ފްލޮޕީ ޑިސްކަކީ މިހާރު ބޭނުންކުރާ އެއްޗެއް ނޫން ކަމަށް އަހަރެމެން ހީކުރިޔަސް އެމެރިކާގެ ނިއުކްލިއާ ހަތިޔާރު ބެލެހެއްޓުމުގައި އަދިވެސް ފްލޮޕީ ޑިސްކު ގެންގުޅޭ. ޑިފެންސް މިނިސްޓްރީގައި އިހުގެ ކޮމްޕިއުޓަރުތައް ބޭނުންކުރާތީ ފްލޮޕީ މުހިންމު.
ފްލޮޕީ ޑިސްކް: ޕެންޓަގަންގައި އަދިވެސް މި ބޭނުންކުރޭ
28 މެއި 2016 - 07:14
އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް ބަލަހައްޓާ ކޯޑިނޭޓްކުރުމަށް މިހާރުވެސް ފްލޮޕީ ޑިސްކް ބޭނުންކުރާ ކަމަށް ޔޫއެސް ގަވަމަންޓް އެކައުންޓަބިލިޓީ އޮފީސް (ޖީއޭއޯ) އިން ބުނެފި އެވެ.
ޖީއޭއޯގެ ރިޕޯޓްގައި ބުނެފައި ވަނީ ޑިފެންސް މިނިސްޓްރީގައި މިހާރުވެސް 1970ގެ އަހަރުތަކުގެ ކޮމްޕިއުޓަރު ސިސްޓަމްތައް ބޭނުންކުރާ ކަމަށާއި އެއީ 8 އިންޗީގެ ފްލޮޕީ ޑިސްކް ބޭނުންކުރަންޖެހޭ ކޮމްޕިއުޓަރު ކަމަށެވެ. އެކަމަކު ފްލޮޕީ ޑިސްކު އާންމުކޮށް ބޭނުންކުރުން 1990ގެ ތެރޭގައި ހުއްޓި ސީޑީ އާންމުވި އެވެ.
ރިޕޯޓްގައި ބުނެފައި ވަނީ ޑިފެންސް މިނިސްޓްރީގައި ގެންގުޅޭ ބައެއް ސިސްޓަމްތަކާއި ކޮމްޕޮނެންޓްތަކަށް 50 އަހަރު ވެފައިވާ ކަމަށެވެ.
"ނިއުކްލިއާ ހަތިޔާރު ކޯޑިނޭޓްކޮށް އޮޕަރޭޝަނަލް ފަންކްޝަންސްތައް ބެލެހެއްޓުމަށް ޑިފެންސް ޑިޕާޓްމަންޓުން މިހާރުވެސް 8 އިންޗި ފްލޮޕީ ޑިސްކު ބޭނުންކުރޭ،" ރިޕޯޓްގައި ބުނެފައިވެ އެވެ.
ޖީއޭއޯ އިން ބުނީ ޕެންޓަގަންގެ މުސްކުޅި ސިސްޓަމްތައް ބޭނުންކުރަމުން އަންނަނީ މިހާރުގެ ޓެކްނޮލޮޖީއާ ގުޅުވައިގެން ކަމަށެވެ. އަދި ކޮންމެ އަހަރަކު އިންފޮމޭޝަން ޓެކްނޮލޮޖީ އަށް 80 ބިލިއަން ޑޮލަރު ހޭދަކުރާ ކަމަށް ބުނެފައިވެ އެވެ.
ޕެންޓަގަން އިން ވަނީ 2017 ވަނަ އަހަރު އަންނައިރު ސިސްޓަމްތައް ޒަމާނީކޮށް ނިންމަން ކަނޑައަޅައިފަ އެވެ. - އިންޑިޕެންޑެންޓް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy