ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ވެމްބްލީގައި ކުޅެން މަޝްވަރާކުރަނީ

އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި ލިވަޕޫލާއި ޓޮޓެންހަމް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (އޭޕްރީލް 14) - ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ މި ސީޒަނުގައި ބާކީ ނުކުޅެ ހުރި ހުރިހާ މެޗެއް ސަޕޯޓަރުން ނުވައްދައި އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅެން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ފަހަރުގެ ސީޒަން ކުރިއަށްގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ، ލީގު ފެށޭނެ ސީދާ ތާރީހެއް އޮތީ ކަނޑަނޭޅި އެވެ. ޕްރިމިއާ ލީގާއި އިނގިރޭސި އެހެން ފުޓްބޯޅަ މުބާރާތްތައް އޮތީ މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.

އެހެން ގައުމުތަކުގެ ލީގެކޭ އެއް ގޮތަށް ޕްރިމިއާ ލީގު އެއްކޮށް ފުރިހަމަކުރަން ޔުއެފާ އިން ވަރަށް ބޮޑަށް ބާރުއަޅަ އެވެ. ޔުއެފާ އިން މެމްބަރު ގައުމުތަކާ އެކު ބޭއްވި ބައްދަލުވުންތަކުގައި ލަފާދީފައިވަނީ ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހުނު ކަމުގައި ވިޔަސް އެގޮތަށް ވެސް ސީޒަން ފުރިހަމަ ކުރުމަށެވެ. ޕްރިމިއާ ލީގުން ވެސް މެޗުތައް ފަށަން ވިސްނަނީ ސަޕޯޓަރުން ނުވައްދައި ކުޅޭގޮތަށެވެ. ރިޕޯޓްތައް ބުނާގޮތުގައި ޕްރިމިއާ ލީގުގައި މި ސީޒަނުގައި ނުކުޅެ އޮތް 92 މެޗު ވެމްބްލީގައި ކުޅުމަކީ އިނގިރޭސި އެފްއޭ އިން މި ވަގުތު އެންމެ ބޮޑަށް މަޝްވަރާކުރަމުން އަންނަ ކަންތަކެވެ.

އިނގިރޭސި އެފްއޭ އިން ކްލަބްތަކަށް ހުށަހަޅާފައިވާ ޕްރޮޕޯސަލަކީ ޖޫން 6 ގައި އަލުން ފުޓްބޯޅަ ސީޒަން ފަށައި ފަސް ހަފްތާ ތެރޭގައި ލީގު ކުޅެ ނިންމާލުމަށެވެ. ކޮންމެ ތިން ދުވަހަކުން މެޗުތައް ކުޅޭ ގޮތް ހަދާއިރު، ބައެއް ދުވަސްތަކުގައި ހަތަރު މެޗު ނޫނީ ފަސް މެޗު ކުޅެން ވެސް އެފްއޭގެ ހުށަހެޅުމުގައި ހިމެނެ އެވެ. ހުރިހާ މެޗެއް އެއް ދަނޑެއްގައި ކުޅޭއިރު ޝެޑިއުލް ރާވާނީ ކްލަބްތަކާ ވާހަކަ ދެއްކުމަށް ފަހު ދެ މެޗުގެ ދެމެދުގައި އެކަށީގެންވާ ވަގުތެއް ދިނުމަށް ފަހު އެވެ.

ވެމްބްލީ އަށް މެޗުތައް ގެންދަން އެފްއޭ އިން ހުށަހެޅީ ސިއްހީ ދާއިރާގެ މާހިރުންނާ ވެސް މަޝްވަރާކުރުމަށް ފަހު އެވެ. އެއީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ހުރިހާ ޓީމެއް އެއް ސަރަހައްދެއްގައި ތިބެ މެޗުތައް ކުޅުމުގެ ފުރުސަތު އޮވެއްޖެނަމަ އެ ގޮތަކަށް ކުރިއަށްދާން އިނގިރޭސި ސަރުކާރުން ވެސް އޮތީ އެއްބާރުލުންދޭ ގޮތަށެވެ.

ހުރިހާ މެޗެއް އެއް ސަރަހައްދެއްގައި ކުޅޭ ވިސްނުން ގެންގުޅޭ އެންމެ ބޮޑު އެއް ސަބަބަކީ ކުޅުންތެރިންގެ ދަތުރު ފަތުރުކުރުން ވެސް ކޮންޓްރޯލް ކުރެވޭނެތީ އެވެ. އެގޮތަށް ކުރިއަށްދާން ބަލާއިރު ވެމްބްލީގައި މެޗުތައް ރާވަން ލިބޭ އަނެއް އެޑްވާންޓޭޖަކީ ވެމްބްލީ ކައިރީގައި ހުންނަ ނެޝަނަލް ފުޓްބޯލް ސެންޓަރުގައި 228 ކޮޓަރީގެ އެކޮމަޑޭޝަނާއި 13 ފުޓްބޯލް ޕިޗް އޮތުމެވެ. ވެމްބްލީގައި މެޗުތައް ކުޅޭނަމަ ލަންޑަނަށް ނިސްބަތްވާ ޓީމުތަކަށް އޮންނާނެ އެޑްވާންޓޭޖަކީ އެ ޓީމުތަކުގެ ޓްރެއިނިން ޕިޗްތައް ބޭނުންކުރެވުމެވެ. ޕްރިމިއާ ލީގުގައި މި ވަގުތު ލަންޑަނަށް ނިސްބަތްވާ ފަސް ކްލަބެއް އޮވެ އެވެ.

ވެމްބްލީގައި ސަޕޯޓަރުން ނުވައްދައި ލީގުގެ މެޗުތައް ކުޅުނަސް ކްލަބްތަކަށް އާމްދަނީ ލިބޭނެ ގޮތަށް ޓީވީ ރައިޓްސް ޑީލު މެދުވެރިކޮށް އިތުރުކަންތައްތަކެއް ކުރުމަށް އެފްއޭ އިން ރާވަ އެވެ. އެ ގޮތުން އިޝްތިހާރު ވީހާވެސް ގިނަ ކުރުމަކީ އެފްއޭ އިންގެންގުޅޭ އެންމެ ބޮޑު އެއް ވިސްނުމެވެ.

ލީގު ކެންސަލްކުރުމުގެ ވާހަކަތައް މީގެ ކުރިން ދެކެވުނު ނަމަވެސް ފަހުން އެކަން ހުއްޓުނީ ޔުއެފާއާ އެކު ބޭއްވުނު މަޝްވަރާތަކަށް ފަހު އެވެ. އަލުން ފުޓްބޯޅަ ފަށާނެ ސީދާ ތާރީހެއް ނޭނގޭތީ ގިނަ ކްލަބްތަކުން އޮތީ ޕްރެކްޓިސް ނުފަށަ އެވެ. ބައެއް ކްލަބްތަކުން ސަރުކާރުން ކަނޑައަޅާފައިވާ ސޯޝަލް ޑިސްޓަންސިން އުސޫލާ އެއްގޮތަށް ޕްރެކްޓިސްތައް ކުރިއަށްގެން ދެ އެވެ.

ޑިސެމްބަރު މަހު ޗައިނާގެ ވުހާން އިން ފެނުނު ވައިރަހުގެ ނުރައްކާ މުޅި ދުނިޔެ އަށް ބޮޑުވެފައިވާއިރު، އިނގިރޭސިވިލާތުން މި ވައިރަހަށް ވަނީ 88،621 މީހުން ޕޮޒިޓިވްވެފަ އެވެ. އެ ގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 11،329 ގަ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސީޒަން ޖެކްޝަން

14 April 2020

ޫހ! އަދިވެސް ބޯޅަދޯނުކުޅެވިގެން މިއުޅެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454