ހަބޭސްގެ ޝޯއެއްގެ ތެރެއިން: އާންމުން ދޭ ތަރުހީބު ބޮޑު. ފޮޓޯ: ހަބޭސް
31 ޖުލައި 2018 - 07:21
ބޮޑުބެރު ބޭންޑް ހަބޭސްގެ ފޭނުންނަށް އަންނަ މަސް ވަރަށް ހާއްސަ ވާނެ އެވެ. އެ މަހުގެ 7 ވަނަ ދުވަހު ބޭންޑްގެ 7 ވަނަ އުފަން ދުވަސް ފާހަގަ ކުރާނެ އެވެ.
އެހެންވެ ހަބޭސް އިން މިހާރު އަންނަނީ އަހަރީ ދުވަހަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.
ރާއްޖޭގެ ބޮޑުބެރު ބޭންޑްތަކުގެ ތެރެއިން އެންމެ މަގުބޫލު ބޭންޑްގެ 7 ވަނަ އަހަރީ ދުވަހާ ބެހޭ ގޮތުން އެ ބޭންޑުގެ ވެރިޔާ އަލީ (ހަބޭސް އައްޔަ) ޝިފާއު ބުނި ގޮތުގައި އަހަރީ ދުވަސް ފާހަގަކުރާނީ "ބޮޑެތި ސަޕްރައިޒްތަތަކާ އެކުގަ" އެވެ.
"ވަަރަށް ހާއްސަ ކަންތައްތަކެއް ހުންނާނެ. އަހަރެމެން މިހާރު އަންނަނީ އެ ދުވަހަށް ވަރަށް ބޮޑަށް ދުރާލައި ތައްޔާރުވަމުން،" އޭނާ ބުންޏެވެ. "ޔަގީނުން ވެސް ފޭނުންނަށް ބޮޑެތި ސަޕްރައިޒްތަކެއް ލިބިގެން ދާނެ. އަހަރީ ހަފުލާ ބާއްވާތަން މުޅިން ފައިނަލްވީމަ އިވެންޓާ ބެހޭ އިތުރު ކަންކަން ހާމަ ކުރާނަން. ޔަގީނުން ވެސް ފޭނުން ވަރަށް ލުކްފޯވާޑް ކުރާ ކަހަލަ އިވެންޓަކަށް އަހަރީ ދުވަސް ވާނެ."
ހަބޭސްގެ އިވެންޓެއްގެ ތެރެއިން.
ހަބޭސްގެ ދަށުން މިހާރު އިތުރު ބޭންޑްތަކެއް ވެސް ހިންގަ އެވެ. އޭގެ ތެރޭގައި ލެވިޓޭޝަން އަދި ހަބޭސް ފިއުޝަން ހިމެނެ އެވެ.
މިދިޔަ އަހަރު ހަބޭސް އިން އެއްފަހަރާ ފަސް އަލްބަމް ނެރަފައިވާ އިރު ފާއިތުވި ދެ އަހަރު ވެސް ރަމަޟާން މަހު، އާންމުންނަށް ހަދިޔާއެއްގެ ގޮތުގައި މަދަހަ ސީޑީތަކެއް ވެސް ނެރުނެވެ. އަދި މިދިޔަ އަހަރުން ފެށިގެން ހަބޭސް އިން އަންނަނީ ވަރަށް ކުލަގަދަކޮށް ފިތުރު އީދު ވެސް ފާހަގަ ކުރަމުންނެވެ.
ހަބޭސް އީދު ޝޯ 2018 ގެ ތެރެއިން.
އީދު ޝޯތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ހަބޭސް އިން އެކަން ފާހަގަކޮށް ކޮންމެ ފަހަރަކު ވެސް ޝޯ އިތުރަށް ކުލަގަދަކޮށް ފޯރި ގަދަކުރަން ވެސް ހާއްސަ އިސްކަމެއް ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިސްމާޢީލް ސާކިރު
01 August 2018
ހަބޭަސް އަކީ މޮޅު ބައެއް ނޫންނަސް މުޅި ރާއްޖޭގަ އޮތީ ހަބޭސް ގެ އަޑު. ދެން ކިހިނެއް ހަދާނީ ބުރޯ؟؟ ހަޖަމް ކުރަން ދަސް ކޮއްލާ
ާއައްޔަޅޯ
31 July 2018
ހަބޭަސް އަކީ މީހުންނަށް އެއްވެސް މޮޅު ބައެއް ނޫން ހުސް ފޮނި އަނގަ
ފަޒީލާ
31 July 2018
ތި ސަޕްރައިޒެއް ބުނެބަލަ އައްޔާ.