05 ޖުލައި 2019 - 08:57
ލަންޑަން (ޖުލައި 5) - ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ފިލިއްޕޭ ކުޓީނިއޯ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނުވިއްކާނެ ކަމަށް އޭނާގެ އޭޖެންޓް ކިއާ ޖޫރަބްޗިއަން ބުނެފި އެވެ.
ލިވަޕޫލް ދޫކޮށް ކުޓީނިއޯ މިދިޔަ އަހަރު ޖެނުއަރީ މަހު ބާސެލޯނާ އަށް ބަދަލުވީ 160 މިލިއަން ޔޫރޯ އަށެވެ. ބާސެލޯނާ އަށް ބަދަލުވުމަށް ފަހު ކުޓީނިއޯ އަށް އޭނާގެ މޮޅު ކުޅުން ދައްކަން ވަނީ އުނދަގޫވެފަ އެވެ. އަދި މިދިޔަ ސީޒަނުގައި ބާސެލޯނާގެ ސަޕޯޓަރުންނާ ކުޓީނިއޯއާ ދެމެދު ހިތްހަމަނުޖެހުންތަކެއް ވެސް އުފެދުނެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޓީނިއޯ ހޯދަން ގިނަ ކްލަބްތަކަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑް ހިމެނެ އެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން ވަނީ ކުޓީނިއޯއާ އެކު އެއްބަސްވުމަކަށް ވެސް އައިސްފަ އެވެ. އެކަމަކު ކުޓީނިއޯގެ އޭޖެންޓް ކިއާ އެކަން ދޮގުކުރެ އެވެ.
"ކުޓީނިއޯގެ ޓްރާންސްފާ ކަންތައްތަކާ އެއްވެސް ބަޔަކާ މަޝްވަރާއެއް ނުކުރަން. މީޑިއާގައި ތަފާތު ވާހަކަތައް ދެކެވޭތީ އަހަރެން ބާސެލޯނާގެ ޖެނެރަލް މެނޭޖަރު ސެގޫރާއާ ބައްދަލުކޮށްފިން. އޭނާ އަހަންނަށް އެންގީ މި ފަހަރުގެ ޓްރާންސްފާގައި ކުޓީނިއޯ ވިއްކާލުމުގެ ވިސްނުމެއް ނެތްކަމަށް،" ރޭޑިއޯ މޮންޓެކާލޯ އަށް އިން އިންޓަވިއުއެއްގައި ކިއާ ބުންޏެވެ.
ކުޓީނިއޯ ދާދި ފަހުން ބްރެޒިލްގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ މިދިޔަ ސީޒަނުގައި ބާސެލޯނާގައި އޭނާ އަށް ރަނގަޅު ކުޅުމެއް ނުދެއްކުމުގައި ބައިވަރު ސަބަބުތަކެއް ދިމާވި ކަމަށާއި އޭނާގެ ކުރީގެ ކުޅުން ދައްކަން ބޭނުންނަމަ ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ.
އިނގިރޭސި މީޑިއާ އިން މި ހަފްތާގައި ރިޕޯޓްކުރި ގޮތުގައި ކުޓީނިއޯގެ ކުރީގެ ކްލަބް ލިވަޕޫލުން އަލުން އޭނާ ގެންނަން ޝައުގުވެރިވެ އެވެ. އެކަމަކު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްގެ ގާތް ފަރާތްތަކާ ހަވާލާދީ ޖަރުމަނު މީޑިއާ އިން ރިޕޯޓްކުރާގޮތުގައި އަލުން ކުޓީނިއޯ ގެންނަން ކްލޮޕް ބޭނުމެއްނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy