މިނިސްޓަރު މަހުލޫފު (ކ) އާއި އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން މިއަދު ލަންޑަނުގެ ރެސްޓޯރެންޓެއްގައި.
22 ޑިސެމްބަރ 2018 - 23:45
ދިވެހި ފުޓްބޯޅައާ ގުޅޭ ގޮތުން ކުޅިވަރާ ބެހޭ މިނިސްޓްރީން އުފައްދާފައިވާ ފެކްޓް ފައިންޑިން ކޮމިޓީން އިމުގެ ތެރޭގައި މަސައްކަތްކުރާ ކަމުގެ ޔަގީންކަން އޭއެފްސީގެ ރައީސް ޝެއިޚް ސަލްމާން ބިން އިބްރާހިމް ޙަލީފާ އަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ދެއްވައިފި އެވެ.
ޝެއިޚް ސަލްމާންގެ ދައުވަތަކަށް އިއްޔެ ލަންޑަނަށް ވަޑައިގެން މިއަދު އެމަނިކުފާނާ ބައްދަލުކުރައްވައި މަހުލޫފު އެ ޔަގީންކަން ދެއްވީ، އެފްއޭއެމަށް ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ވަދެގެން ނުވާނެކަން އޭއެފްސީން ބުނެފައިވަނިކޮށެވެ.
ރާއްޖޭގެ ކްލަބްތަކަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނު މައްސަލަ ބަލަން ކަމަށް ވިދާޅުވެ މިނިސްޓަރު ކޮމިޓީ އުފެއްދެވުމުން އެފްއޭއެމުން އެކަމުގައި އޭއެފްސީން ދެކޭ ގޮތް ބެލި އެވެ. އެއާ އެކު އޭއެފްސީން ވަނީ އެފްއޭއެމްގެ އެއްވެސް ކަމެއްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުވަދޭނެ ކަމަށާއި ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ބުނެ، މިނިސްޓަރުގެ އެ މަސައްކަތް ހުއްޓާލަން ނުސީދާކޮށް އިންޒާރު ވެސް ދީފަ އެވެ.
އެހިސާބުން މަހުލޫފް ވިދާޅުވީ ކޮމިޓީން ބަލަނީ ދައުލަތުން ފުޓްބޯޅައަށް ހަރަދުކުރާ ފައިސާ އަށް ވީ ގޮތް ކަމަށާއި އެފްއޭއެމް ތެރެއަށް ނުވަންނާނެކަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް އަންގަވާފައިވާ ކަމަށެވެ.
ޝެއިޚް ސަލްމާނާ އެކު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ.
"ފީފާގެ އަސާސީ ގަވާއިދާ ހިލާފުނުވާނެކަމުގެ ޔަގީންކަން އެމަނިކުފާނަށް ދިނިން. އަދި އޭއެފްސީގެ ލަފާ އަށް އަބަދުވެސް މަރުހަބާ ކިޔާނަން. ފެކްޓް ފައިންޑިން ކޮމިޓީ މަސައްކަތްކުރާނީ އިމުގެ ތެރޭގައި،" މަހުލޫފު ވިދާޅުވެފައިވެ އެވެ.
ކޮމިޓީގައި ހިމެނެނީ ތަޖުރިބާކާރު މެޗު ކޮމިޝަނަރު އަދި 2007 ވަނަ އަހަރު އެކުލަވާލި އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ ޗެއާމަން އަހުމަދު ޝާހިރާއި އަބްދުލް ހަމީދު އަބްދުލް ގަފޫރު (އައްޑޯ)ގެ އިތުރުން ނިއު ރޭޑިއަންޓުގެ ކުރީގެ މަސްއޫލުވެރިޔާ ކާމިނީޕޫލް ހަސަން މަނިކާއި ވިކްޓަރީގެ އަހުމަދު ނަސީމް (ޕެރިސް) އަދި ކްލަބް ވެލެންސިއާ އާއި އެފްއޭއެމްގައި ގިނަ މަސައްކަތްތަކެއް ކުރި އަހުމަދު މުހައްމަދު (ދޮނާ) އެވެ.
ރާއްޖެ އަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނީ ކްލަބްތަކަށް ލައިސަންސް ނުލިބުމުންނެވެ. ލައިސަންސް ހޯދުމަށް ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ކޮންމެ ކްލަބަކަށް ވެސް އޮންލައިން ޕޯޓަލެއްގެ ލޮގްއިން އޭއެފްސީން އޮންނަނީ ދީފަ އެވެ. އެފްއޭއެމުން ބުނީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތުތައް ކްލަބްތަކަށް އެކި ފަހަރު މަތިން ތަކުރާރުކޮށް އެންގުނު ކަމަށާއި އެކަމަކު ކްލަބްތަކުން ސިސްޓަމަށް ލިޔެކިޔުން ހުށަހަޅާފައިނުވާ ކަމަށެވެ. އެކަމަކު ބައެއް ކްލަބްތަކުން ބުނަނީ އަޕްލޯޑްކުރި ގިނަ ލިޔެކިޔުންތައް ވެސް އެފްއޭއެމުން އެޕްރޫވްކޮށްފައިނުވާ ކަމަށެވެ. އަދި ކްލަބްތަކުން ހުށަނޭޅި ލިޔެކިޔުންތަކުގެ ތެރޭގައި އެފްއޭއެމުން ލިބެން ޖެހޭ ލިޔެކިޔުންތައް ވެސް ހުރި ކަމަށް ކަމަށް ކްލަބްތަކުން ބުނެ އެވެ.އޭއެފްސީގެ ރައީސާ މަހުލޫފު މިއަދު ބައްދަލުކުރެއްވިއިރު، އެފްއޭއެމްގެ ރައީސް ބައްސާމް ވަނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި އިންފަންޓީނޯ ވަނީ ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ޝެއިޚް ސަލްމާނަށް ވެސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާނެ ކަމަށް މަހުލޫފު ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންތިޚާބު
23 December 2018
ފޭސްބުކް ލައިވްޖައްސައިގެން މަޖްލިސްތެރޭގައި ހަޅޭއްފަޅޭއް ލަވަމުން ދުވާގޮތަށް، ދައުލަތުގެ މިނިސްޓަރަކަށްވެހުރެ ހިތައްއެރިކަމެއް ހިތައް އެރިގޮތަކަށް ނުކުރެވޭނެކަން މަނިކުފާނަށް މިހާރު އެނގިލައްވާނެއެވެ. މަވަރު މީހަކު ނެތިގެން އުފެއްދި ކޮމިޝަންގެ މެއިންޑޭޓް އަނެއްދުވަހު އިރުއެރި އިރު އޮތީ ބަދަލުވެފައެވެ. ވަކިމީހަކާ ދިމާކޮށްލުމަށް ކަންކަން ކުރުމުގެ ބަދަލުގައި ވިސްނުންތެރިކަމާއެކު، އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅަކަށް ކުރަން އުޅުއްވާށެވެ.
މުނައްޓެ އާމިރްސް ފެކްޓްފައިންޑިގް ޓީމް ލީޑަރ
23 December 2018
ފެކްޓް ފައިންޑިންގް ޓީމަށް ގިޔާސްއާ ޝިރާނީ އިތުރުކޮށްލީމަ ވަރަށް ފުރިހަމަވާނެ... މަހޭ ނެތިދާނޭ ވެ ލޯބިން ދިވާނާ އެ ފަރި ފަރި މޫނު އުޖާލާ އެފަރި ފަރި މޫނު އިޖާލާ.
އަލީ ރިޒާ
23 December 2018
ސާބަހޭ މިނިސްޓަރ މަޙްލޫފް، ހިތްވަރު ކޮށްލާތި، ޝަވީދު އެބަޖެހޭ ސައިޒް ކުރަން މުޅި ރާއްޖޭގެ ކުޅިވަރު ހަލާކުކޮށްފި، ކުޅިވަރުގެ ނިޒާމްގެ ތެރެއިން ބޭރުކުރަން ޖެހޭ މީހެއް، ބައްސާމަށް ވެސް އެފް އޭ އެމް ނުހިންގިގެން އުޅެނީ ޝަވީދުގެ ނުފޫޒާހުރެ
ސަރީފާ
23 December 2018
މަހޭ ވަރަށް އަވަހަށް ފެއިލްވެއްޖެ. މަހެއްވީ އަދިވެސް އެއްވެސް ބަދަލެއް ނުފެނޭ.