މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ
26 އޮކްޓޯބަރ 2016 - 10:07
މެންޗެސްޓާ (އޮކްޓޯބަރު 26) - އިނގިރޭސި ލީގު ކަޕްގައި މިރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަކޮށްލައިގެން ދެރައެއް ލިބެން ބޭނުންނުވާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލީގުގައި ޔުނައިޓެޑް ދަނޑުގައި ކުޅުނު މެޗުން ސިޓީ މޮޅުވީ 2-1 އިންނެވެ. ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުން ޗެލްސީ އަތުން ވަނީ 4-0 އިން ބަލިވެފަ އެވެ. ގާޑިއޯލާ ބުނީ މިރޭ މި ނުކުންނަނީ މުޅިންއާ މެޗަކަށް ކަމަށާއި ކުރިން މެޗުތަކުގެ ނަތީޖާ އަކީ މާޒީ ކަމަށެވެ.
"ޔުނައިޓެޑަކީ އާދައިގެ ޓީމެއް ނޫން. ތަފާތު ސްޓައިލްގެ މޮޅު ކުޅުންތެރިން އެޓީމުގައި އެބަތިބި. ލީގުގައި ވެސް އެ ޓީމު އޮތީ ހާސްވާން ޖެހޭ ހިސާބެއްގައެއް ނޫން. އެއްމެ ހަ ޕޮއިންޓުގެ ފަރަގެއް އޮތީ. އެއީ ދެ މެޗުން ވެސް ބަދަލުވެދާނެ ކަމެއް،" ގާޑިއޯލާ ބުންޏެވެ.
މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން ކެވިން ޑިބްރޭނާ އާއި ޕަބްލޯ ޒަބަލޭޓާ އަށް ނުކުޅެވޭނެ އެވެ. ޑިބްރޭނާ އަކީ ލީގުގައި ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއާ އެވެ. ގާޑިއޯލާ ބުނީ މިރޭގެ މެޗުން ބަދަލުތަކެއް ފެންނާނެ ކަމަށެވެ.
"ބަދަލުތަކެއް ފެންނާނެ. އެކަމަކު މި މެޗަކީ ހާއްސަ މެޗެއް. ބަދަލު ގެންނާނީ ޓީމު މޮޅުކުރަން. ސިޓީގައި ބަދަލުގައި އަރަން ތިބި ކުޅުންތެރިންނަށް ވެސް ތަފާތު ދެއްކޭނެ،" ކުރިން ބާސެލޯނާ އާއި ބަޔާން އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.
މިރޭގެ މެޗުގައި ވެސް ސިޓީ އަށް ކުޅޭ އައިވަރީ ކޯސްޓް މިޑްފީލްޑަރު ޔާޔާ ޓޫރޭ އަށް ފުރުސަތު ނުދޭން ގާޑިއޯލާ ވަނީ ނިންމައިފަ އެވެ. ގާޑިއޯލާ އާއި ޓޫރޭ މައްސަލަ ޖެހުނީ މީޑިއާގައި ޓޫރޭގެ އެޖެންޓް ގާޑިއޯލާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ.
ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީ އެންމެ ފުރަތަމަ ކުޅުނު 10 މެޗުން މޮޅުވި ނަމަވެސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެންމެ މޮޅެއްވެސް ނުހޯދެ އެވެ.
ސިޓީ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy