ދުނިޔޭގެ ކުޅިވަރު / ފީފާ

ފީފާ އިން ކްލަބް ވޯލްޑް ކަޕް ފަސްކޮށް، ފިޔަވަޅުތަކެއް އަޅައިފި

ޒިއުރިކް (މާޗް 19) – ކޮރޯނާވައިރަހާ ގުޅިގެން މި އަހަރުގެ ޔޫރޯ އާއި ކޮޕާ އެމެރިކާ އަންނަ އަހަރުގެ ޖޫން/ޖުލައި އަށް ފަސްކޮށްފައިވާތީވެ، އެ ތާރީހުގައި ބާއްވަން އޮތް ފީފާ ކްލަބް ވޯލްޑް ކަޕް ފަސްކުރަން ފީފާ އިން ނިންމައިފި އެވެ.

ޗައިނާގައި އަންނަ އަހަރު ބާއްވަން ފީފާ އިން ތާވަލުކުރި ކްލަބް ވޯލްޑް ކަޕަކީ، މިހާރު އެ މުބާރަތް ބާއްވާ އުސޫލާ ހިލާފަށް ގިނަ ޓީމުތަކެއް ބައިވެރިކޮށް ބާއްވަން ރޭވި އަގުބޮޑު މުބާރާތެކެވެ.

މި ނިންމުން ނިންމީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ޗެއާކުރައްވައި އިއްޔެ ފީފާ ކައުންސިލް މެމްބަރުންނާ އެކު ބޭއްވެވި ކޮންފަރެންސް ކޯލް ބައްދަލުވުމެއްގަ އެވެ.

އިއްޔެ ނިންމި ނިންމުންތަކުގެ ތެރޭގައި ޔޫރޯ އާއި ކޮޕާ އެމެރިކާ އަންނަ އަހަރު ބާއްވަން ޝެޑިއުލްކުރި ތާރީހު (ޖޫން 11 އިން ޖުލައި 11) އިންޓަނޭޝަނަލް މެޗު ކަލަންޑަރުގައި ހިމެނުމާއި ކްލަބް ވޯލްޑް ކަޕް ދެން ބާއްވާނެ ތާރީހެއް ކަނޑައެޅުން ފަހުގެ ތާރީހަކަށް ހެދުން ހިމެނެ އެވެ.

އިއްޔެ ބައްދަލުވުމުގައި ވަނީ ފީފާ ކޮންފެޑެރޭޝަންތަކުގެ ވޯކިން ގްރޫޕެއް ވެސް އެކުލަވާލައިފަ އެވެ. އެ ގްރޫޕުގެ ބޭނުމަކީ ނިއުޅެމުންދާ ހާލަތު ވަޒަންކުރުމާއި އެއްކޮށް މަސައްކަތްކޮށް، ބަލިމަޑުކަމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް އެޑްރެސްކުރާނެ ގުޅިފައިވާ ގޮތްތަކަކަށް އެއްބަސްވުމެވެ.

އެ ވޯކިން ގްރޫޕުން ކުރާނެ ކަންކަމުގެ ތެރޭގައި ސްޓޭޓަސް އާއި ޓްރާންސްފާ އޮފް ޕްލޭޔަސް އަށް ހަދާފައިވާ ފީފާ ގަވާއިދުތަކަށް ބަދަލުގެނައުމާއި ވަގުތީ ގޮތުން އަމަލުކުރުން ހުއްޓާލުމަށް ބޭނުންވެދާނެ ފަދަ ހާލަތްތައް އެސެސްކުރުމާއި ޓްރާންސްފަ މުއްދަތު އެޖެސްޓްކުރުން ހިމެނެ އެވެ.

ޔޫރޯ އާއި ކޮޕާ އެމެރިކާ އަންނަ އަހަރަށް ފަސްކުރި ސަބަބަކީ، ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ޔޫރަޕުގެ ލީގުތަކާއި ޔުއެފާގެ ކްލަބް މުބާރާތްތައް ކުރިއަށްގެންދަން ވަގުތު ދިނުމެވެ. ހާލަތު ހަމަޔަކަށް އެޅި މޭ މަހު އަލުން މުބާރާތްތައް ފަށައިގެން ނިންމާލެވޭނީ ޖޫން މަހަށެވެ. ބައެއް ކުޅުންތެރިންގެ ކޮންޓްރެކްޓްތަކާއި ލޯން މުއްދަތު މޭ މަހަށް ހަމަވާނެތީ، ޖޫން މަހު ކުޅެވޭނީ ކޮންޓްރެކްޓަށް ބަދަލުތަކެއް ގެނެސްގެންނެވެ. އަދި ޖޫން މަހަކީ ހޫނުމޫސުމުގެ ޓްރާންސްފާ މުއްދަތު ކުރިއަށްދާ މަހަކަށް ވާތީ، ޓްރާންސްފާ އަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ.

މުބާރާތްތައް މެދުކެނޑުމުން ވަރަށް ގިނަ ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ލީގުތަކަށް މާލީ ގޮތުން ގެއްލުން ވާނެ އެވެ. ފީފާ ވޯކިން ގްރޫޕުން ކުރާނެ އެއް މަސައްކަތަކީ، އެ ފަރާތްތަކަށް ސަޕޯޓްދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ސަޕޯޓް ފަންޑެއް ބޭނުންވޭތޯ ބެލުމަށްޓަކައި، އެކި ބައްރުތަކުގެ ފުޓްބޯޅައިގެ ސްޓޭކްހޯލްޑަރުންނަށް ކުރިމަތިވި މާލީ މައްސަލަތައް ބެލުމެވެ. އަދި އެފަދަ ހާލަތެއްގައި މާލީ ގޮތުން އެހީތެރިވެވެނެ ރަނގަޅު ނިޒާމެއް އެކުލަވާލެވޭނެ ގޮތްތަކެއް ބެލުން ވެސް ހިމެނެ އެވެ.

ވޯލްޑް ކަޕާއި އެ ނޫން ވެސް މުބާރާތްތަކުން ލިބޭ ފައިދާ އިން ފީފާގައި 1.5 ބިލިއަން ޑޮލަރުގެ ރިޒާވެއް އޮވެ އެވެ. އޭގެ މައިގަނޑު ބޭނުމަކީ ރިޕޯޓްތައް ބުނާ ގޮތުގައި ވޯލްޑް ކަޕް އެއްވެސް ހާލަތެއްގައި ކެންސަލްކުރަން ޖެހިއްޖެ ނަމަ މާލީ ބަދަލު ދިނުމެވެ. އެ ފަންޑް ބޭނުންކޮށްގެން، މި ވަގުތު މާލީ ގޮތުން އަސަރުކޮށްފައިވާ ކްލަބްތަކާއި އެސޯސިއޭޝަންތަކާއި ލީގުތަކަށް އެހީތެރިކަން ދިނުމުގެ ގާބިލްކަން އެ ޖަމިއްޔާ އަށް ލިބިގެންވެ އެވެ.

ފީފާ އިން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ކޮވިޑް-19 ސޮލިޑާރިޓީ ރެސްޕޮންސް ފަންޑަށް 10 މިލިއަން ޑޮލަރު ދޭން ވެސް ނިންމައިފަ އެވެ. އަދި މި އެހީ ބޭނުންކުރެވެނީ ވައިރަހާ ދެކޮޅު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ކުރާ ހަނގުރާމައަށް ސަޕޯޓްދިނުމަށްތޯ ޔަގީންކުރުމަށް ޑަބްލިއުޗްއޯއާ އެއްކޮށް ފީފާ އިން މަސައްކަތްކުރާނެ އެވެ.

ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކޮރޯނާވައިރަސް، މިހާރު މުޅި ދުނިޔެ އަށް ފެތުރި އަދި އެ ބަލި ފެތުރޭ މައި މަރުކަޒަކަށް ޔޫރަޕް ވަނީ ވެފަ އެވެ. ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 މިހާތަނަށް 200،000 އަށް ވުރެ ގިނަ މީހުންނަށް ޖެހި 8000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

0 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454