02 ޖުލައި 2018 - 10:59
ސަމާރާ (ޖުލައި 2) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރަށް ހޯދާފައިވާ ބްރެޒިލަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުލުކުރާ ޓީމެވެ. މަޝްހޫރު ގިނަ ޓީމުތައް މުބާރާތުން ކަޓާފައިވާއިރު، މިރޭ މުބާރާތުގެ ދެ ވަނަ ބުރުގައި ބްރެޒިލް ނުކުންނާނީ މެކްސިކޯއާ ދެކޮޅަށެވެ. ތާރީހު އޮތީ ބްރެޒިލް ކޮޅުގަ އެވެ. އެކަމަކު އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަނު އަތުން މި ފަަހަރު ހައިރާންކުރަނިވި ގޮތަކަށް މޮޅުވި މެކްސިކޯ ވެސް ބްރެޒިލަށް ދުލެއްނުދޭނެ އެވެ.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތެއްގައި ބްރެޒިލް އެންމެ ފަހުން ޔޫރަޕް ނޫން ޓީމެއްގެ އަތުން ބަލިވީ 1990 ވަނަ އަހަރު އާޖެންޓީނާ އަތުންނެވެ. އަނެއްކޮޅުން ވޯލްޑް ކަޕްގައި މިހާތަނަށް ސެންޓްރަލް އެމެރިކާ އާއި އުތުރު އެމެރިކާ ޓީމެއްގެ އަތުން ބްރެޒިލް ބަލިވެފައިނުވެ އެވެ.
މިރޭގެ މެޗަށް ނުކުންނައިރު ތާރީހަށް ވުރެން ބޮޑަށް ބްރެޒިލްގެ ކޯޗު ޓީޓޭ އަށް އޮތް ހިތްވަރަކީ އޭނާގެ ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ ނޭމާ އެއްކޮށް ފިޓްވުމެވެ.
"ނޭމާ މިހާރު ހުރީ އޭނާގެ އެންމެ ހައި ލެވެލްގައި. އޭނާ މި ހިސާބަށް އަންނަން ދިރިއުޅުމުގައި ދައްކަން ޖެހުނު އަގު އޭނާ އަށް އިހުސާސް ކުރެވޭ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައިވީ ކަންތައްތަކަކީ މާޒީ. ނޭމާ ހުރީ ފުރިހަމަ އަށް ތައްޔާރަށް،" ޓީޓޭ ބުންޏެވެ.
އެންމެ ފަހުން ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ހެދި މި މެޗުގައި ބްރެޒިލްގެ ވާތު ބެކް މާސެލޯ ނުފެންނާނެ އެވެ. އޭނާގެ ބަދަލުގައި ކުޅޭނީ ސާބިއާ މެޗުގައި ކުޅުނު ފިިލިޕޭ ލުއިޒް އެވެ. ޓީޓޭ ބުނީ މާސެލޯ ހުރީ ވަރަށް ބޮޑަށް މި މެޗުގައި ކުޅެން ބޭނުންވެފައި ކަމަށާއި އެކަމަކު ބޮޑު ރިސްކެއް ނަގަން ޖެހޭ ހާލަތެއް މެދުވެރިވެގެން ނޫނީ އަނިޔާގައި ހުރި ކުޅުންތެރިއަކު ބޭނުން ނުކުރާނެ ކަަމަށެވެ.
ބްރެޒިލުން އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕް ނޮކައުޓް މެޗަކީ 2014 ވަނަ އަހަރުގެ ސެމީ ފައިނަލުގައި ޖަރުމަނު އަތުން 7-1 އިން ބަލިވި މެޗެވެ. އެއީ ބްރެޒިލް ފުޓްބޯޅައިގެ ކަޅު ދުވަހެކެވެ. އަލުން އާ ފެށުމަކުން ފުރަތަމަ ނޮކައުޓް މެޗަކަށް ބްރެޒިލް ނުކުންނައިރު އަނެއް ކޮޅުގައި އޮތީ މެކްސިކޯ އެވެ. މެކްސިކޯ އިން ވަނީ 33 އަހަރަށް ފަހު ޖަރުމަނުގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިފަ އެވެ.
ކޯޗު ޓީޓޭ އަށް އޮތް އަނެއް ހިތްހަމަޖެހުމަކީ އޭނާ ހަވާލުވި ފަހުން ބްރެޒިލް ކުޅުނު 24 މެޗުގެ ތެރެއިން 19 މެޗުން މޮޅުވެފައިވުމެވެ. އަދި އޭގެ ތެރެއިން 18 މެޗުގައި ބައިކޮޅަށް ލަނޑެއް ވަދެފައި ނުވުމަކީ ވެސް ބޮޑު ހިތްހަމަ ޖެހުމެކެވެ.
