ޗެލްސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
14 އޯގަސްޓް 2018 - 07:44
ލަންޑަން (އޮގަސްޓް 14) – ޗެލްސީގެ ކޯޗުގެ މަގާމުގައި އެންޓޯނިއޯ ކޮންޓޭ ހުރި ނަމަ، އޭނާ އެ ކްލަބުގައި މަޑުނުކުރީސް ކަމަށް ބްރެޒިލް ވިންގާ ވިލިއަން ބުނެފި އެވެ.
ޗެލްސީއަށް 2017 ވަނަ އަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޮންޓޭ މިދިޔަ ސީޒަނަށް ފަހު ވަނީ މަގާމުން ވަކިކޮށްފަ އެވެ. މިދިޔަ ސީޒަން ދަށްކޮށް ދިޔަ ނަމަވެސް އޭނާ ވަކިކުރި މައިގަނޑު ސަބަބަކީ މެނޭޖްމަންޓާ އޮތް މައްސަލަތަކެވެ.
މި ސީޒަނުގައި ވިލިއަން ގެންދަން ބާސެލޯނާ، ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ޔުނައިޓެޑުން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެކަމަކު ޗެލްސީން ދުލެއް ނުދި އެވެ. އެންމެ ބޮޑު ސަބަބަކީ އާ ކޯޗު މައުރީޒިއޯ ސާރީ އެވެ. ވިލިއަން ވަނީ ސާރީ އަށް ތައުރީފްކޮށްފަ އެވެ.
"ކޯޗު އަހަރެމެން ގާތު ބުނޭ ކުޅޭށޭ، ދަނޑުމަތިން ހިތްހަމަޖެހުން ހޯދާށޭ. މިގޮތަށް ކުޅުމަކީ ހިތްހަމަޖެހޭކަމެއްތަ؟ އަހަރެން ދެކެނީ އެގޮތަށް. އަހަރެމެންގެ އެބަތިބި ވަރަށް ބައިވަރު ކުޅުންތެރިން، ފެންވަރު ރަނގަޅު އެޓޭކިން ލައިނަކާ އެކު. އޭގެ ތެރޭގައި އެޑެން ހަޒާޑާއި ޕެޑްރޯ ފަދަ ކުޅުންތެރިން ހިމެނޭ. އެފަދަ ކުޅުންތެރިން ބޭނުންވާނެ ބޯޅަ ކުޅެން،" ވިލިއަން ބުންޏެވެ.
ސާރީ ފާހަގަކުރެވެނީ ވަރަށް ރީތި ފުޓްބޯޅައެއް ކުޅުވާ ކޯޗެއްގެ ގޮތުގަ އެވެ. އޭނާ ނަޕޯލީގައި ކުޅުވި ކުޅުމަށް ޕެޕް ގާޑިއޯލާ ވަނީ ތައުރީފްކޮށްފަ އެވެ. ވިލިއަން ބުނީ މި ސީޒަނުގައި ޗެލްސީގެ ފަރާތުން ފެންނާނީ ބަލާހިތްވާ ފަދަ ކުޅުމެއް ކަމަށެވެ. ކުރިއަށް އޮތް އާސެނަލާ މެޗާ މެދު ވެސް ވިލިއަން އަށް އުއްމީދު އޮތީ ސާރީގެ ސިސްޓަމުގެ ސަބަބުންނެވެ.
"މިހާރު އަހަރެމެންގެ އޮތީ މުޅިން އެހެން ސްޓައިލެއް. އެހެންވެ އަހަރެމެންނަށް އާސެނަލަށް މައްސަލަތަކެއް ކުރިމަތިކުރުވިދާނެ،" ރަޝިއާގެ އަންޒީން 2013 ވަނަ އަހަރު ޗެލްސީއާ ގުޅުނު އުމުރުން 29 އަހަރުގެ ވިލިއަން ބުންޏެވެ.
ވިލިއަން ބުނީ އޭނާ ޗެލްސީ ދޫކޮށްލާނީ އެ ކްލަބުން އޭނާ ދޫކޮށްލަން ބޭނުންވުމުން ކަމަށާއި އެކަމަކު ކޮންޓޭ ހުރި ނަމަ މަޑުކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy