ކުޅިވަރު / ސްޕޯޓްސް ކައުންސިލް

މިހާރު ހިނގަމުންދާ ސްޕޯޓްސް ކައުންސިލް އުވާލައިފި

ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލް (ވ) އަދި ނައިބް ރައީސް ފަރުހަތު ޖަލީލް: އެ ކައުންސިލް މިހާރު ވަނީ އުވާލާފައި.

ކުޅިވަރުގެ ގާނޫނާ އެއްގޮތަށް ސްޕޯޓްސް ކައުންސިލް އަލުން އެކުލަވާލުމަށްޓަކައި، މިހާރު ހިނގަމުންދާ ކައުންސިލް، ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު އުވާލައްވައިފި އެވެ.

މިނިސްޓަރު ވިދާޅުވީ ދެން ކައުންސިލް އެކުލަވާލާނީ އިންތިހާބުކުރަން ޖެހޭ މެމްބަރުންނާ އެކު ކަމަށެވެ.

ޖުމްލަ 11 މެމްބަރުން އެކުލެވޭ މި ކައުންސިލުގައި ތިބެނީ އެސޯސިއޭޝަންތައް ތަމްސީލްކުރާ ހަތަރު މެމްބަރުންނައި މިނިސްޓްރީގެ ތެރެއިން މިނިސްޓަރު އައްޔަންކުރާ ދެ މެމްބަރުންނާއި ދެ އަންހެން މެމްބަރުންނާއި ގާނޫނީ ވަކީލަކާއި އެޑިއުކޭޝަން މިނިސްޓްރީ ތަމްސީލްކުރާ މެމްބަރަކާއި އޮލިމްޕިކް ކޮމިޓީން ކަނޑައަޅާ މެމްބަރެކެވެ.

މީގެ ތެރެއިން އެސޯސިއޭޝަންތައް ތަމްސީލްކުރާ ހަތަރު މެމްބަރުންނަކީ އައްޔަންކުރާ މެމްބަރުން ކަމެއް ނުވަތަ އިންތިހާބުކުރާ މެމްބަރުން ކަމެއް ގާނޫނުގައި ސީދާ ބުނެފައެއް ނުވެ އެވެ. މިހާތަނަށް މިނިސްޓަރު އައީ އެ ހަތަރު ޖާގައަށް މެމްބަރުން އައްޔަންކުރަމުންނެވެ. އެކަމަކު މިހާރުގެ މިނިސްޓަރު މަހުލޫފު ނިންމެވީ އެއީ އިންތިހާބުކުރާ މެމްބަރުން ކަމަށް ކަނޑައެޅުމަށެވެ. އެ މަޖިލީހަށް މިނިސްޓަރު އައްޔަންކުރައްވާފައިވާ ގާނުނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ އެ މާއްދާގައި "އައްޔަނުކުރުން" އެ ލަފުޒު އައިސްފައި ނެތުމުން ވެސް ބެލެވެނީ، ގާނޫނު ތަސައްވުރު ކުރަނީ އެހެން އުސޫލަކުން އަންނަން ޖެހޭ މެމްބަރުންތަކެއްގެ ގޮތުގައި ކަމަށެވެ.

އަދި އެކަމަށްޓަކައި އިންތިހާބު ބާއްވަން އައީ ތައްޔާރުވަމުންނެވެ. އެކަމަކު މިނިސްޓަރު ނިންމެވީ އެ ހަތަރު މެމްބަރުން އިންތިހާބުކޮށް، އެ މެމްބަރުންނާ އެކު އަލުން ކައުންސިލް އެކުލަވާލެއްވުމަށެވެ.

އިންތިހާބުކުރާ ހަތަރު މެމްބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތައް ތަމްސީލްކުރާ ދެ މެމްބަރުންނާއި ނޮން އޮލިމްޕިކް ކުޅިވަރުތައް ތަމްސީލްކުރާ ދެ މެމްބަރުން ކަމަށް ގާނޫނުގައި ބުނާއިރު އިންތިހާބު ބާއްވާނީ ވެސް އެ އުސޫލުގެ މަތިންނެވެ. އެގޮތުން ކޮންމެ އެސޯސިއޭޝަނަކަށް ވެސް، އެސޯސިއޭޝަނެއް ނިސްބަތްވާ ކެޓަގަރީއަކަށް އާއްމުންގެ ތެރެއިން ދެ ނަން ނޮމިނޭޓްކުރެވޭނެ އެވެ. އެކަމަކު އެ މީހުން ވާން ޖެހޭނީ ކުޅިވަރުގެ ބެކްގްރައުންޑް ހުރި ބަޔަކަށެވެ.

ޝަމީމް ވިދާޅުވީ އިންތިހާބު ކުރެވޭ މެމްބަރުން އައުމާ އެކު ކައުންސިލުގެ މަސައްކަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށާއި ސަބަބަކީ އެ ހަތަރު މެމްބަރުން ވެގެންދާނީ އެސޯސިއޭޝަންތަކަށް ޖަވާބުދާރީވާ ބަޔަކަށް ކަމަށްވާތީ އެވެ. މިހާރު އޮންނަ ގޮތުން، އެސޯސިއޭޝަންތައް ތަމްސީލްކުރި ނަމަވެސް ޖަވާބުދާރީވާން ޖެހެނީ މިނިސްޓަރަށެވެ.

މިނިސްޓަރުގެ ނިންމެވުމަށް ބައެއް އެސޯސިއޭޝަންތަކުން ވަނީ ތާއީދުކޮށްފަ އެވެ. އެގޮތުން ބެޑްމިންޓަން އެސޯސިއޭޝަނާއި ބާސްކެޓްބޯޅަ އެސޯސިއޭޝަނާއި ސްވިމިން އެސޯސިއޭޝަނާއި އެތުލެޓިކްސް އެސޯސިއޭޝަނާއި މޯލްޑިވިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން އަދި ބޮޑީބިލްޑިން އެސޯސިއޭޝަނުން ވަނީ އެކަމަށް ތާއީދުކުރާކަން ރަސްމީކޮށް ހާމަކޮށްފަ އެވެ.

ސްޕޯޓްސް ކައުންސިލުން މިހާރު ކުރާ އެންމެ ބޮޑު މަސައްކަތަކީ ކުޅިވަރުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތަކާއި އުސޫލުތައް ހެދުމެވެ. އެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށާއި ހުރިހާ މަސައްކަތްތަކެއް މި އަހަރުގެ ނިޔަލަށް ނިންމައި ކްލަބްތަކާއި ޖަމިއްޔާތައް އިތުރަށް ހަރުދަނާކުރާނެ ގޮތްތަކާ މެދު އަންނަ އަހަރު ފުޅާ ދާއިރާއެއްގައި ވިސްނައި މަސައްކަތްކުރެވޭނެ ކަމަށް ކައުންސިލުގެ ރައީސް އިބްރާހިމް އިސްމާއިލް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމަށް ބެލެވޭ ކުޅިވަރުގެ ގާނޫނު 2015 ވަނަ އަހަރު ފާސްކޮށްފައިވާއިރު އޭގެ ދަށުން މިހާރު ވެސް ގަވާއިދުތަކެއް ހަދައި އަންނަނީ ތަންފީޒްކުރަމުންނެވެ. އޭގެ ތެރޭގައި ކޮމިޝަނާ އޮފް ސްޕޯޓްސްގެ އޮފީހުގައި ކުޅިވަރު ޖަމިއްޔާތަކާއި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި ކުޅުންތެރިން ގައުމީ ޓީމުތަކަށް ވީއްލުމުގެ ގަވާއިދާއި ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުމުގެ އުސޫލު އަދި ބައިނަލްއަގްވާމީ ކާމިޔާބީ ހޯދާ ޓީމުތަކާއި ކުޅުންތެރިންނަށް އިނާމް ދިނުމުގެ އުސޫލު ހިމެނެ އެވެ. އެ ގާނޫނު ހަރަކާތްތެރިކޮށް އޭގެ ފައިދާތައް ކުޅިވަރަށް ކުރާނީ އެ ގަވާއިދުތަކާއި އުސޫލުތައް ހެދިގެންނެވެ.

ރާއްޖޭގެ ކުޅިވަރުގެ ގައުމީ މަޖިލީސް ކަމަށްވާ ސްޕޯޓްސް ކައުންސިލުން ދެން ފުރިހަމަކުރި އެންމެ ބޮޑު އެއް މަސައްކަތަކީ ރާއްޖޭގެ ކުޅިވަރުތައް ގިންތި ކުރުމެވެ. އެގޮތުން އެސޯސިއޭޝަންތަކަށް މިހާރު ބަޖެޓް ދެމުން އަންނަނީ އެ ގިންތިތަކުގެ ދަށުންނެވެ. އެކަމަކު އާ ސަރުކާރުގެ ވައުދެއްގެ ދަށުން މިހާރު ވަނީ ކޮންމެ އެސޯސިއޭޝަނަކަށް ވެސް މަދުވެގެން 500،000ރ. ދޭން ނިންމައިފަ އެވެ.

3 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 71%
icon sad icon sad 29%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްލާ

17 June 2019

ޕާޓީ ކުދިން ނޫން ބަޔަކު މުގައުމުގަ ވަޒީފާއެއްގަވެސް އހެންގޮތަކަށްވެސް އުޅުން ހަރާމް ވީ އުތަ.

The name is already taken The name is available. Register?

މުށިމުށި

17 June 2019

"އައްޔަންކުރައްވާފައިވާ ގާނުނީ ވަކީލް ހުސެއިން ޝަމީމް ވިދާޅުވެފައިވަނީ އެ މާއްދާގައި "އައްޔަނުކުރުން" އެ ލަފުޒު އައިސްފައި ނެތުމުން ވެސް ބެލެވެނީ، ގާނޫނު ތަސައްވުރު ކުރަނީ އެހެން އުސޫލަކުން އަންނަން ޖެހޭ މެމްބަރުންތަކެއްގެ ގޮތުގައި ކަމަށެވެ." ސަމީމް ހަމަސާބަސް ތިބޭ ފުޅާއަށް، ބަލަ ކުޅިވަރު ޤަނޫނުގެ 12 ވަނަ މާއްދާ ބުނަނީ މިމާއްދާގެ 'ނ' ދަށުން އައްޔަނުކުރެވޭ މިހެން، އަދި ތިޔަ ފާހަގަ ކުރާ ދެމަގާމްވެސް އައްޔަނު ކުރެވޭނީ 'ނ' ގެ ދަށުން ނޫންތޯ. ގުނބޯ...

The name is already taken The name is available. Register?

އަފޫ

17 June 2019

ތި ފަރުހަތު މެން ތަގަޅު ނުވާނެ އެއް ކަމަކަށް ވެސް...ކިތައް އެސޯސިއޭސަން އާއި ޖައްސާލާގެން ޒާތީ ވެގެން އުޅުނީ...ބައެއް ފަހަރު ކުޅުން ތެރިޔާވެސް ގަދަ ވޭ ފަރުހަތު ކައިރީ އެސޯސިއޭސަން އަކަށް ވުރެ...އެސޯސިއޭސަން އިން ނަގާފަވާ ނިންމުން ބަދަލް ކުރަން ގިނަގުނަ ކަންތައް ކޮއްފަ އެބަހުރި...ދިމާލައް ޖޯކްވެސް ޖަހާފަ އެބަހުރި...މީ ވަރަށް ވާހަކަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454