ކުޅިވަރު / ގޯލް ކީޕަރު އިމްރާން މުހައްމަދު

އިމްރާނުގެ ހިދުމަތުގެ އަގު އަދައެއް ނުކުރެވޭނެ: ޝާހު

އިމްރާން (ކ) އާއި ޝާހު ރޭގެ މެޗުގެ ތެރެއިން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގޯލްކީޕަރު އިމްރާން މުހައްމަދު ދިވެހި ފުޓްބޯޅައަށް ކޮށްދިން ހިދުމަތުގެ އަގު އަދައެއް ނުކުރެވޭނެ ކަމަށާއި ރާއްޖޭގެ ހުރިހާ ކުޅިވަރު ކުޅުންތެރިން ވެސް އޭނާ ނަމޫނާ އަކަށް ނަގަން ޖެހޭ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވާޑް އަދި ކެޕްޓަން ޝާހު އިސްމާއިލް (ސާޔާ) ބުނެފި އެވެ.

އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ޝަރަފުގައި ރޭ ގަލޮޅު ދަނޑުގައި ކުޅުނު ހާއްސަ މެޗަށް ފަހު "މިހާރަ"ށް ވާހަކަދައްކަމުން ޝާހު ބުނީ އިމްރާނުގެ ހިދުމަތް މިއަށް ވުރެ ވެސް ކުލަގަދަކޮށް ފާހަގަކުރަން ޖެހޭ ކަމަށެވެ.

ޝާހު ބުނީ އޭނާއާ އެކު 1999 އިން 2003 އަށް ގައުމީ ޓީމަށް ކުޅުނު އިމްރާނުގެ އެންމެ ފާހަގަކުރެވޭ ކަމަކީ މިހާ ގިނަ ދުވަހު އެއް ފެންވަރެއްގައި ފުޓްބޯޅަ ކުޅެ ޑިސިޕްލިން ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަވެގެން އައުން ކަމަށެވެ. އަދި ކުޅުންތެރިއަކަށް ދިމާވާނެ އެންމެ އުނދަގޫ ހުރިހާ މަރުހަލާތަކެއް ކުރިމަތިވިއިރު އޭގެ ކޮންމެ ފަހަރަކު އެކަމުން އަރައިގަތީ ޑިސިޕްލިން މީހެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

"އެކުރަން ޖެހޭ ރިބެލިބޭޝަން މަސައްކަތްކުރުމާ އަނިޔާ އަށް ފަރުވާ ދިނުން އޮންނަ އުސޫލުގެ ދަށުން ކޮށްގެން އޭނާ ހަމަ ޓްރޫ ލެޖެންޑެއްގެ ގޮތުގައި އެންމެންނަށް ރޯލް މޮޑެލެއްގެ ގޮތުގައި ދައްކައިދިން. ވަރަށް ބޮޑަށް މުޅި ފުޓްބޯޅަ އާއިލާ، ހާއްސަކޮށް ދިވެހި ކޮންމެ ކުޅިވަރު ކުޅޭ މީހަކު ވެސް ބަލައިގަންނަން ޖެހޭ ވަރުގެ މީހެއް އޭނާ އަކީ،" ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް 1998 ވަނަ އަހަރު ހާސިލްކުރި ޝާހު ބުންޏެވެ.

އިމްރާން (ކ) އާއި ޝާހު ބައްދާލަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިމްރާން އެންމެ ފުރަތަމަ ގައުމީ ޓީމަށް ކުޅުނުއިރު ޝާހަކީ ޓީމުގެ ސީނިއާ ކުޅުންތެރިއެކެވެ. ޝާހު ބުނީ އޭރު ވެސް އިމްރާންގެ ފަރާތުން ހާއްސަ ކަންތައްތަކެއް ފާހަގަކުރެވުނު ކަމަށާއި އޭނާ އަކީ ދިގު މުއްދަތެއްގައި ދިވެހި ފުޓްބޯޅައަށް ހިދުމަތްކުރާނެ މީހެއްކަން އެނގުނު ކަމަށެވެ.

"ޕްރެކްޓިސްތަކުގައި ކޮމިޓްމަންޓް ލާނެ ވަރަށް ބޮޑަށް. ޕްރެކްޓިސް ކަޓުވާނުލާނެ. ޝާހު މެން ސީނިއާ ކުޅުންތެރިންނާ އެއް ލެވެލްގައި އޭނާ އައިސް ޖޮއިންކޮށްފައި މަންޒަރު ދައްކަން ފެށި. އެ ޑިސިޕްލިން އޭނާގެ ކިބައިގައި ހުރި. އޭރު ވެސް ކުރިއަށްދާން މަސައްކަތްކުރާ ކުުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ،" ޝާހު ބުންޏެވެ.

ރާއްޖޭން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ދެ ވަނަ ހޯދި އިރު އިމްރާނާއި ޝާހުގެ ހިއްސާ ބޮޑެވެ. އަދި 2002 ވަނަ އަހަރު ވިކްޓްރީން ގައުމީ ފުޓްބޯޅަ މުބާރާތުގެ ތަށި މިލްކުކުރިއިރު ވެސް މި ދެ ކުޅުންތެރިން މުހިއްމު ދައުރެއް އަދާކުރި އެވެ. އެއީ ޝާހު އާއި އިމްރާން އެއް ކްލަބަކަށް ކުޅުނު ހަމައެކަނި ސީޒަން ވެސް މެ އެވެ.

