ރަށެއްގައި ބަޔަކު އަރާމު ކުރަނީ: ބޭރު މީހުންނަށް ދިވެހި ރަށްވެހިކަން ދިނުމާ ބެހޭ ގޮތުން ވަނީ ބަހުސެއް ފެށިފައި -- ފައިލް ފޮޓޯ: މިހާރު
05 އޯގަސްޓް 2019 - 09:27
"އަހަރެންގެ މަންމައަކީ އިންޑިއާގެ ރައްޔިތެކެވެ. ދިވެއްސަކާ އިނދެގެން ރާއްޖޭގައި އުޅޭތާ 25 އަހަރުވެއްޖެ އެވެ. މިތަނުގައި ދެ ދަރިން ބޮޑުކޮށް، ރާއްޖެއަކީ އޭނާގެ ގެކަމުގައި ހަދައިފި އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް ޝައުގު ބަހައްޓައި، ގައުމުގެ ކުރިމަގާ މެދު ފޮނި އުއްމީދުތަކެއް ކުރެ އެވެ. [ގައުމީ] މެޗުތައް ކުޅޭ ދުވަހު ރަތް ކުލައިގެ ހެދުން ލަ އެވެ. އަދި ގައުމަށް ރީތި ނަން ހޯދައިދީ ބަތޮލުންނަށް މަރުހަބާ ކިޔުމަށް ދިވެހި ދިދަ ހިފައިގެން ދެ އެވެ. މަންމަ ބޭނުން ވަނީ މަރުވުމުން ދިވެހި ފަސްގަނޑުގައި ވަޅުލުމަށެވެ."
މިއީ ބޭރު މީހުންނަށް ދިވެހި ރަށްވެހިކަން ދިނުމާ ގުޅޭގޮތުން މިހާރު ދެކެވޭ ބަހުސްގައި ބައިވެރިވި ޒުވާނަކު އޭނާގެ އިހުސާސްތައް ބޭރުކުރި ގޮތެވެ. ދިވެއްސަކާ އިނދެގެން ރާއްޖޭގައި ދިރިއުޅޭތާ އެތައް އަހަރެއްވީ އެވެ. ދަރިން ލިބި މާމަ ނުވަތަ ކާފަ ކިޔައިފި އެވެ. ދިވެހި ބަހުން ވާހަކަ ދައްކައި، ދިވެހިންގެ ހުރިހާ ކަމަކަށް ފަރިތަ އެވެ. އެކަމަކު އަދިވެސް އުޅެން ޖެހެނީ އަހަރަކު އެއް ފަހަރު ވިސާ އާކޮށްގެންނެވެ. ހިލޭ ބޭސް ފަރުވާއެއް ނުވަތަ ދިވެހިންނަށް ލިބޭ އެއްވެސް އިނާޔަތެއް ނުލިބެ އެވެ.
އާއްމުންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ މި މައުލޫއަށް ވާހަކަ ދައްކާ ގިނަ މީހުން ބުނަނީ މިހެންނެވެ؛ ރަށްވެހިކަން ނުދިނަސް އެންމެ ރަނގަޅެވެ. އެކަމަކު ދިވެއްސަކާ އިނދެގެން، ދިވެހި ފަސްގަނޑުގައި ކުދިން ބަލައި ބޮޑެތިކޮށް އުމުރުން ދުވަސްވާއިރު ވެސް ނުލިބޭ އިނާޔަތްތައް އެންމެ ކުޑަމިނުން ފޯރުކޮށްދޭށެވެ. ޕާމަނަންޓް ރެސިޑެންސީ ނުވަތަ ރައްޔިތުކަން ދޭށޭ އެވެ.
This is my mother, Asma. She is an Indian. She has been married to a Maldivian for 35 years and has lived in Maldives for 25 years now. She came to a foreign country, adopted it's language, it's culture, raised two children and made it her home. pic.twitter.com/eG5Tc0SC4a
— Genghis Pan (@neiymeeheh) August 3, 2019
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މި މައުލޫއު ފެންމަތި ކުރެއްވީ، ސިޓިޒެންޝިޕް ގާނޫނަށް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ކޮންމެ ބިދޭސީއަކަށް ދިވެހި ރައްޔިތަކަށް ވުމުގެ ފުރުސަތު ގާނޫނުއަސާސީން މިހާރު ވެސް ލިބިދެ އެވެ. އެކަމަކު އެއީ އުނދަގޫ އަދި ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.
އާޒިމްގެ ކަންބޮޑުވުމަކީ ރާއްޖޭގައި އެތައް އަހަރެއް ވާންދެން އުޅެ، ދިވެހިންނާ ކައިވެނިކޮށް ކާފަ އަދި މާމަ ކިޔާ ކުދިން ލިބޭއިރު ވެސް އެ މީހުން "ދިވެހިންނަށް" ވުމުގެ ފުރުސަތު ނެތުމެވެ. އުމުރު ދުވަހު ރާއްޖޭގައި އުޅެ، ގައުމަށް ބޭނުންތެރި ހިދުމަތްތަކެއް ކޮށްދޭއިރު ވެސް، ދިވެހިންނަށް ލިބޭ އިނާޔަތްތައް އެ މީހުންނަށް ނުލިބުމެވެ. އޭނާ ދެކޭގޮތުގައި ރާއްޖޭގެ ރަށްވެހިކަން ބޭރުގެ މީހުންނަށް ލިބޭނެ ފުރިހަމަ ގާނޫނެއް އޮތުން ކޮންމެހެން ވެސް މުހިންމެވެ.
ބޭރު މީހުންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ މީހުންގެ އަދަދު މަދެއް ނުވާނެ އެވެ. ކޮންމެ އަހަރަކު ވެސް އެ މީހުން ވިސާއާ ކުރަން ޖެހެ އެވެ. އިންޝުއަރެންސަށް ހަދަން ޖެހޭ ހެލްތު ޗެކަޕްތަކާ އެކު ކޮންމެ ފަހަރަކު ވެސް އެކަމަށް ބޮޑު ހަރަދެއް ކުރަން ޖެހެ އެވެ.
އޭޑީކޭ ހޮސްޕިޓަލްގެ ބޭސް ފިހާރަ -- ފޮޓޯ: މިހާރު
ރާއްޖޭގައި އުޅެ، ދަރިން ލިބި، މާމަ ނުވަތަ ކާފަ ކިޔާއިރު ވެސް އަހަރަކު އެއް ފަހަރު ވިސާއާ ކުރުމަކީ ތަކުލީފެކެވެ. އެއަށް ވުރެ ބޮޑަށް ދިވެހިންނަށް ލިބޭ އާސަންދަ ފަދަ އިނާޔަތްތަކުން މަހުރޫމް ވުމަކީ އާއިލާ އަށް ވެސް ލިބޭ ނިކަމެތި ކަމެކެވެ.
މަޝްހޫރު މޭކަޕް އާޓިސްޓް ރިޒްނާ އަހުމަދުގެ ކަންބޮޑުވުމަކީ ވެސް އެއީ އެވެ. ރާއްޖޭގައި ދިރިއުޅޭތާ 40 އަހަރު ވެފައިވާ އިރު ވެސް އަދިވެސް ކޮންމެ އަހަރަކު އޭނާގެ މަންމަ ވިސާއާ ކުރަން ޖެހެ އެވެ. މިހާރު ހުވަފަތް ވެފައި އިން ނަމަވެސް ދަރިން ގާތުގައި ހުރުމަށް، ކޮންމެ އަހަރަކު ވިސާ ހައްދައި، އެ ލިބޭތޯ އިންތިޒާރުގައި ހުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.
ރިޒްނާ ބުނިގޮތުގައި އުމުރުން 60 އަހަރަށް ވުރެ މައްޗަށް ގޮސްފައި އިން އަދި މާމަ ދަރިން ބަލަމުން އަންނަ އޭނާގެ މަންމަ ފަދަ މީހުން ބޭނުމީ ރާއްޖޭން ބިމެއް ނުވަތަ މުއްސަނދިކަމެއް ނޫނެވެ. މަންމަގެ ހުރުމަށް އަގު ދައްކާއިރު، އޭގެ ބަދަލުގައި އެހެން ދިވެހިންނަށް ހިލޭ ލިބޭ އަސާސީ ހައްގުތައް އޭނާ އަށް ވެސް ފޯރުކޮށްދިނުމަކީ ރިޒްނާގެ އެދުމެވެ.
We don’t want land & riches for people like my mother who’s a widow living here, taking care of the grandkids for 40 years. We have to PAY for her visa every year. No Aasandha. We just want to provide the basics.@ibusolih @MohamedNasheed @aliaazim pls be considerate https://t.co/M0cteTzMUw
— Rizna Ahmed (@leykoka_rizna) August 3, 2019
"ކޮންމެހެން ރަށްވެހިކަމެއް މަންމަ ބޭނުމެއް ނޫން. އެކަމަކު ހިލޭ ލިބޭ އަސާސީ ހިދުމަތްތައް މަންމައަށް ވެސް ލިބެން ބޭނުން،" އޭނާ ކުރި ޓްވީޓެއްގައި ބުންޏެވެ.
ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި އެހެން ޒުވާނަކު ބުނިގޮތުގައި އޭނާގެ ބައްޕަ ދިވެހި ރައްޔިތަކަށް ވުމަށް އެތައް ފަހަރަކު ދައުލަތަށް ހުށަހެޅި އެވެ. ކޮންމެ ފަހަރަކު ވެސް އެ މަސައްކަތް ދަނީ ފަނުފުލުންނެވެ. ދިވެހި ދަރިންތަކެއް އުފަންކޮށް، އެ ކުދިން ބަލާ ބޮޑުކުރުމަށް އާމްދަނީ ހޯދާއިރު އެއިން ދައުލަތަށް ޓެކްސް ޕޭ ކުރެ އެވެ. ރާއްޖޭގައި އުޅޭތާ 25 އަހަރު ވެފައިވާއިރު، ރައްޔިތަކަށް ވުމަށް ވާން ޖެހޭ ހުރިހާ ޝަރުތެއް ހަމަވެއްޖެ އެވެ. އެކަމަކު ދިވެއްސަކަށް ވުމުގެ ފުރުސަތު އަދިވެސް ބައްޕައަށް ނުލިބޭ ކަމަށް ބުންޏެވެ.
ޒުވާނާ ދެކޭގޮތުގައި މިއީ އެ ފަދަ އާއިލާތަކާ މެދު ދައުލަތުން ކުރާ ތަފާތު ކުރުމެވެ. ކޮންމެ އަހަރަކު ވިސާ އާ ކުރަން އަދި އިންޝުއަރެންސަށް ބޭނުންވާ ހެލްތު ޗެކަޕް ހެއްދުމަށް ފައިސާ ހަރަދުވާއިރު، މިއީ މާލީ ގޮތުން ފަސޭހަކަމަކަށް ނުވެ އެވެ.
In 2014, I met an Indian woman, wife to a Maldivian man & mother to their 3 wonderful children. She had accidentally overstayed her spousal visa & slapped with a huge fine. They were living in a 1-room rental & owned only a motorbike. Had no way to pay & renew her visa.
— عاއިئشة (@ishahr) August 4, 2019
ކޮންމެ އަހަރަކު ވިސާ ހެއްދުމަކީ ވެސް މި ފަދަ އާއިލާތަކަށް ބޮޑު ތަކުލީފަކަށް ވާއިރު، މިދިޔަ ހަފުތާގައި ވަނީ ވިސާއާ ނުކޮށް އެންމެ ދުވަހަކު މަޑުކުރި މީހަކު 1000 ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ.
"ރައްވެހިކަން ނުދިނަސް ހެޔޮ. އެކަމަކު ދިވެހި ރައްޔިތަކަށް ހަދައިދީ، އާސަންދަ ފަދަ ހިދުމަތް ދެވިދާނެ. ނޫނީ ދަރިންނަށް ލިބޭ އާސަންދަ ފަދަ ހިދުމަތުން މަންމައަށް ނުވަތަ ބައްޕަ އަށް ސްޕޮންސާ ކޮށްދެވޭނެ ގޮތް ވެސް ހަދައިދެވިދާނެ." އޭނާ ބުންޏެވެ.
- އުމުރުން 21 އަހަރުވެފައިވާ މުސްލިމަކު ކަމުގައި ވުމާއި ބުއްދި ސަލާމަތުން ހުރި މީހަކަށްވުން
- މެދުކެނޑުމެއްނެތި 12 އަހަރު ވަންދެން ރާއްޖޭގައި އުޅެފައިވާ މީހަކަށް ވުމާއި މި މުއްދަތުގައި ރާއްޖެއިން ބޭރަށް ދިޔަ ނަމަވެސް ހަ މަހަށްވުރެ ގިނަ ދުވަސް ވަންދެން ރާއްޖެއިން ބޭރުގައި ނުވުން. އަދި ރާއްޖޭގައި އުޅުނު މުއްދަތުގެ ޖުމްލަ 10 އަހަރަށް ވުރެ ގިނަވުން
- ރާއްޖޭގެ ގާނޫނުއަސާސީ އާއި ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ މީހަކު ކަމުގައި ވުން
- ރާއްޖޭގެ އަސާސީ ތައުލީމުގެ މުގައްރަރާ އެއް ވަރަށް ލިޔަންކިޔަން ދަތުމާއި ސިޔާސީ ކުށެއް، ހައްދެއް ކަނޑައެޅިފައިނުވާ މީހަކަށް ވުން
ސިޓިޒެންޝިޕް ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ރައްޔިތުކަން ބޭނުންވާ ބޭރު މީހުންގެ ޝަރުތުތައް ހަމަވާ ނަމަ، ރާއްޖޭގެ ރަށްވެހިކަން ހޯދުމަށް އެދި ފޮރިން މިނިސްޓްރީ އަށް ހުށަހެޅިދާނެ އެވެ. އަދި ޝަރުތުތައް ފުރިހަމަވާ ބިދޭސީން ދިވެހި ރައްޔިތަކަށް ހެދުމުގެ އިހްތިޔާރު ގާނޫނުން ލިބިދެނީ ރައީސަށެވެ.
ރާއްޖެއަކީ ނަސްލީ ސިންދަފާތުގެ diversity މައްޗަށް އެކުލެވި، ޒަމާންތައް ދިގުވެ އެއްބަޔަކަށް ވެފައިވާ ގައުމެއް. އެންމެން އެއްބަޔަކަށް ހެދީ މެހެމާންދާރީ އާ އޯގާތެރިކަން. ބައެއް ރަށްރަށް އާބާދުވެފަ ވަނީ އުރުނު ނައުތަކުން. ބައެއް ރަށް އެ ޒަމާނުގަ އަޅުންގެ ގޮތުގަ ގެނެވުނު ކަޅު ނަސްލުން https://t.co/9i2BaM7zoc
— Luke (@Lucasjalyl) August 4, 2019
"މިހާރު"އާ ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވެފައިވާ ގޮތުގައި 1969 ވަނަ އަހަރު ވުޖޫދަށް ގެނައި ސިޓިޒަންޝިޕް ގާނޫނު "ސާފެއް" ނޫނެވެ. ގާނޫނު އޮތީ ސަރުކާރު ބޭނުންވީމަ ދޭ ކަހަލަ ގޮތަކަށް ހަދައިފަ އެވެ. އަދި ގާނޫނުގައި ރައީސް ބޭނުންވާ ބޭރު މީހަކަށް ދިވެއްސަކަށް ހެދޭ ގޮތަށް އޮތުން ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުގައި އޮންނަ ގޮތުން، ރައްވެހިކަން ދޭއިރު ރާއްޖެ އަށް ބޭނުންތެރި މީހަކަށް ވާން ޖެހެ އެވެ. އެކަމަކު އެ ބޭނުންތެރި މީހަކަށްވުން މާނަކޮށްފައި އޮންނަ ގޮތެއް ސާފެއް ނޫނެވެ.
