އެމްއެމްއޭއިން ޑޮލަރު މާރުކުރުމުގެ މަސައްކަތް ކޮށްދެނީ-- ފޮޓޯ: މިހާރު
27 މެއި 2020 - 21:02
މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޖުމްލަކޮށް ތަކެތީގެ އަގުތައް 3.6 ޕަސެންޓަށް ވެއްޓިއްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުން މި އަހަރުގެ އޭޕްރީލް މަަހަށް އިންޕްލޭޝަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
މިދިޔަ އޭޕްރީލް މަހު އެކަނި ވެސް އިންޕްލޭޝަން ރޭޓް ހުރީ 3.2 ޕަސެންޓްގަ އެވެ. އަދި މާޗް މަހު އިންޕްލޭޝަން ރޭޓް ހުރީ 1.1 ޕަސެންޓްގަ އެވެ. އޭޕްރީލް މަހު އެންމެ ބޮޑަށް އަގު ދަށަށް ގޮސްފައިވަނީ ކަރަންޓުގެ ހިދުމަތުންނެވެ. އެގޮތުން ކަރަންޓްގެ ހިދުމަތުގެ އަގު 40 ޕަސެންޓަށް ދަށްވެފައިވެ އެވެ. އަދި ފެނުގެ ހިދުމަތުން 30 ޕަސެންޓް ވަނީ ވެއްޓިފަ އެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން ގޭބީސީތަކުގެ ކަރަންޓާއި ފެނުގެ އަގުން ދިން ޑިސްކައުންޓްގެ ސަބަބުން އައި ބަދަލެވެ.
މީގެ އިތުރުން ގޭގޭގެ ކުލި ފަސް ޕަސެންޓް ދަށަށް ދިޔަ އިރު މޯބައިލް ވަސީލަތްތަކުން ހަތަރު ޕަސެންޓަށް އަގުތައް ދަށަށް ގޮސްފައިވެ އެވެ. ބައެއް ކާބޯތަކެތީގެ ބާވަތްތައް ކަމުގައިވާ ކިރާއި ޗީޒާއި ބިހާއި އެއްގަމު މަހުގެ ބާވަތްތަކުގެ އަގު ވެސް ވަނީ ދަށްވެފަ އެވެ. އަދި އިންޓަނެޓް ހިދުމަތުންނާއި ގޭތެރެއަށް ބޭނުންވާ ސާމާނާއި އެއްގަމު ދަތުރު ފަތުރުގެ އަގުތައް ވެސް ވަނީ ވެއްޓިފަ އެވެ.
ގިނަ ބާވަތްތަކެއްގެ އަގުތައް ވެއްޓުނު އިރު އޭޕްރީލް މަހު، މޭވާ އާއި ތަރުކާރީގެ ބާވަތްތަކުންނާއި މަހުގެ ބާވަތްތަކުންނާއި ބައެއް އެހެން ކާބޯތަކެތީގެ އަގުތައް އުފުލިފައިވާކަން ފާހަގަކުރެވެ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ، ރޯދަ މަހާއި ދިމާކޮށް މިފަދަ ބާވަތްތަކަށް އޮތް ޑިމާންޑް އިތުރުވެ، މާލެ ލޮކްޑައުންގައި އޮތުމުގެ ސަބަބުން މިފަދަ ބާވަތްތައް ސަޕްލައި ކުރުމުގައި ހުރި ދަތިތަކެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، ލިބޭ އާމްދަނީ ދަށްވެފައިވާ މިދަނޑިވަޅުގައި ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ފިޔަވައި އެހެން ހަރަދުތައް ކުރުން ވަނީ މަދުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މ.ފާދިރީ
27 May 2020
ރައްޔިތުން ގުނބޯ ހައްދަން ނޫޅޭ. މިވަގުތު އިންފްލޭޝަން ދަށަށް މިދަނީ ވަކި އިގްތިސާދު ރަނގަޅު ވެގެނެއް ނޫން.
ނާއިފް
27 May 2020
އިންފްލޭޝަން ހިސާބު ކުރަނީ ގަސްތުގައި ނުބައިކޮށް. ޓެލެކޮމިއުނިކޭޝަން އަގު ހެޔޮ އޭ ކިޔާފަ، އޮންނަނީ ހިލޭ ބައެއް ހިދުމަތް ދެއޭ ކިޔާފަ. އޭގެ ސަބަބުން މުޅި އަދަދު ދަށްވަނީ.
އިބިރިހިމާބެއްޔާ
27 May 2020
މީހުން ނިކަމެތިވެ އަތްމަތި ހުސްވެފައިވާކަން އަންގައިދޭ. އަވަސް ފިޔަވަޅުތަކެއް ބޭނުންވޭ.
ޑޮކްޓަރ ނާން
28 May 2020
ދުނިޔެ ވެސް ތިބުނާ އަވަސް ފިޔަވަޅު ނޭޅިގެން އުޅެނީ. ކެތްތެރި ވެބަލަ
ސަންޕަ ހަސަންފުޅު
27 May 2020
މީހުން އަތުން ލާރިހުސްވީމާ އޮޓަމެޓިކުން އެއްޗެހީގެ އަގު ދައްވާނެ. ލާރި ގިނަވިވަރަކަށް އެއްޗެހިގަތުން ގިނަވާނެ އަދި ޑިމާންޑު އިތުރުވާނެ.
އަސޭލާ1
28 May 2020
ދެން ހަ މަ ސިޔާސީ ވެފަ ހުރިވަރުން ފެނާ ކަރަންޓު އަގު އިންތިހާއަށް ސަބްސިޑީ ކުރި ވާހަކަ ނުބުނާނެ އުތަ؟ ޝުކުރުވެރި ނުވާތި ފާފަވެރި ވެދާނެ