ކުޅިވަރު / އިންގްލިޝް ޕްރިމިއާ ލީގް

220 މިލިއަން ޑޮލަރުގެ މެޗު: ބްރެންޓްފޯޑާއި ފުލަމް ތައްޔާރު

ޗެމްޕިއަންޝިޕް މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ބްރެންޓްފޯޑް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

04 އޯގަސްޓް 2020 - 11:51

ލަންޑަން (އޮގަސްޓް 4) - ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގުބޮޑު މެޗުގެ ގޮތުގައި ފާހަގަކުރެވިފައިވާ އިނގިރޭސި ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލުގައި ބްރެންޓްފޯޑާއި ފުލަމް ކުޅޭ މެޗަށް އެ ދެ ޓީމު ތައްޔާރުވަމުން އަންނައިރު މި މެޗުގެ އަގު މި ފަހަރު ވެސް އުޅެނީ 220 މިލިއަން ޑޮލަރުގަ އެވެ.

މިރޭ ވެމްބްލީގައި ކުޅޭ މޮޅުވާ ޓީމަކަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ކުރިން ބެލެވުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވި މާލީ ދަތިކަމުގެ ސަބަބުންނެވެ. އެކަމަކު ޕްރިމިއާ ލީގުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ އިން ރިޕޯޓްކުރާ ގޮތުގައި މި ފަހަރު ވެސް މި މެޗުގެ އަގަކީ 220 މިލިއަން ޑޮލަރެވެ. މި މެޗުގެ އަގު ބޮޑުވަނީ ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެންނެވެ. ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިގެން ވެސް އެންމެ ގިނަވެގެން ހޯދެނީ 90 މިލިއަން ޑޮލަރެވެ. އަދި ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ލިބެނީ 38 މިލިއަން ޑޮލަރެވެ.

ބްރެންޓްފޯޑް ފައިނަލުން ޖާގަ ހޯދީ ސެމީގައި ފުރަތަމަ ލެގުން ސްވަންސީ އަތުން ބަލިވި ނަމަވެސް ދެ ވަނަ ލެގުގައި ނަތީޖާ އަނބުރާލައިގެންނެވެ. ފުލަމް އިން ޕްލޭއޮފް ފައިނަލުން ފުރުސަތު ހޯދީ ސެމީގެ ފުރަތަމަ ލެގުގައި ކާޑިފް ސިޓީ އަތުން ހޯދި މޮޅުގެ އެޑްވާންޓޭޖް ނަގައިގެންނެވެ. ޕްލޭއޮފް ފައިނަލުން މޮޅުވެއްޖެނަމަ ފުލަމް އަށް އަހަރެއްގެ މެދުކެނޑުމަކަށް ފަހު އަލުން ޕްރިމިއާ ލީގުން ޖާގަ ލިބޭނެ އެވެ. އެކަމަކު ބްރެންޓްފޯޑަށް މި މެޗުން ކުރި ލިބިއްޖެނަމަ އެ ޓީމަށް ޕްރިމިއާ ލީގުން ފުރުސަތު ލިބެނީ 73 އަހަރު ފަހުންނެވެ.

އިނގިރޭސި ޗެމްޕިއަންޝިޕް (ދެ ވަނަ ޑިވިޝަން) އަށް 2014 ވަނަ އަހަރު ޕްރޮމޯޓްވުމުގެ ކުރިން ހޭދަވި 60 ސީޒަނުގެ ތެރެއިން 59 އަހަރު ބްރެންޓްފޯޑުން ވާދަކުރަމުން ދިޔައީ އިނގިރޭސި ތިން ވަނަ ނޫނީ ހަތަރު ވަނަ ޑިވިޝަނުގަ އެވެ. އޭގެ ފަހުން އެ ޓީމަށް އެކި ކޯޗުކޮށް އިރުޝާދުދެމުން އައިއިރު މަންޒަރު ބަދަލުކޮށްލީ 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެ ޓީމުގެ ކޯޗުކަމާ ޑެންމާކަށް އުފަން ތޯމަސް ފްރޭންކް ހަވާލުވި ފަހުންނެވެ. ފްރޭންކް ބުނީ ބްރެންޓްފޯޑްގެ ހުވަފެންތަކުގައި ކުލަޖައްސައިދޭން ފުރަތަމަ ދުވަހުން ފެށިގެން އޭނާ މަސައްކަތް ފެށި ކަމަށެވެ.

"ފަންސާސް އަހަރަށް ވުރެ ދިގު އިންތިޒާރެއްގައި ތިއްބާ އަހަންނަށް ފެށުނީ އުއްމީދީ މަސައްކަތެއް. މި ފައިނަލް ކާމިޔާބުކޮށް އަަހަރެން ބޭނުންވަނީ މި ދިގު އިންތިޒާރު ނިމުމަކަށް ގެންނަން. މި ޓީމު ޕްރިމިއާ ލީގުގައި ވާދަކުރާތަން ދެކެން ބޭނުން،" ޑެންމާކް އުމުރުފުރާ ގައުމީ ޓީމުތަކަށް ކުރިން އިރުޝާދުދިން ފްރޭންކް ބުންޏެވެ.

ޕާކިސްތާނަށް އުފަން އެމެރިކާގެ މަހުޖަނު ޝާހިދު ހާން ހިންގަމުން އަންނަ ފުލަމް ވަނީ މީގެ އެއް އަހަރު ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކޮށްފަ އެވެ. އެ ފަހަރު ޕްރިމިއާ ލީގަށް އައިސް 100 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ޓްރާންސްފާ މާކެޓްގައި ހަރަދުކުރި ނަމަވެސް ޕްރިމިއާ ލީގުގައި ފައިތިލަ ސާބިތުނުކުރެވި ރެލިގޭޓްވީ އެވެ.

އެ ފަހަރު ފުލަމް ރެލިގޭޓްވިއިރު އެ ޓީމުގެ ކޯޗަކަށް ހުރި ސްކޮޓް ޕާކާ މިރޭގެ ޕްލޭއޮފް ފައިނަލަށް ނުކުންނައިރު އަޒުމު ކަނޑައަޅައިގެން ހުރީ އަލުން އެ ޓީމަށް ޕްރިމިއާ ލީގުގެ ޖާގަ ހޯދައިދޭށެވެ.

"އޭރު އަހަރެން ޓީމާ ހަވާލުވިއިރު ވެސް އޮތީ ރެލިގޭޝަނުން ސަލާމަތްވާނެ ފުރުސަތެއް ނެތްކަން އެނގިފައި. އެ ހިސާބުން އަލުން ޓީމު ކޮޅަށް ޖަހަން ވަރަށް މަސައްކަތް ކުރެވިއްޖެ. މިހާ ހިސާބަށް އާދެވުނީ ވެސް ވަރަށް ހިތްވަރުން. މި ހިސާބުން އެނބުރި ދާން ބޭނުމެއް ނެތް. ފުލަމް އަކީ ޕްރިމިއާ ލީގު ފެންވަރު ކްލަބެއް. ދެން އޮތީ ފައިނަލުގައި އެކަން ސާބިތުކޮށްދިނުން،" ކުރިން ޕްރިމިއާ ލީގުގެ ގިނަ ކްލަބްތަކަކަށް ކުޅުނު ޕާކާ ބުންޏެވެ.

އާންމު ގޮތެއްގައި ޕްލޭއޮފް ފައިނަލަކީ އިނގިރޭސި ރަސްމީ ސްޓޭޑިއަމް ފުރިފައި އޮންނަ މެޗެކެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެން ޖެހޭތީ މި ފަހަރުގެ ޕްލޭއޮފް ފައިނަލުން އެ ފަޅުކަން ފެންނާނެ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.

0 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454