ފައިނޭންސް ފޯރަމްގައި ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު--ފޮޓޯ:ނިޝާން އަލީ/މިހާރު
22 އެޕްރީލް 2019 - 13:24
ދައުލަތުގެ ޕެންޝަން ފަންޑުގައި މިހާރު 12.2 ބިލިއަން ރުފިޔާ އެބަހުރި ކަމަށް ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި ފައިނޭންސް ފޯރަމްގައި މަނިކު ވިދާޅުވީ، ޕެންޝަން ފަންޑުގައި ހުރި ފައިސާ މިދިޔަ ނުވަ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރު ކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ފަންޑަށް ފައިސާ އިތުރު ކުރުމަށްޓަކައި އިންވެސްޓް ކުރާ ދާއިރާތައް އަންނަނީ ފުޅާކުރަމުންނެވެ.
ފަންޑަށް ކޮންޓްރިބިއުޝަންގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ލިބިފައިވާ އިރު ފައިދާގެ ގޮތުގައި ލިބުނު މިންވަރަކީ ދެ ބިލިއަން ރުފިޔާ އެވެ.
"ފެންޝަން ފަންޑަށް ކޮންޓްރިބިއުޓް ކުރާ މީހުންގެ 38 ޕަސެންޓަކީ 26 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުން. އެހެންކަމުން މި ފަންޑުގެ ބޮޑު ބަޔަކީ ޒުވާނުން. މީގެ އިތުރުން ޕެންޝަން ފަންޑަށް ކޮންޓްރިބިއުޓް ކުރާ 80 ޕަސެންޓަކީ 45 އަހަރުން ދަށުގެ މީހުން،" މަނިކު ވިދާޅުވި އެވެ.
އެހެންވެ ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާ 80 ޕަސެންޓް މީހުންނަށް ޕެންޝަން ފައިސާ ލިބުމުގެ ކުރިން އެ ފައިސާ އިންވެސްޓްކުރުމަށް ވިއްސަކަށް އަހަރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަނިކު ވިދާޅުވީ، މުސާރައިގެ ނިސްބަތުން ޕެންޝަން ފަންޑަށް ޖަމާކުރާ ވަރު އަދިވެސް ކުޑަ ކަމަށެވެ. އަދި އެކި ކުންފުނިތަކުން ލިބޭ މިންވަރު ވެސް ތަފާތު ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ޕެންޝަން ދޭން ޖެހޭނީ އަސާސީ މުސާރައިގެ 14 ޕަސެންޓު ކަމަށް ވިޔަސް ބައެއް ތަންތަނުން އަސާސީ މުސާރަ ވަރަށް ބޮޑަށް ކުޑަކޮށްފައި އޮތުންކަން މަނިކު ފާހަގަކުރެއްވި އެވެ. މިކަމުގެ ސަބަބުން ކޮންޓްރިބިއުޝަން ކުޑަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮންމެ މުވައްޒަފެއްގެ މުސާރައިގެ 14 ޕަސެންޓް ޕެންޝަން ފަންޑަށް ޖަމާކުރަން ޖެހެ އެވެ. އެއީ މުވައްޒަފުގެ މުސާރައިން ހަތް ޕަސެންޓް އަދި ވަޒީފާ އަދާކުރާ ތަނުން އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓެވެ.
ފައިނޭންސް ފޯރަމް މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިޔަށް ގެންދާނެ އެވެ. ފޯރަމްގައި، ސަރުކާރާއި ފައިނޭންޝަލް ސެކްޓަރު ގުޅިގެން ޕްރައިވެޓް ސެކްޓަރު ތަރައްގީކޮށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ އެވެ. އަދި އެކަން ހާސިލު ކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ.
އަމިއްލަ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމަށް އެސްއެމްއީ ބޭންކެއްގެ ބޭނުންތެރިކަމާއި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން އެ ވިޔަފާރިތައް ކުރިއެރުވުމަށް އެންމެ އެކަށޭނަ މާހައުލެއް ހޯދައިދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއް ގައި ފައިނޭންސް ފޯރަމްގައި މައުލޫމާތު ބަދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯދެން
23 April 2019
ތިޔަތާގައި އެއްވެސް މުވައްޒަފެއްނެތަސް އެކައުންޓް ފުރޭނެ.
އަލިހަންޑޯ ޓޮލޭޑޯ
23 April 2019
ކަންތަކާޖެހުނީ، މިހާރު އެސައްލާކުރަނީ އެފަންޑު ދަވާލާނެ މޮޅު އުކުޅަކަށް. އަހަންނަށް މިހާރު 38 އަހަރު، މަށަށް 65 ވާއިރު ތިޔަފަންޑުގައި މަށަށް ދޭނެ ލާނިއެއް ހުންނާނެކަމަކަށް ޤަބޫލެއްނުކުރަން. މަގޭ މުސާރައިންކަނޑާ ރުފިޔާކޮޅު ލިބުނަސް ބޮޑުވަރު. އަނެއްކާ ތިޔަފަންޑުން ޑިޕޯލްޓްކޮށް އިންވެސްޓްކުރަނީ ރިބާހިމެނޭ ކަންކަމުގައި. އެމީހާ އަމިއްލަޔަށް ފޯމުފުރައިގެން ރިބާ ކަނޑާލެވެނީ. ކޮންމެ ވޯޓަކާއި ގުޅުވައިގެން 5 އަހަރުން އެބަ ފަންޑުންކުރަންޖެހޭ ހޭދަބޮޑުކުރޭ.
ލިފާޒް
23 April 2019
ތި ފައިސާއިން ކޮށްދޭންވީ އެންމެ ބޮޑުކަމަކީ ތިބޭފުޅުންގެ ބެލުމުގެ ދަށުގައި ހުންނަހާ ދުވަހަކަު އަހަރުން އަހަރަށް މުދަލު ޒަކާތް ތިފައިސާއިން ނެރެދެންވީ .... އޭރުން އަޅުގަނޑުމެންނަށް ތިޔަ ފައިސާ ލިބޭނީ ހަލާލުގޮތުގައި. މިހާރު 4000 ވަރަކަށް ރުފިޔާއިން ޒަކާތުގެ ނިޞާބު ހަމަވޭ މިކަމާވިސްނަންވޭ
އަލިހަންޑޯ ޓޮލޭޑޯ
23 April 2019
އަދި ތިޔަފަނޑުން އިންވެސްޓްކުރަންޖެހޭނީ ރިބާނުހިމެނޭގޮތަށް. މިހާރު އޮންނަގޮތުން ރިބާނުހިމެނޭ ގޮތަށް އިންވެސްޓުކުރަން ހުށަހަޅަންޖެހެނީ އަމިއްލަޔަށް. މިފަންޑުގައި ފުރަތަމަ އުފަންވަނީ ކާފަރެއްގެގޮތަށް ދެންޖެހެނީ އަމިއްލަޔަށް އިސްލާމްވާން. އެކަމަކު މިއީ ޤާނޫނުއަސާސީގައި 100 ޕަސެންޓް އިސްލާމް ޤައުމެއް. އަމަލުން 100 ޕަސެންޓް ހަމައެއްނުވޭ.
ހޮޓްކިންގ
23 April 2019
މަހުޝަރު ދުވަހުން ޝަކުވާކުރުމުގެ ފުރުސަތު މަށަށް ލިބިއްޖެނަމަ އެންމެ ފުރަތަމަކުރާނީ މަގޭއަތުން ފައިސާ ނަގާފައި ބޭނުމެއް ނުކުރެވޭގޮތަށް ތިޔަފައިސާ ހިފެހެއްޓިކަމުގެ ޝަކުވާ. ދުނިޔޭގައި މިއުޅެނީ ލިބޭމުސާރައިން ދެކޮޅު ނުޖެހި، ބޯހިޔާވަހިކަމެއްނެތި، ކުލިދެއްކޭނެ ފަދައެއް، ބިލްތަކަށް ފައިސާ ދެއްކޭނެ ފަދައެއް، މަގޭ އަނބިމީހާގެ ބައްޔަށް ފަރުވާ ކުރެވޭނެ ގޮތެއް ނެތި މަގޭ ޒަރޫރީ އެއްކަމެއްވެސް ނުފުއްދިގެން. އެކަމަކު ފަންޑުގައި ލައްކައިން މަގޭފައިސާ އެބަހުރި.
ހޮޓްކިންގ
23 April 2019
ބިރުގަންނަނީ މިވެރިކަން ނިމެންވާއިރަށް ތިޔަފައިސާގައި ޖެހިދާނެތީ. އެއީ ނަޝީދުގެ ވެރިކަމުގައިވެސް ކަންކުރިގޮތް. ޕެންޝަންފަންޑުންވެސް ދައުލަތުގެ ކަންކަމަށް ޚަރަދު ކުރި.
ޙައިލަމް
22 April 2019
ތިޔައިގަ ކިތަންމެ ފައިސާއެއް ހުއްޓަސް އަހަރުމެންނަށް ވާ ފައިދާއެއް ނެތެއްނު. ޢަމިއްލަ ފައިސާވެސް ނުދީ ތި ތިބެނީ ހިފާއްޓައިގެން. ވަޒީފާ އިން ވަކިވީމަވެސް އެފައިސާ ދެނީކީނޫން. ކިހާބޮޑު އުނދަގުލެއް. ޢަދިވެސް ލިބޭވަރު މަދުވެގެން. ލަދުހަޔާތުގެ ކަންފުޅެއްވެސް އޮތް ބަޔެއްނޫން މީކީ.
ރާއްޖެ
22 April 2019
ފައިސާ ލައްކައިން ރައްކާކޮއްފަ ބޭނުން ނުކުރެވި ދުނިޔެ ދޫކޮއްދަނީ. ތިފަންޑުން ދެން ކޮން ފައިދާއެއް މީހަކަށް ވަނީ؟ ގިއްގެޅެންދެން މަސައްކަތް ކޮއްފަ ހާލުގަ ޖެހޭ ދުވަހު، ބައްޔެއްވާ ދުވަހު ބޭނުން ކުރަން ނެގޭ އެއްޗެއްވެސް ނޫން. ގަދަަކަމުން ފޭރުން ތިއީ.
ތިމާވެށީ
22 April 2019
ސަރުކާރު ކުންފުނިތަކާ މުވައްސަސާ ތަކުގަ ހުން ފައިސާ އިން ބައެއް ދައުލަތުން ބޭޏުންވީމަ ނުނެގޭ ގޮތް ހަދަން ޖެހެއެވެ. ދަރަނި ވެރި ކޮށްފަ ތަންތަނުން ފައިސާ ނަގާ ހަމަ ޖައްސާލައެވެ. ސަރުލާރު ކުންފުނިތައް ކުރި ނާރަނީ އެހެން ވެއެވެ.
އަޅަމުންގެންދާ
22 April 2019
މިއީ ގާނޫނަކުން ލާޒިމުކޮށްގެން މުވައްޒަފުން ފެލަމުން ގެންދާ ފަންޑެކެވެ. މަޖިލީހަށް ހޮވާފައި ތިބޭ މީހުން މިކަހަލަ ބިލް ހުށަހަޅައިގެން ރައްޔިތުންނަށް ޖެއްސުން ކުރެއެވެ. މިސާލަކަށް ތާރޑްޕާރޓީ އިންސުއަރެންސް ފުދޭ ނޫންތޯއޭވެ. އިންސުއަރެންސް ކުންފުނިތަކަށް ފައިސާ ވަންނާނެ މަގު ކޮށުނީ ނޫންތޯއެވެ. އެމީހުން އިތުރަކަށް ބިޒްނަސް ޕްރޮމޯޓްކުރާކަށް ނުޖެއެވެ. މިއީ މި ރާއްޖޭ ގެ ހާލަތެވެ.
ކުޜެންދޫ
22 April 2019
ގުޑް....ދެން ހިނގާ ތިކާލަމާ.