ސީކްރެޓް ޕެރެޑައިޒުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމުގެ ދެ ބައިވެރިން-- ފޮޓޯ: ސީކްރެޓް ޕެރެޑައިޒް
12 ފެބުރުއަރީ 2020 - 14:47
ޓުއާ ގައިޑުންނަށް ވާން ބޭނުންވާ ދިވެހިންނަށް ހާއްސަ ކޮށްގެން މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ސީކްރެޓް ޕެރެޑައިޒް ޓުއާއިން ޕްރޮގްރާމެއް ފަށައިފި އެވެ.
ސާދަ އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަ މި ޕްރޮގްރާމް ކުރިއަށްދާނީ ހުޅުމާލޭގައި ހުންނަ ސީކްރެޑް ޕެރެޑައިޒްގެ އޮފީހުގަ އެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގައިޑް ކުރާނެ ގޮތްތަކުގެ އިތުރުން އެއާޕޯޓުގައި ކަންތައްތައް ކުރާނެ ގޮތް ކިޔައިދޭނެ އެވެ.
މި ޕްރޮގްރާމަށް ކުދިން ނަގާފައިވަނީ އެ ކުންފުންޏަށް ލިބުނު ސީވީތަކަށް ބަލައި އިންޓަވިއުއިން ފާސްވި ކުދިން ކަމަށް ސީކްރެޓް ޕެރެޑައިޒުން ބުންޏެވެ. މި ޕްރޮގްރާމުގެ ޕައިލެޓް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ އަހަރު އެވެ. އެ ޕްރޮގްރާމުގައި ވެސް ދިވެހި ގިނަ ކުދިންތަކެއް ބައިވެރިވި އެވެ.
ސީކްރެޓް ޕެރެޑައިޒްގެ ކޯ ފައުންޑާ ރޫތު ފްރޭންކްލިން ވިދާޅުވީ ޓޫރިސްޓުންނާއި ދިވެހިން ބައްދަލުވެ މައުލޫމާތު ހިއްސާ ކުރެވުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ ސަބަބުން ތަފާތު ގޮތަކަށް ޓޫރިޒަމް ޕްރޮމޯޓު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އެންމެ މުހިންމު މަގުސަދަކީ އިންސާނީ ވަސީލަތްތައް ބިނާކުރުން. ރާއްޖޭގެ ކަންތައް އެންމެ ބޮޑަށް އެނގޭނީ ދިވެހިންނަށް ވުމުން އަޅުގަނޑުމެން ބޭނުންވަނީ މި ދާއިރާ އަށް ވީހާ ވެސް ގިނަ ދިވެހިން ނެރެން." ފްރޭންކްލިން ވިދާޅުވި އެވެ.
ސީކްރެޓް ޕެރެޑައިޒަކީ 100 ޕަސެންޓު ދިވެހި މުވައްޒަފުންނާ އެކު ހިންގަމުން އަންނަ ޓުއާ އްޕަރޭޓު ކުރާ ކުންފުންޏެކެވެ. މި ކުންފުނިން އަންނަނީ ޓުއާ ގައިޑުންނާއި ފުރަތަމަ އެހީގެ ދާއިރާއިން ވެސް ދިވެހިން ތަމްރީން ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަހަމަދު
13 February 2020
ސަތޭކަ ޕަސެންޓް ދިވެހި ކުންފުނީގެ ކޯފައުންޑާ ރުތް ފުރޭންކުލިން އޭތޯ؟