"އަހަރެންގެ މަންމައަކީ ޑޮކްޓަރެއް ނޫން. ޓީޗަރެއް ވެސް ނޫން. އެކަމަކު ގޭގައި އިނދެގެން ފަސް ކުދިން ބަލައި ތައުލީމު ދީފި. ދިވެހި ރައްޔިތަކަށް ވުމަށް މަންމަ ހުށަހެޅުމުން ކޮންމެ ފަހަރަކު ފެއިލްކޮށްލަނީ އެއީ ބޭނުންތެރި މީހަކަށް ނުވާތީ ކަމަށް ވެދާނެ،" ފޭސްބުކްގައި ހިޔާލުފާޅުކުރި މީހަކު ބުންޏެވެ.
The amount of negativity this tweet has gotten saddens me. Foreigners such as my dad, are tax payers just like natives. My dad brought me up to love this country and to put this nation first. Maldivians need to let go of this kind of hostility toward others. https://t.co/YLlTN0o71A
— Ameera Osmanagic (@AmyOsmanagic) August 2, 2019
ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ނަމަ އެ މީހަކަށް ރާއްޖޭގައި ދިރިއުޅެވޭނީ "މެރިއޭޖް ވިސާ" ނުވަތަ "ވިޑޯ ވިސާ"ގެ ދަށުންނެވެ. އެކަމަކު ވިޑޯ ވިސާ ހަމައެކަނި ދޫކުރަނީ ފިރިމީހާ މަރުވެފައިވާ ބޭރު އަންހެނުންނަށެވެ. އެ ވިސާގެ ދަށުން އެ މީހުންނަށް ވަޒީފާ ވެސް އަދާކުރެވެ އެވެ. ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖެ އަންނަ ފިރިހެނަކަށް، އަނބިމީހާ މަރުވެއްޖެ ނަމަ އޭނާއަކަށް ވިޑޯ ވިސާއެއް ނުލިބެ އެވެ. ދަރިން ތިބޭ ނަމަ އެކުދިންނަށް 18 އަހަރު ވަންދެން އޭނާއަށް ރާއްޖޭގައި ދިރިއުޅެވުނު ނަމަވެސް ދެން ޖެހޭނީ ކުދިން ދޫކޮށްލާފައި ނުވަތަ ގޮވައިގެން އެނބުރި ގައުމަށް ދާށެވެ. އެހެންވެ، މިއީ ވެސް އިސްލާހު ކުރަން ޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ރަށްވެހިކަމާ ގުޅޭގޮތުން އާޒިމް ވާހަކަ ދެއްކެވީ، އޭނާ ވިދާޅުވި ގޮތުގައި ރަށްވެހިކަން ބޭނުންވެގެން އަންނަ ކޮންމެ މީހަކު ދިވެހި ރައްޔިތަކަށް ހެދުމުގެ ނިޔަތަކު ނޫނެވެ. އެއީ މި ޒަމާނަށް ފެތޭ އަދި ރައްޔިތުންނަށް ތަފްސީލްކޮށް އެނގެން އޮތް އެއްޗަކަށް ހެދުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ. އެކަމަކު އާޒިމްގެ މި ހިޔާލަކީ ބައެއް މީހުންގެ ނަޒަރުގައި، ރާއްޖޭގެ އެއްބައިވަންތަ ކަމާއި އެއް ދީނަކަށް އުޅުމަށް ހުރަސް އެޅޭނެ ފަދަ ކަމެކެވެ. ދިވެހިންގެ ލޭ މަސްހުނިވެ، ނަސްލީ ގޮތުން އޮޅުން އަރާފާނެ ކަމެކެވެ.
