ކުޅިވަރު

ކުޅިވަރުގެ ގާނޫނު "ހަރަކާތްތެރިކުރަން" ކައުންސިލް ބުރަކޮށް މަސައްކަތްކުރަނީ

ސްޕޯޓްސް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާއިލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުޅިވަރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތަކުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި ހުރިހާ މަސައްކަތްތަކެއް މި އަހަރުގެ ނިޔަލަށް ނިންމައި ކްލަބްތަކާއި ޖަމިއްޔާތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ މެދު އަންނަ އަހަރު ފުޅާ ދާއިރާއެއްގައި ވިސްނައި މަސައްކަތްކުރެވޭނެ ކަމަށް ސްޕޯޓްސް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭ ކުޅިވަރުގެ ގާނޫނު 2015 ވަނަ އަހަރު ފާސްކޮށްފައިވާއިރު އޭގެ ދަށުން މިހާރު ވެސް ގަވާއިދުތަކެއް ހަދައި އަންނަނީ ތަންފީޒްކުރަމުންނެވެ. އޭގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުގައި ކުޅިވަރު ޖަމިއްޔާތަކާއި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި ކުޅުންތެރިން ގައުމީ ޓީމުތަކަށް ވީއްލުމުގެ ގަވާއިދާއި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ އުސޫލު އަދި ބައިނަލްއަގްވާމީ ކާމިޔާބީ ހޯދާ ޓީމުތަކާއި ކުޅުންތެރިންނަށް އިނާމް ދިނުމުގެ އުސޫލު ހިމެނެ އެވެ. އެ ގާނޫނު ހަރަކާތްތެރިކޮށް އޭގެ ފައިދާތައް ކުޅިވަރަށް ކުރާނީ އެ ގަވާއިދުތަކާއި އުސޫލުތައް ހެދިގެންނެވެ.

ރާއްޖޭގެ ކުޅިވަރުގެ ގައުމީ މަޖިލީސް ކަމަށްވާ ސްޕޯޓްސް ކައުންސިލުން ދެން ފުރިހަމަކުރި އެންމެ ބޮޑު އެއް މަސައްކަތަކީ ރާއްޖޭގެ ކުޅިވަރުތައް ގިންތި ކުރުމެވެ. އެގޮތުން އެސޯސިއޭޝަންތަކަށް މިހާރު ބަޖެޓް ދެމުން އަންނަނީ އެ ގިންތިތަކުގެ ދަށުންނެވެ. އެކަމަކު އާ ސަރުކާރުގެ ވައުދެއްގެ ދަށުން މިހާރު ވަނީ ކޮންމެ އެސޯސިއޭޝަނަކަށް ވެސް މަދުވެގެން 500،000ރ. ދޭން ނިންމައިފަ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވީ އެ ކައުންސިލުން ކުޅިވަރުގެ ގައުމީ ޕޮލިސީއެއް ވެސް އެކުލަވާލާފައިވާނެ ކަމަށާއި އެކަމަކު އާ ސަރުކާރުގެ ޕޮލިސީއާ އެއްގޮތަށް އެ އަލުން މުރާޖައާކުރާނެ ކަމަށެވެ.

މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ކުޅިވަރުގެ ގާނޫނުގައި ހިމެނޭ މުހިއްމު ބަޔެއް ކަމަށްވާ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އުފެއްދުމަށް ގަވާއިދު ހެދުމާއި ކުޅިވަރުގައި ދިމާވާ މައްސަލަތައް ބަލާނެ އާބިޓްރޭޝަނެއް ގާއިމްކުރުން ހިމެނެ އެވެ.

"ގާތްގަނޑަކަށް މިހާރު އަޅުގަނޑުމެންނަށް 90 ޕަސެންޓް ނިމިއްޖެ ކަމަށް ދަންނަވާލަން ޖެހޭނީ. ދެން އަޅުގަނޑުމެންގެ ޓާގެޓަކީ ބާކީ އޮތް 10 ޕަސެންޓް މި އަހަރު ނިމުމުގެ ކުރިން ނިންމާލުން. އޭގެ މާނައަކީ އިރާދަކުރެވިއްޔާ 2019 ވަނަ އަހަރު ފެށޭއިރު އަޅުގަނޑުމެންގެ ގާނޫނުގެ ދަށުން ކައުންސިލުން ހަދަން ޖެހޭ ހުރިހާ ގަވާއިދުތަކެއް އޮންނާނީ ހަދާ ނިމިފައޭ،" މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

ސްޕޯޓްސް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާއިލް (ވ) އަދި ނައިބް ރައީސް ފަރުހަތު ޖަލީލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ދެން އޮންނާނީ އޭގެ ރިވިޝަން ކަމަށާއި އެގޮތުން ސިޔާސަތަށް އަންނަ ބަދަލުތަކުގެ ސަބަބުން އަދި ކަންކަމަށް އަންނަ ބަދަލުތަކުގެ ސަބަބުން ހަދާފައި ހުންނަ އުސޫލުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ. މީގެ އިތުރުން އެ މަސައްކަތްތައް މި އަހަރު ނިންމާލެވުމާ އެކު، ކްލަބްތަކާއި ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް އިސްމާއިލް ވިދާޅުވީ ކައުންސިލުގައި ތިއްބަވާ މެމްބަރުންނަކީ ތަފާތު ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުން ކަމަށާއި މަސައްކަތްކުރެއްވީ ގާތްގަނޑަކަށް ހިލޭ ސާބަހަށް ކަމަށެވެ. އަދި ފުލް ޓައިމްކޮށް މެމްބަރުން ތިއްބަވާ ނަމަ ދެ އަހަރު ނުނަގައި މި މަސައްކަތްތައް ނިންމާލެވުނީސްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މަހަކު އެއް ފަހަރު ޖަލްސާއެއް ބާއްވަން ގަވާއިދުގައި އޮތް ނަމަވެސް މަހަކު ހަތަރު ޖަލްސާ ބާއްވާފައިވާނެ ކަމަށާއި މިވަރު ވެސް މިވީ މެމްބަރުންގެ އެއްބާރުލުމާއި ވަގުތު ދިނުމުން ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

މީގެ 10 އަހަރު ކުރިން އުފެއްދި ސްޕޯޓްސް ކައުންސިލުގެ މިހާރުގެ ޒިންމާ އަކީ ކުޅިވަރުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކުޅިވަރު ކުރިއަރުގައި ތަރައްގީކޮށް ޖަމިއްޔާތައް ހިނގާ ނުހިނގާ ގޮތް ބަލައި އަދި ގާނޫނުގެ ދަށުން ހަދަން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް ހަދައި ކޮމިޝަނާ އޮފް ސްޕޯޓްސް އަށް އެހީވުމާއި ދިމާވާ މައްސަލަތައް ހައްލުކުރުމެވެ.

ކުޅިވަރުގެ ގާނޫނުގެ ދަށުން އައި އެންމެ ބޮޑު ބަދަލަކީ ހޯމް މިނިސްޓްރީގެ ދަށުގައި ހުރި ހުރިހާ ކްލަބްތަކާއި އެސޯސިއޭޝަންތައް ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކުރުމެވެ. ކައުންސިލުގެ ނައިބް ރައީސް ފަރުހަތު ޖަލީލް ވިދާޅުވީ އެކަން ކުރުމަށް ދިން އެންމެ ފަހުގެ މުއްދަތު މިދިޔަ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށާއި އެކަމަކު އަދިވެސް ބައެއް ދަތިތައް ހުރުމާ އެކު ރަޖިސްޓްރީ ނުވެވި ބައެއް ކްލަބްތައް މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ކަމަށެވެ.

"އަސްލުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބައިވެރިވެވިގެން ނުވާނެ. އެކަމަކު ކޮމިޝަނާ އޮފް ސްޕޯޓްސް ލިބިފައިވާ ބާރުގެ ދަށުން ކަންނޭގެ އެ މުބާރާތުގައި ކުޅުމުގެ ފުރުސަތު ދެއްވަމުން ގެންދަވަނީ. އެގޮތުން ވަގުތީ ހުއްދަތަކެއް ދެއްވި. މިނިވަން 50 ފަދަ މުބާރާތްތަކުގައި ކުޅުމަށް. އަޅުގަނޑުމެން އިލްތިމާސްކުރަން އަވަހަށް ގާނޫމުގެ ދަށުން ރަޖިސްޓްރީ ވުމަށް،" ފަރުހަތު ވިދާޅުވި އެވެ.

ޗެސް، ނެޓްބޯލް، ބަށި އަދި ކެރަމް އެސޯސިއޭޝަނުގައި ދިމާވި މައްސަލަތެއް ހައްލުކުރުމުގެ މަސައްކަތް ވެސް ކައުންސިލް ކުރަމުން އަންނަ އިރު މިހާރު ވަނީ އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅައިފަ އެވެ.

ފަރުހަދު ވިދާޅުވީ ބައެއް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތައް ހުރީ ވަރަށް އާދައިގެކޮށް ކަމަށާއި ވަރަށް ގިނަ ލޫޕް ހޯލްތަކެއް އެބަހުރި ކަމަށެވެ. އެހެންވެ ކައުންސިލުން ލަފާ ދިނީ، އެ ކުޅިވަރާ ގުޅޭ ނުކުތާތަކުގެ އިތުރުން ހުރިހާ އެސޯސިއޭޝަނެއްގެ އަސާސީ ގަވާއިދުގައި މައިގަނޑު ގޮތެއްގައި އެކުލެވޭނެ އެއް ޕޮއިންޓްތަކެއް ހިމެނުމަށް ކަމަށެވެ. އޭރުން ކުޅުންތެރިންނާއި ކްލަބްތަކަށް އަދި އެސޯސިއޭޝަންތަކަށް ވެސް ނާޖާއިޒް ފައިދާތައް ނެގުން ހުއްޓޭނެ ކަމަށް ކައުންސިލުން ގަބޫލުކުރެ އެވެ. ކައުންސިލުގެ ލަފާގެ މަތިން ސްޕޯޓްސް ކޮމިޝަނަރު މިހާރު ވަނީ އަސާސީ ގަވާއިދުތައް އެގޮތަށް އިސްލާހުކުރަން އެސޯސިއޭޝަންތަކަށް އަންގައިފަ އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 0%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454