ސަޕްލައި އެމްވީގެ އެމްޑީ އެ ޕްލެޓްފޯމާ ގުޅޭގޮތުން މައުލޫމާތު ދެއްވަނީ-- ފޮޓޯ: އުރީދޫ
06 ނޮވެމްބަރ 2019 - 16:17
ގަނޑުކޮށް މުދާ ގަންނަން ބޭނުންވާ ފަރާތަތްކަށް ހާއްސަ އޮންލައިން ޕްލެޓްފޯމް "ސަޕްލައި.އެމްވީ" މިއަދު ތައާރަފް ކޮށްފި އެވެ.
މިއަދު ޗަމްޕާ ސެންޓްރަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމް ތައާރަފް ކޮށްދެއްވީ ސަޕްލައި އެމްވީގެ މެނޭޖިން ޑިރެކްޓަރު ރާއިދު ވަލީދެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އުރީދޫގެ ސީއީއޯ ނަޖީބު ޚާން ވެސް ބައިވެރިވެ ވަޑައިގަތެވެ.
މިއީ އުރީދޫގެ ނިރު އެކްސަލަރޭޓާގެ ތެރެއިން އުފެދިގެން އައި ރާއްޖޭގެ ފުރަތަމަ "ބިސްނަސް ޓު ބިޒްނަސް" ވިޔަފާރި އޮންލައިން ޕްލެޓްފޯމެވެ.
މި ޕްލެޓްފޯމުން، ރާއްޖޭގެ ހޯލްސޭލް ފިހާރަތަކުގައި ވިއްކާ ތަކެތި ބެލުމަށް ފަހު ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ކޮޓޭޝަނަށް އެދެވޭނެ އެވެ. އަދި މުދާ ގަނޑުކޮށް ގަންނަން ބޭނުންވާ ކަމުގައިވާ ނަމަ އޮންލައިކޮށް ފައިސާގެ މުއާމަލާތް ވެސް ކުރެވޭނެ އެވެ.
ސަޕްލައި އެމްވީގެ ޓީމް-- ފޮޓޯ: އުރީދޫ
މި ޕްލެޓްފޯމުން ރާއްޖޭގެ 36 ކުންފުންޏަކުން ވިއްކާ މުދާތައް ބަލައިލެވޭނެ އެވެ. މިހާތަނަށް ގާތްގަނޑަކަށް 2،600 ބާވަތުގެ މުދާ މި ޕްލެޓްފޯމްގައި ރަޖިސްޓްރީ ކޮށްފައިވާއިރު އިތުރު 800 އަށް ވުރެ ގިނަ ކުންފުންޏާއި 10،000 އަށް ވުރެ ގިނަ ބާވަތުގެ މުދާ ރަޖިސްޓްރީ ކުރެވޭނެ ކަމަށް ސަޕްލައި އެމްވީން ބުންޏެވެ.
ސަޕްލައި އެމްވީގެ އެމްޑީ ރާއިދު ވިދާޅުވީ އެ ޕްލެޓްފޯމަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި އުޅޭ ވިޔަފާރިވެރިންނަށް ހޯލްސޭލަރުންގެ ފަރާތުން ފަސޭހަ ކަމާއެކު މުދާ ގަތުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން އުފެއްދި ޕްލެޓްފޯމެއް ކަމަށެވެ. މި ޕްލެޓްފޯމުން ހުރިހާ ވިޔަފާރިވެރިން ގުޅާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަޕްލައި އެމްވީގެ ޓީމާއެކު އިކޮނޮމިކް މިނިސްޓަރު (ވ3) އަދި އުރީދޫގެ ސީއީއޯ (ކ3) ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އުރީދޫ
މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މި ޕްލެޓްފޯމު ސްރީ ލަންކާއަށް ފުޅާ ކުރުމަށް ރާވާފައިވާ ކަމަށް ވެސް ރާއިދު ވިދާޅުވި އެވެ. މިހާރު ކުރިއަށްދަނީ މަސައްކަތުގެ ޑިޒައިނިން އާއި ޑިވެލޮޕްމަންޓުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ޕްލެޓްފޯމު ހެދުމުގެ މަސައްކަތް ކުރި އިރު ރާވާފައިވާނީ އިންޓަނޭޝަނަލް މާކެޓުގައި ވެސް ފުޅާކުރަން. އެގޮތުން މިހާރު އަޅުގަނޑުމެން މި ގެންދަނީ ލަންކާގައި މި ޕްލެޓްފޯމް ފުޅާ ކުރުމަށް "ސަޕްލައި.އެލްކޭ" ގެ ނަމުގައި ޕްލެޓްފޯމެއް ތައްޔާރު ކުރަމުން." ރާއިދު ވިދާޅުވި އެވެ.
ސަޕްލައި އެމްވީގެ ވެބްސައިޓެއް ހުޅުވާފައިވާއިރު ކުރިއަށް އޮތް ދެތިން މަސް ދުވަސް ތެރޭގައި މޯބައިލް އެޕްލިކޭޝަން ވެސް ތައާރަފް ކުރާނެ އެވެ. މި އެޕްލިކޭޝަން އެޕްސޯޓުރުންނާއި ޕްލޭ ސްޓޯރުން ވެސް ޑައުންލޯޑް ކުރެވޭނެ ކަމަށް ސަޕްލައި އެމްވީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy