ކުޅިވަރު / ސްޕޯޓްސް ކްލަބް ގުޑީސް

ލަންކާ މުބާރާތުގައި ގުޑީސްގެ އަމާޒު ރަނގަޅު ކާމިޔާބަކަށް

ގައުމީ ވޮލީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ރާއްޖޭގެ ހަސަން ނިލާމް (ޕާޓޭ) ބޯޅައެއް ފޮނުވާލަނީ: ލަންކާ މުބާރާތުގައި ކުޅޭ ގުޑީސް ޓީމުގައި ޕާޓޭ ހިމެނޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

01 ސެޕްޓެމްބަރ 2019 - 12:50

ސްރީ ލަންކާގައި މާދަމާ ފަށާ 33 ވަނަ ތަރުނަސެވާ ރުޕަވަހިނީ ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ފިރިހެން ވޮލީ ޓީމު ކަމަށްވާ ގުޑީސް ސްޕޯޓްސް ކްލަބުން ރަނގަޅު ކާމިޔާބަކަށް އަމާޒުހިފައިފި އެވެ.

ޒުވާން ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ގުޑީސް ނުކުންނާނީ ލަންކާގެ ޓީމުތަކާ ދެކޮޅަށެވެ. މި މުބާރާތުގެ ފިރިހެން ބައިގައި ގުޑީސްގެ އިތުރުން ވާދަކުރަނީ ލަންކާގެ އާމީ، ލަންކާ އެއާފޯސް، ލަންކާ ނޭވީ، ނެޝަނަލް ޔޫތު ސާވިސް ކައުންސިލް އަދި ސިލޯން އިލެކްޓްރިކްސިޓީ ބޯޑް އެވެ.

މުބާރާތުގައި ކުޅޭ ގުޑީސް ޓީމުގައި ރާއްޖޭގެ ގައުމީ ސީނިއާ ވޮލީ ޓީމުގެ ހަސަން ނިލާމް (ޕާޓޭ) ހިމެނެ އެވެ. އަދި އެންމެ ފަހުން ރާއްޖޭގެ އެންމެ އުއްމީދީ ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ދެ ކުޅުންތެރިން ކަމަށްވާ އަރީޒް މުހައްމަދު އާއި މުހައްމަދު މިމްރާހު ހަސަން (މިންމި) ވެސް ގުޑީސް ޓީމުގައި ހިމެނެ އެވެ. އަދި ކުރިއަރަމުން އަންނަ ޒުވާން ކުޅުންތެރިން ކަމަށްވާ އަހުމަދު އަލާމް މުހައްމަދު، އަހުމަދު މުޒުލިފް، އިބްރާހިމް ރަފްހާން، އަލީ ރިސްފާން އަދި ޔޫސައު ހަސަން ވެސް އެ ޓީމުގައި ހިމެނެ އެވެ.

ގުޑީސް ޓީމުގައި ދެން ހިމެނެނީ އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ އެރީން އާއި ޕިނަންމާ ޕްރަޝާންތު އެވެ. ގުޑީސް ޓީމުގެ ކޯޗަކީ އަޝްރަފް އަލީ (އަޝްރާ) އެވެ. އޭނާ ބުނީ މި މުބާރާތުގެ އެންމެ ބޮޑު އެއް އަމާޒަކީ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅު މެޗުތަކެއް ހޯދައިދީ އެ ކުޅުންތެރިން ކުރިއެރުވުން ކަމަށެވެ.

ގުޑީސް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު ރާއްޖެ ގަޑިން 10:30 ގައި ނުކުންނާނީ ލަންކާގެ އާމީއާ ދެކޮޅަށެވެ. އަންގާރަ ދުވަހު ދެ މެޗެއް ކުޅޭއިރު ހެނދުނު ނުކުންނާނީ ސިލޯން އިލެކްޓްރިކް ސިޓީ ބޯޑާ ދެކޮޅަށެވެ. އަދި ހަވީރު ނުކުންނާނީ ސްރީލަންކާ އެއާފޯސް ޓީމާ ދެކޮޅަށެވެ. ބުދަ ދުވަހު ކުޅޭ ދެ މެޗުގައި ބައްދަލުކުރާނީ ސްރީލަންކާ ނެވީ އާއި ނެޝަނަލް ޔޫތު ސާވިސް ކައުންސިލްއާ އެވެ.

ލަންކާ މުބާރާތުގައި ވާދަކުރާ ވެމްކޯ ޓީމުގެ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުން. -- ފޮޓޯ: ކްލަބް ވެމްކޯ

ލަންކާ މުބާރާތުގެ އަންހެން ބައިގައި ރާއްޖޭން ވާދަކުރަނީ ކްލަބް ވެމްކޯ އެވެ. ކްލަބް ވެމްކޯ ޓީމުގައި ހިމެނެނީ ރާއްޖޭގެ 23 އަހަރުން ދަށުގެ އަންހެން ޓީމުގެ ބައެއް ކުޅުންތެރިންގެ އިތުރުން ސީނިއާ ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކްލަބް ވެމްކޯ ޓީމަށް ކުޅޭ ކުޅުންތެރިންނެވެ. ޓީމުގެ ހެޑް ކޯޗަކީ ގައުމީ އަންހެން ޓީމުގެ ކުރީގެ ކޯޗު އަހުމަދު އަދީލް (ބޭބެ) އެވެ.

ވެމްކޯ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ރާއްޖޭގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމު މީގެ ކުރިން ހޯދި ގައުމީ ޓީމުގެ ސެޓަރު ޖޫޒާން ޒަރީރުގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިޔާ އައިމިނަތު އަރީޝާ އާއި އައިމިނަތު ރިޔާޝާ އަދި މަރިޔަމް އަޒުމާ އެވެ. އަދި މިދިޔަ އަހަރުގެ އެންމެ އުއްމީދީ އަންހެން ވޮލީ ކުޅުންތެރިޔާގެ މަގާމު ހޯދި އަމިނަތު ޝަހާ ޝާމިންގެ އިތުރުން ޒުވާން އެހެން ދެ ކުޅުންތެރިން ކަމަށްވާ ހަމްނާ ހުސެއިން އަލީ ދީދީ އަދި ޝަމްހާ ރިޔާޒް ހިމެނެ އެެވެ. މީގެ އިތުރުން އިންޑިއާގެ ދެ ކުޅުންތެރިން ކަމަށްވާ ނިރްމަލާ އާއި ސަރޯޖް ކުމާރީ ހިމެނެ އެވެ.

ވެމްކޯ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ މެންދުރު ރާއްޖެ ގަޑިން 12:30 ގައި ނުކުންނާނީ އެމްއޭއެސް ކެސުއަލިންއާ ދެކޮޅަށެވެ. އަންގާރަ ދުވަހު ދެ މެޗު ކުޅޭއިރު ބުދަ ދުވަހު ވެސް ދެ މެޗެއް ކުޅޭނެ އެވެ.

ވެމްކޯ އާއި ގުޑީސް މި މުބާރާތުގައި ކުޅެނީ އެ ދެ ކްލަބުން އަމިއްލަ އަށް ހޯދި ފުރުސަތެއްގަ އެވެ. މީގެ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އެހީތެރިކަން ފޯރުކޮށްދެނީ މެމްބަރު ކްލަބަކަށް އޮންނަ އުސޫލެއްގެ ތެރެއިން ވެދެވޭ އެހީތެރިކަމެއް ކަމަށް ވީއޭއެމުން މައުލޫމާތުދެ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 33%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454