30 އޮކްޓޯބަރ 2019 - 09:27
ލަންޑަން (އޮކްޓޫބަރު 30) - އިނގިރޭސި ލީގު ކަޕްގައި ރޭ ސައުތެމްޓަން އަތުން 3-1 އިން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދިއިރު، އިނގިރޭސި މީޑިއާގެ ސަބަބުން ސިޓީ ޓީމުން ރަނގަޅު އަސަރުތަކެއް ފެންނާތީ އެކަމާ ހިތްހަމަޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި އިނގިރޭސި ހަތަރު މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ގާއިމުކުރި ސިޓީ އަކީ ލީގުގެ ކަޕް އެންމެ ފަހުން ހަތަރު ފަހަރުގެ ތެރެއިން ތިން ފަހަރު ޗެމްޕިއަނެވެ. މި ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި ސިޓީ އޮތްއިރު، ގާޑިއޯލާ އަށް އޮތް ބޮޑު ބޮލުގެ ރިހުމަކީ އަނިޔާގެ މައްސަލަތަކާއި ޓީމުގެ ބައެއް ކުޅުންތެރިން ފޯމު ގެއްލުމެވެ. އެކަމަކު އެކަމުން ހައްލެއް ލިބުމުގައި މީޑިއާ ކުޅޭ ރޯލެއް ވެސް އެބައޮތް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
"އަހަރެމެން މި މުބާރާތުގައި ވެސް މި ކުޅެނީ ވަރަށް ސީރިއަސްކޮށް. ހަގީގަތުގައި ހަތަރު މުބާރާތް ކާމިޔާބުކުރުމުގެ ވިސްނުމެއްގައި އުޅޭއިރު އެއްވެސް މެޗެއް ފަސޭހަކޮށްލެވިގެން ވެސް ނުވާނެ. އެ ގޮތުގައި އަހަރެމެން ކުރިއަށްދާން ނޫސްވެރިންނާއި މީޑިއާ އިން ވެސް ރޯލެއް ކުޅޭ. ސިޓީ ބަލިވުމަކީ ވެސް ނުވާނެ ކަމަށް ޓީމުތަކަށް ގަބޫލުކުރެވެނީ މީޑިއާ އިން ކުރާ ކަންކަމުން އޭގެ ކޮންފިޑެންސް ކުޅުންތެރިންނަށް ލިބޭ. އަނެއްކާ ސިޓީގެ އަނިޔާގެ މައްސަލަ އަކީ ޗެލެންޖެއްގެ ގޮތުގައި ކުޅުންތެރިން ނަގަން މަޖުބޫރުކުރަނީ ވެސް ނޫސްވެރިންގެ ވާހަކަތަކުން. ހަގީގަތުގައި މީގައި މުހިއްމީ ޕޮޒިޓިވްވުން،" ގާޑިއޯލާ ބުންޏެވެ.
މީގެ ކުރިން ބައެއް ނޫސްވެރިންގެ ބައްދަލުވުމުގައި އިނގިރޭސި މީޑިއާގެ ގިނަ ސުވާލުތަކާ މެދު މީގެ ކުރިން ގާޑިއޯލާ ހިތްހަަމަނުޖެހިފަ އެވެ. އެކަމަކު އޭނާ ރޭގެ މެޗަށް ފަހު ބުނީ މީޑިއާ އިން ކުރާ ސުވާލުތަކަށް އޭނާ ޖަވާބު ދެނީ ވަރަށް ކުރާހިތުން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.
"އަހަރެމެން އެންމެނަކީ ވެސް ފުޓްބޯޅައިގެ މީހުން. މި އަންނަ ތަފާތަކީ ސަޕޯޓްކުރާ ޓީމު،" ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުގައި ސިޓީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ސާޖިއޯ އަގުއޭރޯ އެވެ. އަނެއް ލަނޑު ޖެހީ ނިކޮލަސް އޮޓަމެންޑީ އެވެ. ސައުތެމްޓަންގެ ހަމައެކަނި ގޯލު ޖެހީ ޖެކް ސްޓީވެންސް އެވެ.
ރޭ ކުޅުނު މެޗުތަކުން މޮޅުވެ ލީގު ކަޕްގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދި އަނެއް ޓީމުތަކަކީ ލެސްޓާ ސިޓީ، ކޮލްޗެސްޓާ ޔުނައިޓެޑް، އެވަޓަން އަދި އޮކްސްފޯޑް ޔުނައިޓެޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy