ވިޔަފާރި

ޑަބްލިއުޓީއެމް: 35 އަހަރުގެ ތާރީހު ބަދަލުކޮށްލައިފި!

ޑަބްލިއުޓީއެމްގައި ކުންފުންޏަކުން ބައްދަލުވުމެއް ކުރިއަށްގެންދަނީ-- ފޮޓޯ: މިހާރު

ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކޮޅަށް ޖެހުމަށްޓަކައި މީގެ ސާޅީހަކަށް އަހަރު ކުރިން އެ މަސައްކަތުގައި އުޅުއްވި، ޓޫރިޒަމްގެ ބާނީން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފާއި ގާސިމް އިބްރާހީމާއި އެމްޔޫ މަނިކު ފަދަ ބޭފުޅުން ރާއްޖެ ވިއްކުމަށްޓަކައި ޓްރެވެލް އޭޖެންޓުންނާ ގުޅުން ބަދަލި ކުރެއްވި އެންމެ ބޮޑު ފެއާ އަކީ މިހާރު ލަންޑަނުގައި ކުރިއަށްދާ ވޯލްޑް ޓްރެވެލް މާކެޓް (ޑަބްލިއުޓީއެމް) އެވެ. އޭރު އެ ބޭފުޅުން ސްޓޯލެއްގައި ތިއްބަވައި، ކުރިމަތިން ދާ މީހުންނަށް ލީފްލެޓް ބައްސަވަމުން ގެންދެވި އެވެ. އެއީ ފެށުމެވެ. އެކަމަކު މިހާރު އެ މަންޒަރު މުޅިން ބަދަލުވެގެން ހިނގައްޖެ އެވެ!

މިހާރު މިތާނގައި ތިބޭއިރު، ރާއްޖެ ކިތަންމެ ދުރުގައި އޮތަސް، ސްޓޯލްތަކުން މި ފެންނަނީ ސީދާ ރާއްޖެ އެވެ. ހިތުގައި ރާއްޖޭގެ ތަސްވީރު ކުރަހާލަދެ އެވެ. މިފަހަރުގެ ސްޓޯލަށް ބަލައިލިޔަސް އެކަން މިއޮތީ ކުރިމަތިން ފެންނާށެވެ. ރާއްޖޭގެ ރީތި މަންޒަރުތައް ފެންނަ، ނުލާއި ހުދުން ޒީނަތްތެރިކޮށްފައިވާ ސްޓޯލުތަކުގައި ހެނދުނު 10:00 އިން ހަވީރު 17:00 އަށް އެކި ފަންތީގެ މީހުން ޒިޔާރަތްކުރަމުން ދެ އެވެ. ސީރިއަސް ބީޓުބީ ބައްދަލުވުންތައް ބާއްވަމުން ދެ އެވެ.

މިފެއާގައި ރާއްޖެއިން ބައިވެރިވާތާ 35 އަހަރު މި އަހަރަށްވާނެ އެވެ. ދިގު ތާރީހެއް އޮތް މި ފެއާގައި އެންމެ ފުރަތަމަ ބައިވެރިވި ކުންފުނިތަކުން އަދިވެސް އަންނަނީ ބައިވެރިވަމުންނެވެ. މި ފެއާގައި ބައިވެރިވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ކުންފުނިތަކުން ގަބޫލު ކުރެ އެވެ.

އޭރުގެ ސްޓޯލާއި މިހާރުގެ ސްޓޯލް

މި ފެއާގައި މެދުކެނޑުމެއްނެތި 25 އަހަރު ބައިވެރިވެފައިވާ ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ޑިރެކްޓަރު އަލީ ރަޝީދު އާދަމް ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ސްޓޭންޑަށް ވުރެ އޭރުގެ ސްޓޭންޑު ދެ ގުނަ ކުޑަވާނެ ކަމަށެވެ. އޭރު ބޮޑަށް އޮންނާނީ ލީފްލެޓް ބަހާލުން އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ކައުންޓަރު އިންނާނީ. އަޅުގަނޑުމެން ބްރޯޝާސް ހާހުން އޭރު ގެންނަން. އެތެރޭގައި ހަތަރު ވަރަކަށް މޭޒު ހުންނާނީ. ބްރޯޝާ ނަގަން ވަރަށް ދުރުން ކިއު ހަދައިގެން އޭރު ތިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޑަބްލިއުޓީއެމްގައި ކުންފުންޏަކުން ބައްދަލުވުމެއް ކުރިއަށްގެންދަނީ-- ފޮޓޯ: މިހާރު

އެހެން ނަމަވެސް މިއަދު ބްރޯޝާއަކީ އެހާ މުހިއްމު އެއްޗެއް ނޫނެވެ. އަލީ ވިދާޅުވީ، މިއަދު މިފެއާގައި ވިލާއިން ބައިވެރިވަނީ، އާ އޭޖެންޓުންނާ ބައްދަލުކުރުމުގެ ބަދަލުގައި މިހާރު ވެސް ތިބި މީހުންނާ ގުޅުން ބަދަހިކުރުމަށެވެ. ޒަމާންވީ ޕާޓްނަރުންނާއި ދިމާވެ، ކޮންޓްރެކްޓް އާ ކުރުމާއި ދެ ފަރާތުން ބޭނުންވާ ކަންކަން ހިއްސާކޮށްލުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއިން ބައިވެރިވާތާ 35 އަހަރުވި ނަމަވެސް ޑަބްލިއުޓީއެމް ކުރިއަށްދާތާ 40 ވެއްޖެ އެވެ. މި ފެއާ އެންމެ ފުރަތަމަ ބާއްވަމުން އަކީ ސެންޓްރަލް ލަންޑަންގެ އާލް ސްކޮޓްގަ އެވެ. އޭރު ފެއާ ބާއްވަމުންދިޔައީ މިހާރު ފެއާ އޮންނަ އެކްސެލް ލަންޑަން އެގްޒިބިޝަން ހޯލަށް ވުރެ ގާތްގަނޑަކަށް 75 ޕަސެންޓް ކުޑަ އިމާރާތެއްގަ އެވެ. ދެ ފްލޯއަށް ހުންނަ ހޯލެއްގައި އޭރު ފެއާ ބޭއްވި އިރު ރާއްޖޭގެ ސްޓޭންޑު ވެސް މިހާރަށްވުރެ ދެ ގުނަ ކުޑަވާނެ އެވެ.

އަލީ ވިދާޅުވީ، ފެއާގައި ބައިވެރިވާ ރިސޯޓުތަކާއި ކުންފުނިތަކަށް ހާއްސަ ބައިތައް އޭރު ނުހުންނަ އިރު ގިނަ ބަޔަކު އޭރު ވެސް ރާއްޖޭގެ ސްޓޯލަށް ޒިޔާރަތް ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ، ޓެކްނޮލޮޖީ އަށް އައި ބަދަލާ އެކު މިފަދަ ޓްރެވެލް ފެއާތަކުގެ ބޭނުން ކުރާ ގޮތްތައް ވެސް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

މިފަދަ ފެއާތަކުން ކުއްލިޔަކަށް ދިމާވާ މީހުންނާ ވަގުތުން ބައްދަލުކުރުމުގެ ބަދަލުގައި މިހާރު މީޓިންތައް ބާއްވަނީ ވަރަށް ފުރިހަމައަށް ޕްލޭން ކުރެވި، ވަގުތުތައް ކަނޑައެޅިގެންނެވެ. ޓްރެވެލް ފެއާތަކުން މިބަދަލުތައް ފެންނަނީ ޒަމާނީ ޓެކްނޮލޮޖީއާ ހެދި ކަމަށް އަލީ ވިދާޅުވި އެވެ.

މާގިނަ ރިސޯޓުތައް ބައިވެރިވޭ

މީގެ ތިރީހަކަށް އަހަރު ކުރިން ދިވެހި ކުންފުނިތައް މި ފެއާއަށް އައިއިރު ކުންފުނިތަކުގެ އީމެއިލެއް އަދި ވެބްސައިޓެއް ވެސް ނުހުރެ އެވެ. އޭރު ޓުއާ އޮޕަރޭޓަރުންނާ މުއާމަލާތްކޮށް އުޅުނީ ފެކްސް މެދުވެރިކޮށެވެ.

"ރާއްޖެއާ ބެހޭ ގޮތުން މައުލޫމާތެއް އޮޅުންފިލުވަން ބޭނުންވާ މީހާ ވެސް ޖެހޭނީ މިފަދަ ފެއާއެއްގެ ކިއުގައި ޖެހިގެން ބްރޯޝާއެއް ނަގަން،" އޭނާ ވިދާޅުވި އެވެ.

ޑަބްލިއުޓީއެމްގައި ކުންފުންޏަކުން ބައްދަލުވުމެއް ކުރިއަށް ގެންދަނީ-- ފޮޓޯ: މިހާރު

އޭރު ކުންފުނިތަކުން ތައްޔާރުކުރާ ބްރޯޝާގެ ބޭނުން ކުރި ނަމަވެސް، މިއަދު އެއީ މާބޮޑު ބޭނުމެއް ކުރެވޭ އެއްޗެއް ނޫނެވެ. ބްރޯޝާގައި ހުންނަ މައުލޫމާތަށް ވުރެ މާ ތަފްސީލުކޮށް ވެބްސައިޓްތަކާއި ކުންފުނިތަކުގެ ސޯޝަލް މީޑިޔާ ޕޭޖުތަކުން ވެސް ދަތުރުވެރިން ބޭނުންވާ މައުލޫމާތުތަކާއި ފޮޓޯތައް ފެންނާނެ އެވެ.

ކްރައުން ކުންފުނީގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އަހުމަދު ޝާހީނު ވިދާޅުވީ، މިފެއާގެ އެންމެ ބޮޑު ބޭނުމަކީ އެ ކުންފުނީގެ ރިސޯޓުތަކުން ޑީލް ކުރާ ޓުއާ އޮޕަރޭޓަރުންނާ ވީހާ ވެސް ގުޅުން ބަދަހި ކުރުން ކަމަށެވެ.

"މިހާރު ބައިވެރިވާ ކުންފުނިތައް ގިނަވީމަ ސްޕޭސްގެ ދަތިކަން ދިމާވޭ. މިފެއާއިން އެންމެ ބޮޑަށް ޓާގެޓް ކުރަނީ ރިލޭޝަންޝިޕް ބިލްޑްކުރުމަށް،" އޭނާ ވިދާޅުވި އެވެ.

ޑަބްލިއުޓީއެމްގައި ރާއްޖެ ބައިވެރިވާން ފެށިފަހުން މި ފެއާގައި ބައިވެރިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް ކުންފުންޏަކީ ކެޕިޓަލް ޓްރެވެލް އެންޑް ޓުއާސް އެވެ. އެ ކުންފުނީގެ ވެރިޔާ ޔޫސުފް ރިފްއަތު ވިދާޅުވީ، 1990 އިން ފެށިގެން މި ފެއާގައި ބައިވެރިވަމުން އަންނަ އިރު އޭރު ޓޫރިސްޓް ރިސޯޓުން ބައިވެރިވާ މީހުން ވަރަށް މަދުވާނެ ކަމަށެވެ.

"އޭރު ސާޅީހަކަށް ރިސޯޓު މި އޮންނަނީ. މިހާރު އެ އަދަދު 150 އަށް އަރައިގެން އެދިޔައީ. މި ފެއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބައިވެރިވާ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުން މިއަންނަނީ ވިއްކަން ބޭނުންވާ ޑެސްޓިނޭޝަންތައް ކަނޑައަޅައިގެން،" އޭނާ ވިދާޅުވި އެވެ.

ޑަބްލިއުޓީއެމް އަކީ އެންމެ ކުރިން ވޯކް-އިން މީޓިންތަކާއި، އާ ޓުއާ އޮޕަރޭޓަރުން ހޯދުމަށް ރިސޯޓުތަކުން ހާއްސަ ސަމާލުކަމެއްދިން ފެއާއެއް ނަމަވެސް މިއަދު ރާއްޖޭގެ މަޝްހޫރު ގިނަ ކުންފުނިތަކުން މިފެއާގައި ބައިވެރިވަނީ ގިނަ ދުވަސްވީ ތާރީހު ހިފެހެއްޓުމަށްޓަކަ އެވެ.

