ދިޔާނާ އާއި މަހާޒް: މި ދެ ބޭފުޅުންގެ ނަން ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފައި.-- ހުސެއިން ވަހީދު / މިހާރު ފޮޓޯ
17 އޮކްޓޯބަރ 2019 - 13:45
ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރާއި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު "މިހާރު" އަށް އެކަން ކަށަވަރު ކޮށްދެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ޓްވީޓަކުން އެކަން ހާމަކުރައްވައިފަ އެވެ.
ޤާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރައްވާނެ ބޭފުޅެއް ކަނޑައެޅުމަށް ގދ.މަޑަވެލި، މޭނާ އޛ. މަޙާޒު ޢަލީ ޒާހިރު އާއި ސ.ހުޅުދޫ، ގޯރަންވިލާ އޛ. ފާޠިމަތު ދިޔާނާ ސައީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު މިއަދު ފޮނުވައިފިން.
— Ibrahim Mohamed Solih (@ibusolih) October 17, 2019
ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ރައީސް ޖޭއެސްސީ އަށް ފުރަތަމަ ފޮނުއްވީ މަހާޒްގެ ނަމެވެ. އެ ނަމާ އެކު ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުށަހެޅި ގިނަ ބައެއްގެ ތެރެއިން ޖޭއެސްސީން ވަނީ މަހާޒާއި ދިޔާނާގެ ނަން މަޖިލީހަށް ފޮނުވަން ލަފާ ދެއްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. ޖޭއެސްސީން ބުނެފައި ވަނީ ނަންތައް ތަރުތީބުކޮށްފައި ވަނީ އިސްކަން ދޭ ތަރުތީބަކުން ނޫން ކަމަށާއި ގިނަ ނަންތަކެއް ރައީސަށް ހުށަހެޅި ކަމުގައި ވިޔަސް މަޖިލީހަށް ފޮނުއްވާނެ ނަމަކާއި އަދަދެއް ކަނޑައެޅުއްވުމުގެ އިޚްތިޔާރު ރައީސަށް އޮންނާނެ ކަމަށެވެ.
ޖޭއެސްސީން ނިންމީ މަހާޒާއި ދިޔާނާގެ ނަންފުޅަކީ "ހައިލީ ރިކޮމެންޑެޑް" ދެ ނަންފުޅު ކަމަށެވެ. އަދި ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ "ރިކޮމެންޑެޑް" ބޭފުޅުން ކަމަށް ވެސް ވަނީ ލަފާ އަރުވައިފަ އެވެ.
ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ. ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން މި ބޭފުޅުންގެ ނަންތައް ވެސް ރައީސް މަޖިލީހަށް ފޮނުއްވާނެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިތުރު ދެ ބޭފުޅަކު ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީދާ
18 October 2019
ސިޔާސީ މީހުން ކޯޓުތަކަށް ނުލުން އެދެން
ޕްލީޒް
18 October 2019
ނޯފޯ ދިޔާނާ ޕްލީޒް
ހަކީމް
18 October 2019
މަހާޒް އަކީ ދިޔާނާ ހޮވުން އެއީ އިންސާފުން ކުރާ ކަމެއް ކަން ދައްކަން ވެގެން ބޭނުންކުރާ "ކަންބަޅި" އެއްް.
ހުތް އާދަނު
18 October 2019
އެނގިދާނެތާ ހަދާއެއްޗެއް. ސިޔާސީ ނުފޫޒު އޮންނަވަރު މިފަހަރު ފެންނާނެ. ސިޔާސީމީހަކު ތޯ ނޫނީ ދާއިރާގައި ތަޖުރިބާހުރި ފަރާތެއްތޯ ހޮވާނީ ބަލަން މިތިބީ
އަލީ!
18 October 2019
މަހާޒު އަކީ ރަގަޅު ޗޮއިސްއެއް.
ޖާބިރު
17 October 2019
ދިޔާނާ ހޮވާ. އޭރުން އަންހެން ފިރިހެން ހަމަ ހަމަ ބެންޗެއް ލިބޭނީ.
މަވޯޓާ
17 October 2019
ލައްގަނީ ލައްގަނީ ރަން ފޮއްޓެއް ލައްގަނީ.
ކަލް
17 October 2019
އެނގިދާނެތާ! މަހާޒު ކަންބަޅިއަކަށް ހަދަނީބާ؟
އަލީބަލީ
17 October 2019
ދިޔާނާގެ މައްސަލައަކީ ޖާބިރުގެ ޕްރެޝަރގައި ޖެހި މިނިވަންކަން ގެއްލުމުގެ ފުރުސަތު ބޮޑުކަން.
އޮނަރަބްލް އަފީފު ދީދީ
17 October 2019
މިތަނުން ބޮޑަށް ތާއީދު ކުރަނީ "ހިތްވަރާއި ކުޅަދާނަކަން ސާބިތުކޮށްދެއްވާފައިވާތީ" ދިޔާނާ ސައީދުއަށް. # އެހެން ނަމަވެސް ނުތަނަވަސްކަން އުފެދެނީ މިހާރުވެސް ސކ ބެންޗްގައި ދެ އަންހެން ކަނބަލުން ތިއްބެވުމާއި އެކު މެންބަރުންނަށް މިކަން ޤަބޫލުކުރުމާއި މެދު އުފެދޭ ސުވާލު. # ބޮޑަށް ބުރަވަނީ ދިޔާނާ އިސްކުރުމަށްފަހު އަލުން ބެންޗް އެކުލަވާލާއިރު ޝުޖޫން، އަޒުމިރަލްޑާ ނުވަތަ ދިޔާނާތޯ ނިންމިދާނެ.