މެކްސިކޯގެ ކޯޗު ހުއާން ކާލޮސް އޮސޯރިއޯ ބުނީ ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗުގައި މި މެޗުގައި ވެސް ނުނެރެވޭންވީ ސަބަބެއް ނެތް ކަމަށާއި ކުޅުންތެރިން އެއް ރޫހެއްގައި މަަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަމަށެވެ.
މެކްސިކޯއާ ދެކޮޅަށް ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބްރެޒިލް ބަލިވެފައިނުވެ އެވެ. އެންމެ ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ބްރެޒިލާއި މެކްސިކޯ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން ހަތެއް ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔަހްޔާ
02 July 2018
ތީ މައްސަލައެއް ދޯ.
ޗެލްސީ
02 July 2018
ބުރެޒިލް މޮޅުވާނެ .. އިންޝާ ﷲ
ރޮނާލްޑީނިޔޯ
02 July 2018
ބްރެޒިލް އާއި އެއްވަރަށް ވޯލްޑްކަޕް ކާމިޔާބު ކުރި އެއްވެސް ގައުމެއް މިދުނިޔެއަކު ނެތް. އެހެންވީމާ ބްރެޒިލް އަކީ އަބަދުވެސް ވޯލްޑްކަޕްގައި ފޭވެރިޓެއް.
މުހައްމަދު އަލީ
02 July 2018
ބްރެޒިލަށް ޔޫރަޕްގެ ޓީމެއްގެ އަތުން މޮޅެއް ނުވެވޭނެ.. އެކަން ވޭތުވެ ދިޔަ ފަހުގެ ތާރީޚުން އެނގޭނެ.. އެކަމަކު މިރޭ އެވެރިންގެ ޓީމެއް ވީމާ މޮޅު ވެވިދާނެ
އިނގޭތަ
02 July 2018
ބްރެޒިލް ހޮރޭސިއާ އާއި ކުޅެގެން މިދިޔަ ޖޫން މަހު މޅުވީ 3 0 ން.އޮސްޓރިއާ އާއި ކުޅެގެން މޮޅުވީ މެއި މަހު އަދި ޖަރުމަނާ ގުޅެގެންވެސް މޮޅުވީ މެއި މަހު އެއީ ހުސް ޔޫރަޕް ޓީމްތަށް މުޙައްމަދު އަލީ ފުޓްބޯޅަ ކިހާވަކަަށްތޯ ބަލަނީ؟
ޕެނަލްޑޯ
02 July 2018
ބްރެޒިލް އަދި އިންގްލެންޑް މުބާރާތުން ކަޓައިގެން ދާނެކަމަށް އުއްމީދުކުރަން.
ހާޖަރާ
02 July 2018
ބަރެއްނޫންތަ.
ސިންތިލީ ވޫމް
02 July 2018
0-1 ބުރެޒީލް ބަލިވާނީ، ތާރީހު އޮންނާނީ އޮތްތަނުގައި..
ކަމަނަ ގޯތި އާދަނު
02 July 2018
އެހެންނަމަވެސް މިފަހަރު ބުރަވީ ތާރީޚާ އެއްކޮޅަށް.
ޒައުލް
02 July 2018
ކާލޮސް ވެލާ އަށް އިތުބާރު އެބައޮއި.... މެކްސިކޯ މޮޅުވާނެ....
އަތްފުނާ
02 July 2018
ތާރީހު ދޭ ގޮނޑަށް ، މެކްސިކޯ މި މެޗް ވިން ކުރާނީ
މުހައްމަދު އަލީ
02 July 2018
ބްރެޒިލަށް މެކްސިކޯ ބަލި ކުރެވިދާނެ.. އެއީ މެކްސިކޯ އަކީ، އެމީހުންގެ ސަރަހައްދުގެ އާދައިގެ ޓީމަކަށްވާތީ.. އެކަމަކު ކުއާޓަރ ފައިނަލް ގައި ޔޫރަޕްގެ ޓީމެއްގެ އަތުން މޮޅުވެވޭނެހެން ހިއެއް ނުވޭ...
ހަހަހަހަ
02 July 2018
މެކްސިކޯ އަކީ އާދައިގެ ޓީމެކޭތޯ؟ މެކްސިކޯ އަކީ ދުނިޔޭގެ ނިސްބަތުން ވެސް އާދައިގެ ޓީމެއް ނޫން ޔޫރަޕްގެ އެއްވެސް ކޯޗެއް ނުދެކޭނެ މެކްސިކޯ އަކީ އާދައިގެ ޓީމެއް ގޮތުގައި. މުހައްމަދު އަލީ އަށް ފުޓްބޯޅަ އިނގެނީ ކިހާވަރަކަށް؟