- ޝާހުގެ ވެސް އެނބުރި އައުމެއް -

ޝާހުގެ ހިތުގައި އިހުތިރާމާއި ލޯބި ވަރަށް ބޮޑަށް އުފެދިފައިވާ އިމްރާނުގެ ޝަރަފުގައި ރޭ ކުޅުނު އެ މެޗަކީ ޝާހަށް ވެސް ހާއްސަ މެޗަކަށް މިވަނީ ވެފަ އެވެ. ފުޓްބޯޅައިން 2003 ވަނަ އަހަރު ރިޓަޔާކުރި ނަމަވެސް ޝާހު އައީ ވެޓްރަންސް މުބާރާތްތަކުގައި އަދި ރަށްޓެހިންނާ އެކު މަޖަލަށް ވެސް ކުޅެމުންނެވެ. އެކަމަކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހާޓް އެޓޭކެއް ޖެހި ކުޅުމާ ދުރަށް ދާން ޖެހުނީ އެވެ.

ޝާހު (ކ-3) ރޭ ކުރީގެ ބައެއް ކުޅުންތެރިންނާ އެކު ބެންޗުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަރުވާ އަށް ފަހު މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން ގަވާއިދުން ކަސްރަތުކުރަމުން އައި ނަމަވެސް ފުޓްބޯޅަ ކުޅެން އޭނާގެ ސިކުނޑި ތަންނުދެނީ އެވެ. ބިރު ގަންނަނީ އެވެ. ބާރަށް ދުއްވައިގަންނަން ޖެހިލުންވަނީ އެވެ. މި މެޗުގެ ޕްރެކްޓިސް އަށް ވެސް ދިއުމަށް ފަހު ހުއްޓާލަން އުޅުނެވެ. އެކަމަކު އިމްރާންގެ ވެސް އެދުމާ އެކު މެޗު ކުޅުނީ އެވެ. ޝާހު ބުނީ މެޗު ކުޅެލެވުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"(އެކަމަކު) އެއްކޮށް ކުޅުނު މީހުން ފިޓްކޮށް ދުއްވައިގަން މަންޒަރު ފެނުމުން (ހިތްދަތި އިހުސާސްކުރެވޭ). ހާއްސަކޮށް ލައްޗޭ މެން ކަހަލަ އެއްކޮށް ކުޅުނު މީސްމީހުންނާ އެ ކޮމްބިނޭޝަން އަދިވެސް އިނދޭ. އެކަމަކު ފިޒިކަލް ފިޓްނަސް ނެތީމާ އެ މޫވްތަކެއް ނުގެނެވޭ. އެހެންވެ އެކަމުގެ ދެރަ އިހުސާސްކުރެވޭ،" ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަންބޫޓް 1998 އަދި 1999 ވަނަ އަހަރު ހޯދި ޝާހު ބުންޏެވެ.

އެ ދެރަ އިހުސާސް ކުރަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ފުޓްބޯޅައާ ދުރުވާން އޭނާ ބޭނުންނުވާ ނުވުމެވެ. ކުރީގެ ކުޅުންތެރިންނަށް އެފްއޭއެމުން ބާއްވާ ވެޓްރަންސް ކަޕަކީ ވެސް ކުރީގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދޭން ވެގެން އޭނާ އިސްވެ ހުރެ އެފްއޭއެމުން ފެށި މުބާރާތެކެވެ. އުމުރުން ވެސް ދުވަސްވެފައިވުމާ އެކު. އޭނާ ބޭނުންވާ މިންވަރަށް މިހާރު ދަނޑުމަތީގައި ހަރަކާތްތެރިނުވެވުނަސް ޝާހު ގަބޫލުކުރާ ގޮތުގައި ހާޓް އެޓޭކަށް ފަހު ވެސް އާއްމު ދިރިއުޅުމެއް އުޅެވިދާނެ އެވެ.

"އަމިއްލަ އަށް ރަނގަޅު ކަމަށް ގަބޫލުކުރަންވީ. ޑިސިޕްލިންކޮށް ފިޒިކަލް ފިޓްނަސް މެއިންޓެއިންކޮށްގެން އެކަންކަން ކުރީމާ ބަރާބަރު. ނޯމަލް ލައިފުގައި އުޅެވޭނެ. އެކަމަކު އިންސާނަކަށްވީތީ އެ ބިރު އިންނަނީ (ފުޓްބޯޅަ ކުޅެން ވީމާ)،" ޝާހު، 47، ބުންޏެވެ.

2 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 90%
icon sad icon sad 10%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޟާނު

01 January 2019

ޜެފްރީ ސައީދު އަލީ ސަލީމް އަމީޒު ޑޯނާ އެމީހުން ވަނީ އިމްރާން އަށް ވުރެން މާ ގިނަ ދުވަހު އަދީ ރާއއޖެން ބޭރުގަ ރޢްޖޭގެ އެހެން އެއްވެސް ކުޅުން ތެރިއެއް ހިދުމަތްނުކުރާ ވަރަށްކޮށްފަ އަދި ބޭރު އެތަށް މުބާރާތެއްކޮށްފަ ރެފްރީން ވީމަ އަގުވަޒަްނުކުރަނީ މީވެސް ވަރަށް ވާހަކަ

The name is already taken The name is available. Register?

ޭއެ ކަޑަ މީ

31 December 2018

ސާޔާ އަ ލެޖެންޑް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454