23 މާޗް 2019 - 08:44
އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ރޭ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ސައުދީ އަރަބިއާ އަތުން 6-0 އިން ބަލިވެއްޖެ އެވެ.
މިއީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅޭ ފުރަތަމަ ރަސްމީ މެޗުތަކެވެ. މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ބައިވެރިނުވީ ސާފް ސުުޒުކީ ކަޕް އޮތުމުން ދެ މުބާރާތެއްގައި އެއް ޓީމަކަށް އެހާ ގާތްގާތުގައި ނުކުޅެވޭނެތީ އެވެ.
ސައުދީގެ ޕްރިންސް ފައިސަލް ބިން ފަހުދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ރާއްޖޭގެ ފުރަތަމަ އެގާރައިގައި ހިމެނެނީ ކީޕަރު ހުސެއިން ޝަރީފް (ހުސެން)، ކެޕްޓަން އައްޒާމް އަބްދުﷲ (އެޑޫ)، އައިޝަމް އިބްރާހިމް، ހައިޝަމް ހަސަން، އަލީ ޝަމާލް އަބްދުﷲ، މުހައްމަދު ސާދު ނިޒާރު، ސައިފުﷲ އިބްރާހިމް، ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު ޖައިލަމް (އޮގީ)، ރިހާމް އަބްދުލް ގަނީ (ބޮބީ) އަދި އަބްދުﷲ ޔާމީން (ޔާން) އެވެ.
މެޗު ފަށައިގެން ރާއްޖޭގެ ޓީމު ރަނގަޅު ޑިފެންސިވް ސިސްޓަމެއްގައި ކައުންޓަ އެޓޭކަށް ވިސްނައިގެން ކުޅެން ފެށީ އެވެ. ސައުދީން މެދުތެރެއިން ޑޮމިނޭޓްކޮށްގެން އެޓޭކްކުރަން މަސައްކަތްކުރިއިރު، ރާއްޖޭގެ ކުޅުންތެރިން ދިޔައީ ރަނގަޅަށް ކުޅެމުންނެވެ. އަދި އެ ވަގުތު ތެރޭގައި ސައުދީން ކުރި އެޓޭކްތައް ހުއްޓުވުމުގައި ރާއްޖޭގެ ކީޕަރު ހުސެން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
ސައުދީން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގައި އަބްދުލް ރަހުމާން ހާޝިމް ޖެހި ގޯލުންނެވެ. އެ ލަނޑު ޖެހުމާ އެކު ރާއްޖޭގެ ކުޅުންތެރިންގެ ސަމާލުކަން ގެއްލި ޖެހިގެން އައި މިނިޓްގައި ސައުދީން އިތުރު ލަނޑެއް ޖެހި އެވެ. މި ގޯލު ޖެހީ އަބްދުﷲ އަލްހަމްދާން އެވެ.
އެހާ ގާތްގާތުގައި ދެ ލަނޑު ވަނުމުން ރާއްޖެ އަށް އަލުން މެޗުގެ ތެރެއަށް އަންނަން އުނދަގޫތަކެއް ކުރިމަތިވި އެވެ. އެހެން ނަމަވެސް ޔާން އާއި ހަންނަ އަދި އޮގީ އަށް ލިބޭ ބޯޅަތަކުގައި އެ ކުޅުންތެރިން އެޓޭކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް ސައުދީ ޑިފެންސްލައިން ފަހަނައަޅައި ދެވޭގޮތެއްނުވެ އެވެ.
ދެ ވަނަ ހާފަށް ރާއްޖޭން ނުކުތީ ހަސަން ނަޒީމް (ޗޯޓު) ކުޅެން އަރުވައިގެންނެވެ. މި ހާފް ފަށައިގެން މެޗުގެ 49 ވަނަ މިނިޓްގައި ސައުދީން ވަނީ ތިން ވަނަ ލަނޑެއް ޖަހައިފަ އެވެ. ސައުދީގެ އަބްދުއްރަހުމާން ގަރީބް ޖެހި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ އައިޝަމް ފައިގައި ޖެހިފަ އެވެ. އެ ލަނޑު ޖެހިތާ މިނިޓެއް ފަހުން ރާއްޖެ އަށް ލަނޑެއް ޖަހާން ރަނގަޅު ފުރުސަތެއް ލިބުނެވެ. ހުސްކޮށްލާފައި އޭރިއާތެރެއިން ޔާން އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ސައުދީ ކީޕަރު މުހައްމަދު އަލްޔަމީ ވަނީ މަތަކޮށްފަ އެވެ.
ސައުދީގެ ހަތަރު ވަނަ ލަނޑު މެޗުގެ 66 ވަނަ މިނިޓްގައި ކާމިޔާބުކުރީ އަލްހަމްދާން އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ތެރެއިން ހުސްކޮށް އަރައި ބޮލުންނެވެ. އަލްހަމްދާން ސައުދީގެ ފަސް ވަނަ ލަނޑު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ސައުދީގެ ހަ ވަނަ ލަނޑު ޖެހީ އަލްހަމްދާން ދިން ބޯޅައަކުން އައިމަން އަލްހުލައިފް އެވެ.
ރާއްޖޭގެ ޓީމާ އެކު މި ފަހަރުގެ ކޮލިފައިން އަށް ސީނިއާ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ދިޔަ ނަމަވެސް ޓީމަށް އިރުޝާދުދިނުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްްޓެ) އެވެ. ސެގާޓް އެ ނިންމުން ނިންމީ ދިވެހި ކޯޗުންނަށް އެންމެ މަތީ ލެވެލްގެ މެޗުތަކުގައި ކޯޗުކަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނާއި މިހާތަނަށް ކުރެވުނު މަސައްކަތުގައި ޝާކިއްޓެ އަށް ކުރެވޭ އިތުބާރު ބޮޑުކަމުންނެވެ.
ކޮލިފައިންގައި މި ގްރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ޔޫއޭއީ ވަނީ 6-1 އިން ލެބަނަން ބަލިކޮށްފަ އެވެ. ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި އާދިއްތަ ދުވަހުގެރޭ ބައްދަލުކުރާނީ ޔޫއޭއީއާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު.
25 March 2019
ތިޔަ ބޭފުޅުން ޤަބޫލު ކުރިއަސްނުކުރިއަސް އަޅުގަނޑު ދަންނަވާނީ ބޭރުޤައުމަކާ އެކު ރަޙުމަތްތެރިކަމުގެ މެއްޗެއް ފިޔަވާ މުބާރާތެއްގަ މެޗެއް ކުޅެވޭވަރުގެ ޓީމެއް ރާއްޖެއަކު އަދި ނުއުފެއްދެ، ބޮޑުޚަރަދުކޮށްގެން ބޭރަށް ދާނެވެސްކަމެއްނެއް، ބޭކާރުކަމެއް، ދައުލަތުން ބޮޑުޚަރަދުގަނޑެއް. މިހާރު މިފެންނަނީ ކޮންމެފަހަރަކުހެން އަންނަނީ ބޮޑު ލަދެއްގަ ބެދިގެން، ނުވިތާކަށް ކުޅުންތެރިންގެއަޙުލާގުވެސް މާބޮޑަށް ދަށް، ބައެއް ކުޅުންތެރިންގެ ބޯހީވަނީ މަކުނެއްހެން،
ައޯކޭ
24 March 2019
އަދި އޯކޭ ވެންނެން ހިތްވަރޮ ކޯލައު :)
ފުޓްބޯލް ފޭން
23 March 2019
ފުޓުބޯޅަޔަށް ރާއްޖެއިން ހޭދަކުރާވަރާ ކައިރިއަށްވެސް އެހެން ކުޅިވަރަކަށް ހަރަދުކުރާނަމަ ރާއްޖެއިން މި ރީޖަންއަށް ބަލާއިރު ރަނގަޅު ނަތީޖާ ނެރޭނެހެން ހީވޭ. މިސާލަކަށް ވޯޓާ ސްޕޯޓްސް، ދުވުން ކަހަލަ ކަންތައް.
ނަގިއްޔާ
23 March 2019
މީގެ 10 އަހަރުކުރިން ދެއްކިވާހަކަ ދައްކަންޖެހެނީ! ދިވެހިކުދިންގެ ހަށިގަޑު މާ ވަރުދެރައީ. ރަގަޅު ކެއުމެއްނެތި ދަންވަރު ދޭއް ތިނެއްޖަހަންދެން ހޭލަތިބެ އަރާމު ނިންޖެއް ނުލިބި ހިތުހުރިވަރަކަށް ސިނގިރޭޓްބޮއި ހެދުމުގެ ސަބަބުން ކުޅުނުްތެރިންގެ އެކަށީގެންވާ ބުންވަރެއް ނުހުރޭ. ފުރަތަމަ 30 ހަކަށް މިނެޓް ވަރަށް ރަގަޅަށް ކުޅެފަ ދެންފެންނާނީ ހަމަނޭވާ ނުލެވިގެން އުޅޭތަން. އެހާ ހިސާބުން ބޯޅަފަހަތުން ދުވުން ގިނަވުމާ ވައި ޓެކުލްޖެހުމާ ބޯލް ކޮންޓްރޯލް ނުވުން ....
އަހު
23 March 2019
ސައުދީ ޓީމަށް ބަލާލާއިރު އެއިން އެންމެ ހީހެއްގެ ބޯމަކުނެއްހެން ބޯދިގުކޮށްފައިވެސް ނެތް ވެލް ޑިސިޕްލިންގް ޓީމެއްގެ ގޮތުގއި ފެނޭ އެކަމަކު ރާއްޖެޓީމަށް ބަލާލާއިރު ގިނައީ ބޯދިގު މަކުތަކެއްގެ ޓީމެއްހެން ރީތި ސިފަވަންތަ އެކަކުވެސް ހުރި ހެނެއް ހިޔެއް ނުވެ
ނެޑް
23 March 2019
ބޮލުގެ ވާހަކަ ބާއްވަމާ؟ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ތެރޭގައި މުޅި ގައިގައި ޓެޓޫ ނުޖަހާ ކިތަކެއް ކުޅުންތެރިން ދަންނަން؟ ކުޅުމުގެ ފެންވަރާއި މީހެއްގެ ސްޓައިލްއަކާއި ކީތް؟
ހެހޭ
23 March 2019
ކީޕަރ ހުސެން ފިޔަވައި
އަލިފުޅުބެ
23 March 2019
ދިވެހި ޓީމް ހާދަ މޮޅޭދޯ އެއޮއް ވަރުގަދަ ސައޫދީ އަށް އެޖެހުނީ އެންމެ ހަ ލަނޑު. ދެން އުންމީދުކުރަންވީ ރާއްޖެއަށް ވޯލްޑް ކަޕް ލިބޭނެ ދުވަހަކަށް.
ގަޓް ބްރޯ
23 March 2019
ތީ އާންމެ ކަމެއް. ނުކުޅެ ގުރުއަތުލަނިކޮށް ފަހަރެއްގަ މޮޅުވެދާނެ
ރަދީފް
23 March 2019
މަރުހަބާ ޓީމް.ވަރަށް އުފާވެރި ނަތީޖާއެއް މިލިބުނީ.އަދިވެސް ގިނައިން މެޗްތައް އިތުރުކުރަންވީ.
ހަލީމުދިދީ
23 March 2019
މިގައުމުގެ ފުޓުބޯލަ ކުޅުންތެރިން މިތިބެނީ ކިހިނެއްތަ. ބޭރު ގައުމުތަކުގަ ކުޅުންތެރިން ހާދަ ސްމާރޓޭދޯ. މިރާއްޖޭގެ ކުޅުންތެރިން އަބަދުމެ މިފެންނަނީ ވަރަށް ޖަންކީކޮށް ގޭންގު ސްޓައިލަށް.
މުސްނީ
23 March 2019
ކީއްކުރާ ބައެއްތަ މީ. ކޯޗެއް ޕްރެކްޓިސް ކޮށްގެން ބާ ތިދިޔައި.