ޕެންޝަން އޮފީހުގެ އެތެރެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
11 މާޗް 2020 - 19:46
ކޮވިޑް-19 ރޯގާ އިން ރައްކާތެރިވުމުގެ ގޮތުން، ޕެންޝަންގެ ހުރިހާ ހިދުމަތްތައް އޮންލައިންކޮށް ލިބޭ ގޮތް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
ޕެންޝަން އޮފީހުން ބުނީ އެތަނުން ހިދުމަތް ހޯދާ ފަރާތްތަކާއި އޮފީހުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕެންޝަން އޮފީހުގެ ހިދުމަތްތައް ފޯނުން ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން، ހިދުމަތް ހޯދާ ފަރާތުން މައުލޫމާތާއި އެހީތެރިކަން ހޯދުމަށާއި ފޯމާއި ލިޔެކިޔުން ހުށަހެޅުމަށް ޕެންޝަން އޮފީހަށް ދިއުމުގެ ބަދަލުގައި ބޭނުންކުރާނެ އެކި ވަސީލަތްތައް ވަނީ ކަނޑައަޅައިފަ އެވެ.
މައުލޫމާތާއި އެހީތެރިކަން ހޯދުމަށް އޮފީހަށް ދިއުމުގެ ބަދަލުގައި ޕެންޝަން އޮފީހުގެ ކޮންޓެންޓް ސެންޓަރުގެ ނަންބަރު 1441 އަށް ގުޅައިގެން ކުރިއަށް ގެންދިޔުމަށް އެ އޮފީހުން އެދެ އެވެ. މީގެ އިތުރުން ޕެންޝަން އޮފީހުގައި އެޕާއި ވެބްސައިޓުގެ އިތުރުން ލައިވްޗެޓްގެ އެހީގައި ވެސް މައުލޫމާތު ސާފުކުރެވޭނެ އެެވެ. އަދި ފޭސްބުކާއި ޓްވިޓާގެ އިތުރުން ވައިބާ ނަންބަރު 7331441 އިން މައުލޫމާތު ސާފުކުރެވޭނެ އެވެ.
ފޯމާއި ލިޔެކިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވަނީ [email protected] އަށް ނުވަތަ ޕެންޝަން އޮފީހުގެ ވައިބާ ނަންބަރު 7331441 އަށެވެ. މިނޫން ހިދުމަތްތައް ދެމުން ގެންދާނީ ކުރިން ވެސް ހިދުމަތް ދެމުން ގެންދިޔަ ގޮތަށް ޕެންޝަން އޮފީހުގެ އޮންލައިން ސިސްޓަމްތައް މެދުވެރިކޮށެވެ.
މައުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން، ސަރުކާރު ބަންދުނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ފޯމާއި ލިޔެކިޔުން ކޮންމެ ގަޑިއެއްގައި ވެސް ހުށަހެޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ޕެންޝަން އޮފީހަކީ އެ އޮފީހުގެ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ފޯރުކޮށްދިނުމުގެ އިތުރުން 2018 ވަނަ އަހަރު އޮފީހުގެ އައިޓީ އިންފްރާ ސްޓަރަކްޗާ ގޫގޫލް ކްލައުޑަށް ބަދަލުކޮށް، ދިމާވާ މިފަދަ ހާލަތްތަކުގައި އޮފީހުގެ އޮޕަރޭޝަނަށް ބަދަލުގެނެސް ހިދުމަތްތައް މެދުނުކެނޑި ކުރިޔަށް ގެންދިއުމުގެ ގާބިލުކަން ލިބިފައިވާ އޮފީހެކެވެ. ދާދި ފަހުން އެ އޮފީހުން ވަނީ އައިއެސްއޯގެ މިންގަނޑަށް ޑޭޓާ މެނޭޖުކޮށް ސެކިއުރިޓީ ބަލަހައްޓާ އޮފީހެއްގެ ގޮތުގައި ސެޓިފައިވި ރާއްޖޭގެ ފުރަތަމަ މުއައްސަސާ އަށް ވެސް ވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާބަސްޕެންޝަން އޮފީސް
11 March 2020
ސާބަސް! ޕެންޝަން އޮފީސް. މިދަނޑިވަޅުގައި ހަމަ ފާހަގަކޮށްލަން: އައިޖީއެމްއެޗުން ލެބްޓެސްޓް ރިޕޯޓުތައް އޮންލައިންކޮށް (ޑައުންލޯޑްކުރަން) ލިބޭނޭ ކިޔާފައި މެސެޖްކުރާ ލިންކަށް ގޮސްގެން ދުވަހަކު ރިޕޯޓު ޑައުންލޯޑްކުރެވޭ ގޮތެއްނުވޭ. ޖެހެނީ ހަމަ ކަމާކަންފަށާ ހޮސްޕިޓަލަށް ގޮސް ކިޔުގަޖެހެން! އެކަމަކު ފޮނިކަނޑާވަރުން ފޮނިކަނޑާ.
ފާރަގެމަ
11 March 2020
އައިޖީއެމް އެޗްގެ އެޕް މެދުވެރިކޮއް ލެބް ނަތީޖާ ބެލޭނެ .ސްމާރޓް ފޯން ގެންގުޅެން ޖެހޭ ގޭމް ނޫނީ ކުޅޭކައް ނޭގޭ
ތަޖުރިބާ
12 March 2020
ކޮން ބޭކާރު ވާހަކައެއް. އައިޖީއެމްއެޗުން ފޮނުވި މެސެޖުގަ ބުނެފަ އޮތް ލިންކަށް ގޮސްގެން މަސައްކަތްކުރީމަ ރިޕޯޓުތަކެއް ހުންނަކަން އެގޭ. ޑައުންލޯޑެއްނުވޭ. ފޯނުކޮށްކޮށް ޖަވާބެއްނުދޭ. ދެންކީކޭ މިކިޔަނީ؟ މީ ޔޯލަ ވާހަކައެއްނޫން. އެތައް ފަހަރަކު އަމިއްލައަށް ތަޖުރިބާކޮށްފަ މިބުނަނީ.