ފޮރިން މިނިސްޓަރު ޝާހިދު: މިނިސްޓަރު ފިންލެންޑަށް މާދަމާ ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވާނެ -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
26 ނޮވެމްބަރ 2019 - 16:52
ރާއްޖެ އާއި ފިންލެންޑާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ ދެ ގައުމު ދެމެދުގައި ވައިގެ ދަތުރުފަތުރާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރައްވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މާދަމާ ފިންލެންޑަށް ފައްޓަވާ ދަތުރުގައި ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ އުސޫލުން ދެ ގައުމު ދެމެދުގައި ވައިގެ ދަތުރު ފަށަން މަގުފަހިވާނެ ކަމަށް ބަޔާނުގައިވެ އެވެ.
ފިންލެންޑަށް ދެ ދުވަހަށް މިނިސްޓަރު ކުރައްވާ ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޕެއްކާ ހާވިސްޓޯ އާއި އެޑިއުކޭޝަން މިނިސްޓަރު ލީ އެންޑަސަންއާ ބައްދަލުކުރައްވާނެ އެވެ. އަދި އެ ގައުމުގެ ބައެއް ވިޔަފާރިވެރިންނާ ވެސް ޝާހިދު ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މި ބައްދަލުވުންތަކުގައި ވިޔަފާރި އާއި ތައުލީމީ ދާއިރާ އިން ރާއްޖެ އާއި ފިންލެންޑާ ދެމެދު އޮންނަ ގުޅުން ބަދަހިކުރަން މަޝްވަރާކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ފިންލެންޑަކީ ޔޫރަޕިއަން ޔޫނިއަންގެ ރިޔާސަތު ބަލަހައްޓާ ގައުމަށް ވާތީ، ރާއްޖޭގެ މަހުގެ އުފެއްދުންތަކުން ޔޫރަޕުން ނަގާ ޑިއުޓީ ދަށްކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމާ
26 November 2019
މީނާ މިހާރު ނުކުރާކަމެއް ނެތްދޯ. ވައިގެ ދަތުރުތަކުގައި ޒިންމާވާ މިނިސްޓްރީއެއް ހުރޭ. ތައުލީމީ ދާއިރާ އަށް ޒިންމާވާ މިނިސްޓްރީއެއް ހުރޭ. އެހެން ނަމަވެސް ހާރިޖީ ވުޒާރާއިން ތަ މިކަންކަން ކުރަނީ. އަޖައިބެއް. ރައްޔިތުންގެ މަޖިލީހުން މިކަން ބަލަން ޖެހޭ. ކޮންމެސް އެއްޗެކޭ ކިޔައިގެން އަބަދުވެސް ދަތުރުކުރުން މިއޮންނަނީ. މިކަން އެބަޖެހޭ ހުއްޓުވަން.