އޭޑީކޭގައި މަޑުކޮށްލައިގެން ތިބި އެ ހޮސްޕިޓަލްގެ މުވައްޒަފުންތަކެއް
ބައެއް މީހުން ދެކޭ ގޮތުގައި ދިވެހި ރައްޔިތުންގެ ގޮތުގައި ތިިބި ގިނަ ބަޔަކު އަދިވެސް ދިރިއުޅެނީ ވަރަށް ހާލުގަ އެވެ. އެހެންވެ، އެހެން ބަޔަކަށް ރައްޔިތުކަން ހޯދައިދިނުމަށް ވަކާލާތު ކުރުމުގެ ބަދަލުގައި، މިހާރު ތިބި މީހުންނަށް ހިދުމަތްތައް ރަނގަޅު ކުރުމަށް އެ މީހުން ގޮވާލި އެވެ.
"ތިކަމަކަށް ތަރުހީބެއް ނެތް. ބޭރުމީހުން މިހާރު ވެސް އެހާ ގިނަ. ކައިރި ގައުމުތަކުގެ މީހުންނަށް މީ ރަނުގެ ފުރުސަތެއް. ހަރުދަނާކޮށް ތިކަން ކުރާކަށް، މި ގައުމުގެ މެނޭޖްމެންޓް ހަރުދަނާއެއް ނޫން. ތިކަން އަދި ކުރާކަށް ނުފެނޭ. ތިޔަށްވުރެ މުހިއްމު ކަންކަން އެބަހުރި ކުރަން" "މިހާރު" ނޫހަށް ފޮނުވި ކޮމެންޓެއްގައި މީހަކު ބުންޏެވެ.
އާޒިމްގެ މި ހިޔާލަށް، އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހިން ނޫން ބަޔަކަށް ރާއްޖޭގެ ރަށްވެހިކަން ދިނުމަކީ މި ކުޑަ މުޖުތުމައުގެ އެއް ނަސްލެއް ކަމާއި އެއް ދީނަކަށް އުޅުމާއި އެއް ބަހަކުން ވާހަކަ ދެއްކުން ފަދަ ހުރިހާ ކަމަކަށް ދުރު މުސްތަގުބަލެއްގައި އިޔާދަ ނުކުރެވޭ ގެއްލުންތަކެއް ވާނެ ކަމެކެވެ. އަދި ސިޔާސީ ކަންކަމުގެ މައްޗަށް ގައުމިއްޔަތު އިސް ކުރުމަށް ވެސް އޭނާ ގޮވާ ލެއްވި އެވެ.
ހިޔާލުތަފާތު ވެފައިވާ މި މައުލޫއާ މެދު ބަހުސް ކުރާ މީހުން ދެކޭގޮތުގައި ދިވެހިންނާ ކައިވެނިކޮށްގެން، ބޭރު މީހުން ރާއްޖޭގައި އުޅެނީ މިއީ އެ މީހުންގެ ގެ ކަމަށް ދެކިގެންނެވެ. އެހެންވެ، އެ މީހުންނަށް އެންމެ ކުޑަމިނުން ދިވެހި ރައްޔިތުންނަށް ދޭ އަސާސީ ހިދުމަތްތައް ލިބެން ޖެހެ އެވެ. ދެކޮޅު ހަދާ މީހުން ދެކެނީ މިއީ ގައުމަށް ހުރި ނުރައްކަލެއްގެ ގޮތުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮތްކިޔާކުއްޖާ
08 August 2019
ދާއިމީ އިގާމާ އަކީ ޕާމަނަންޓް ރެސިޑެންސް. ރަށްވެހިކަމަކީ އައިލޭންޑް ރެޖިސްޓްރޭޝަން. ރައްޔިތުކަމަކީ ސިޓިޒެންޝިޕް. ނޭޝަނަލިޓީއަކީ ގައުމީ ނިސްބަތް. ނޭޝަނަލިޒަމް އަކީ ގައުމިއްޔަތު. މިއީ ދިވެހީން މި ލަފްޒުތައް ބޭނުން ކޮށްފައި ހުރިގޮތް.
އިންޝާ
06 August 2019
އަހަރުމެން ލަދެއް ނުގަނޭ އެހެންގައުމުތަށްކައިރީ އެތައްސަތޭކަ މިލިޔަނުން ޑޮލަރުދޭން ބުނަން. އެކަމު އަހަރުމެން ގައުމީވެގެންގޮސް އަހަރުމެންގެ އެއްބަޑު އަހުންނާއި އުހުތުންގެ އަނބިފިރިންނަށް ބޭނުންވާ ޒަރޫރީކަންކަން ހޯދައިދޭން ބޭނުމެއްނުވޭ އަހަރުންނަށް ހެވެއްނެތްނަމަ. ސާބަސް! ޝުކުރިއްޔާ. ގައުމުދެކެ މިވަރަށް ބަޔަކަށް ލޯބިވެވޭނީ. ދީންދެކެވެސް.
އަބޫޫުުުުުު
06 August 2019
މަ ބޭނުން ފަލސްްދީނުގެ މުސްލިމު ކުއްޖަ ކައި އިދެގެން އުޅެން
ދިވެހި އިންޑިޔާ މީހާ
05 August 2019
އަހަރެން އިންޑިޔާ މީހަކާ އިނދެގެން އިންޑިޔާގަ 60އަހަރު ދިރިއުޅުނަސް އިންޑިޔާގެ ރަށްވެސްސަކަށް އިންޑިޔާ އިން އަހަރެން ހަދާނެތޯ
ޒުވާން ކުއްޖެއް
07 August 2019
ހަދާނެ. ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ކަންތައް އޮތީ އެގޮތަށް.
ވަތަން އިސްކުރަންޖެހޭ
05 August 2019
މިސަރުކާރަކަ ތާްއީދެ ނުކުރާނަން ދެނެ.
މަންޑޭލާ
05 August 2019
ރާއްޖޭގެ ގިނަ މީހުން މިހާރުވެސް ވަންނާނެ ތަނެއް ނެތިގެން އެއުޅެނީ.
ޝޮކްތެރަޕީ
05 August 2019
މިހާރު ދިވެހިންނަ ވަޒީފާވެސް ނުލިބިގެން މިއުޅެނީ. އިންޑިޔާ މީހުން ރާއްޖޭގެ މަތީފަންތީގަ ވަޒީފާގަ އެއުޅެނީ. ރާއްޖެ މިދަނީ ނެގުމެއްގެތެރޭން
ވިސްނުން
05 August 2019
އިސްލާމްވާތާ 1 އަހަރުފަހުން ނަމާދުވެސް ގަވާއިދުން ކުރާނަމަ ދިނަސް އޯކޭ
އިބްސާ
05 August 2019
ރިޔާސީ އިންތިހާބެއްގެ، ނޫނީ ރ މަޖިލީހު އިންތިހާބު ވައުދެއްގެ ތެރޭ ތިކަން ނިމެން ޖެހޭނީ.. ތީ ކުޑަކަމެއްނޫން..
ރަށްވެހިވާންއުޅޭ ބީރައްޓެހިމީހާ
05 August 2019
ނުޖެހޭ ދޭކަށެއް! މިގައުމުގެ ރައްޔިތުންނަށް ހަމަ މިންވަރު ކަށަވަރު ނުވާހާލު މިގައުމަށް ހިޖުރަކުރާ ބީރައްޓެހީންނަށް ރަށްވެހިވެ ހުރިހާ ފަސޭހައެއް ދޭކަށެއް ނުޖެހޭ. އައިތަނަކަށް އެނބުރިދޭ.
އެމްސް
05 August 2019
ބޭރުޤައުމުތަކުން ރަށްވެހިކަން ހޯދާފަތިބި ދިވެހިންނޯ؟