ކުރިން އެގްރީމެންޓްތަކުގައި ސޮއި ކުރުން ފަދަ ކަންކަން ކުރި ނަމަވެސް، މިއަދު އެ ހުރިހާ ކަމެއް ވާޗުއަލް ޕްލެޓްފޯމުގައި ނިންމާލެވެ އެވެ. އެހެން ނަމަވެސް ޕާޓްނަރުންނާ ސީދާ ދިމާވެލާއި، ގުޅުން ބަދަހިކޮށްލުމަށް ޑަބްލިއުޓީއެމް އަކީ މުހިއްމު ފެއާއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ސްޓޭންޑްގެ ޑިޒައިނަށް ބޮޑު ބަދަލެއް

މި ފެއާގައި 20 ވަރަކަށް އަހަރު ބައިވެރިވެފައިވާ ޓްރިޕަލް އޭ ކުންފުނީގެ ޑިރެކްޓަރު މޫސާ ޝިޔާމް ވިދާޅުވީ، އެންމެ ބޮޑަށް ފެންނަ ބަދަލަކީ ރާއްޖޭގެ ސްޓޭންޑަށް އަންނަ ބަދަލުތައް ކަމަށެވެ. ސްޓޭންޑުގެ ޑިޒައިނަށް ބޮޑު ބަދަލުތަކެއް މިދިޔަ އަހަރުތަކުގައި ފެނިގެން ގޮސްފައިވެ އެވެ.

ރާއްޖޭގެ ސްޓޭންޑަށް ވަދެގެންދާ މަގު--- ފޮޓޯ: މިހާރު

މި އަހަރުގެ ސްޓޭންޑުގެ ޑިޒައިން ވެސް ވަރަށް ތަފާތެވެ. އެގޮތުން ސްޓޭންޑަށް ވަދެގެންދާ ވޯކްވޭގައި ރާއްޖޭގެ ރިސޯޓެއްގެ ފާލަން މަތީގައި ހުންނަ ފަދަ ގޮތަކަށް ލައިޓްތައް ހަރުކޮށްފާ ހުއްޓެވެ.

ވިލާ ކުންފުނީގެ ޑިރެކްޓަރު އަލީ ވިދާޅުވީ، މި ފެއާގެ ޑިޒައިން ވެސް ރީތި ކަމަށާއި އެހެން ނަމަވެސް މިއަށް ވުރެ ރީތި ޑިޒައިންތައް މިދިޔަ އަހަރުތަކުގައި ފެނުނު ކަމަށެވެ. އެގޮތުން ދޮން ވެއްޔާއި ޖޯލިފަތި ހުރި ޒަމާނެއް ވެސް ދިޔަކަން އޭނާ ފާހަގަކުރި އެވެ. އަލީ ވިދާޅުވީ، މި ފެއާގައި އެންމެ ފުރަތަމަ ބައިވެރިވި ދުވަސްވަރު ވެސް ދިވެހިންގެ ސްޓޭންޑަކީ މުޅި ފެއާއިން ވެސް އެންމެ ގިނަ ބަޔެއްގެ މަގްބޫލުކަން ލިބުނު، ގިނަ ބަޔަކު ޒިޔާރަތްކުރާ ސްޓޭންޑަށް ވާނެ ކަމަށެވެ.

އެގޮތުން އެ ދުވަސްވަރު ވެސް އެންމެ ފުރިހަމަ އަށް ތައްޔާރުކޮށްފައިވާ ސްޓޭންޑަށް ރާއްޖޭގެ ސްޓޭންޑު ހޮވުނު އަހަރުތައް ގިނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިން ދުވަހަށް ކުރިއަށްދާ ޑަބްލިއުޓީއެމްގައި މި އަހަރު ރާއްޖޭގެ 63 ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ކުންފުނިން ބައިވެރިވި އިރު، މި އަހަރު ވެސް އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ ޓޫރިސްޓުން އިތުރުވާނެކަމުގެ އުންމީދު ދާއިރާގައި މަސައްކަތް ކުރާ ކުންފުނިތަކަށް ވަނީ ލިބިފަ އެވެ.

3 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވޯލް

06 November 2019

ތިއީ ހަމަ މީހުން މަޖާ ނަގަންދާ ތަނެއް.

The name is already taken The name is available. Register?

މީހާިުތތ

06 November 2019

ކިހިނެއް ހެދި ރިޕޯޓެމިއީ. ޙުސްދޮގު މިރިޕޯޓްގައި. ލަންކާ އިންޑިޔާ ސުޓޭންޑު ބެލިނަމަ އިގޭނެ ކުރިއެރުން

The name is already taken The name is available. Register?

ބަރާބަރު

05 November 2019

ޓްރިޕަލް އޭ .. ޔޭ ބުނީމަ ހިނިއަންނަނީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454