސްނާ ފިކުރުކުރާ ބަޔަކަށް ވަﷲ އަޢުލަމް
އުމަރުބެ
25 June 2018
ތިވާނީ ކެމްޕޭނަށް ފައިސާހޯދަން ހޮޓަލަކަށް އެބިންދޫކުރީކަމަށް، ދެން ފެންނާނީ ޕީޕީއެމްގެ އެކްޓިވިސްޓަކު އެތަން ހޮޓަލަކަށް ތަރައްޤީކުރާތަން،
ވަހީދު
25 June 2018
އިސްލާހިއްޔާއޭ ކިޔައިގެން މައިން ބަފައިންނާއި ދަރިން ވަކިކުރުމަކީ އެއްވެސް ހަމައަކުން ބެލެވޭނެ ކަމެއްނޫން...
އިސްލާހިއްޔާ
25 June 2018
އެތަނަށް ކުދިން ގެންދަނީ މައިންބަފައިން ބޭނުން ވެގެން. މައިންބަފައިންނަށް ބަލަންވާ ވަރަށް ނުބެލި ކުދިން ގޯސްމަގަށް އަޅައިގެން ދާތީ އިސްލާހުކުރަން.
ޝަމްޝާދު
25 June 2018
ހާދަ އެނގޭ މީހެކޭ މިއީ. ކަލޯ އަޑުއަހަންތަ ބޯޑިންގް ސްކޫލޭ ކިޔާ އަޑު. އެއީ ކީއްކުރާ ތަނެއްތަ؟ ވާނުވާ ނޭނގުނަސް ކޮމަންޓް ކުރާތި.
އުއްތަމަ
26 June 2018
ވަހީދުއަށް މާބޮޑަށް އެނގެނީ.. މައިންބަފައިން ގާތުގަ ތިބެ ދަރީން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލުން އޯކޭ ދޯ!!