ކުޅިވަރު / ލޫކާ މޮޑްރިޗް

ކްރޮއޭޝިއާގެ މަގާމު ދަމަހައްޓަން ބޭނުން: މޮޑްރިޗް

ކްރޮއޭޝިއާގެ ކެޕްޓަން ލޫކަ މޮޑްރިޗް.-- ފޮޓޯ: އޭއެފްޕީ

15 ނޮވެމްބަރ 2018 - 10:22

ޒަގްރެބް، ކްރޮއޭޝިއާ (ނޮވެމްބަރު 15) - މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ގިނަ ބަޔެއްގެ އިހުތިރާމް ކްރޮއޭޝިއާ އަށް ލިބިފައިވާ ކަމަށާއި މިހާރު އެ ޓީމު އޮތް މަގާމު ދަމަހައްޓަން ބޭނުންނަމަ ޔުއެފާ ނޭޝަންސް ލީގުގައި ކުރިއަށް އޮތް ދެ މެޗުން ނަތީޖާ ނެރެން ޖެހޭ ކަމަށް ކްރޮއޭޝިއާގެ ތަރި ލޫކަ މޮޑްރިޗް ބުނެފި އެވެ.

ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށް މިިދިޔަ ޖުލައި މަހު ފްރާންސް އަތުން ފައިނަލުގައި ބަލިވި ފަހުން މިހާތަނަށް ކްރޮއޭޝިއާ ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ ޖޯޑަންއާ އެކު އަމިއްލަ ދަނޑުގައި ކުޅުނު އެކުވެރިކަމުގެ މެޗުންނެވެ. އެކުވެރިކަމުގެ މެޗެއްގައި ޕޯޗުގަލްއާ އެއްވަރު ކުރިއިރު، ނޭޝަންސް ލީގުގައި ވަނީ ސްޕެއިން އަތުން 6-0 އިން ބަލިވުމުގެ އިތުރުން އަމިއްލަ ދަނޑުގައި އިންގްލެންޑާ އެއްވަރު ކޮށްފަ އެވެ.

"ވޯލްޑް ކަޕަށް ފަހު އަހަރެމެންނަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެ. އެއީ ހީވެސް ނުކުރާވަރުގެ ކަމެއް. ސަމާލުކަން ލިބުމަކީ ޕްރެޝަރު ވެސް އަންނަ ކަމެއް. އަހަރެމެންނަށް ވޯލްޑް ކަޕަށް ފަހު ވަރަށް އުނދަގޫ މެޗުތަކަކާ ކުރިމަތިލާން ޖެހުނީ،" އުމުރުން 33 އަހަރުގެ މޮޑްރިޗް ބުންޏެވެ.

ނޭޝަންސް ލީގުގެ ހަތަރު ވަނަ ގްރޫޕުގެ ފުލުގައި ކްރޮއޭޝިއާ އޮތީ ދެ މެޗުން އެއް ޕޮއިންޓާ އެކު އެވެ. އަންނަ އަހަރު އޮންނަ ނޭޝަންސް ލީގުގެ ފައިނަލް ބުރުން ފުރުސަތު ހޯދާނަމަ މިރޭ އަމިއްލަ ދަނޑުގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗާއި އާދިއްތަ ދުވަހު ރަށުން ބޭރުގައި އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުން ނަތީޖާ ނެރެން ކްރޮއޭޝިއާ އަށް ވަނީ މަޖުބޫރުވެފަ އެވެ.

ވޯލްޑް ކަޕް މޮޅު ކުޅުންތެރިއާގެ މަގާމާއި ފީފާ އަދި ޔޫރަޕްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މޮޑްރިޗް ބުނީ ކުރިއަށް އޮތް ދެ މެޗަކީ ދެ ފައިނަލް ކަމަށެވެ.

"ނޭޝަންސް ލީގުގެ ފައިނަލް ބުރުގެ ހަނި ފުރުސަތެއް އަހަރެމެންނަށް އެބައޮތް. ކްރޮއޭޝިއާގެ މަގާމު ދަމަހައްޓާ ނަމަ އަހަރެމެން އެބަޖެހޭ މި ދެ މެޗުން ރަނގަޅު ނަތީޖާތަކެއް ނެރެެގެން ރަނގަޅު ހިސާބެއްގައި އޮންނަން،" ރެއާލް މެޑްރިޑާ އެކު ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ މޮޑްރިޗް ބުންޏެވެ.

ކްރޮއޭޝިއާގެ ކޯޗު ޒްލަޓްކޯ ޑާލިޗް ބުނީ ނޭޝަންސް ލީގަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި މިއީ އޭނާ އަށް ތަޖުރިބާގެ އިތުރު މަރުހަލާއެއް ކަމަށެވެ.

ސްޕެއިންއާ ދެކޮޅަށް މިރޭގެ މެޗަށް ނުކުންނައިރު ކްރޮއޭޝިއާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ސަޕޯޓަރުންނަށް މި މެޗުގައި ދަނޑަށް ވަނުމުގެ ފުރުސަތު ލިބުމެވެ. އެންމެ ފަހުން ކުޅުނު ރަސްމީ ވާދަވެރި ދެ މެޗުގައި ކްރޮއޭޝިއާ ސަޕޯޓަރުންނަށް ދަނޑަށް ނުވަދެވުނީ ޔުއެފާ އިން ދީފައިވާ ސަސްޕެންޝަނެއްގެ ސަބަބުންނެވެ. އެއީ ޔޫރޯ ކޮލިފައިންގައި ދަނޑުގައި ސިޔާސީ ނިޝާނެއް ބަހައްޓާފައި ހުރުމުންނެވެ.

ކްރޮއޭޝިއާ އާއި ސްޕެއިން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:45 ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454