ބްރެޒިލް އަންހެން ގައުމީ ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
06 ސެޕްޓެމްބަރ 2020 - 12:25
ސައޮޕައޮލޯ، ބްރެޒިލް (ސެޕްޓެމްބަރު 6) - ބްރެޒިލްގެ ފިރިހެން އަދި އަންހެން ގައުމީ ފުޓްބޯޅަ ޓީމަށް އެއްވަރުގެ މުސާރައެއް ދޭން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ބްރެޒިލްގެ އިތުރުން ފުޓްބޯޅަ ފެޑެރޭޝަން މެދުވެރިވެގެން ދެ ޖިންސުގެ ގައުމީ އަންހެން އަދި ފިރިހެން ޓީމަށް ހަމަހަމަ މުސާރައެއްދޭ ގައުމުތަކަކީ ނިއު ޒީލެންޑާއި އޮސްޓްރޭލިއާ އަދި ނޯވޭ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ރޮޖެރިއޯ ކާބޯކްލޯ ވިދާޅުވީ އަންހެން އަދި ފިރިހެން ގައުމީ ޓީމަށް އެއްވަރެއްގެ މުސާރަ އަކާއި ބޯނަސްތަކެއް ދޭން ނިންމީ ކުޅިވަރުގެ މައިދާނުގައި ގައުމީ ލެވަލްގައި ކުޅުންތެރިންނާ މެދު ހަމަހަމަ އުސޫލެއް ގެންގުޅުމުގެ ގޮތުންނެވެ. އަދި މިއީ، ބްރެޒިލް އަކީ ފުޓްބޯޅައިގެ ގައުމަކަށް ވާއިރު ކުރިއަށް އޮތް ޖީލުތަކުގެ މޮޅު ކުޅުންތެރިންނަށް ހަމަހަމަ އުސޫލުން ފުރުސަތުތައް ފަހިކޮށްދިނުމުގެ ވިސްނުމުގައި ކުރި ކަމެއް ކަމަށް ވެސް ކާބޯކްލޯ ވިދާޅުވި އެވެ.
"ބްރެޒިލް އަކީ ފުޓްބޯޅައިގެ ގެޔެއް. ގެޔެއްގައި ވެސް ހަަހަމަކަން އޮންނަންވާނެ. އަހަރެމެންނަށް މިހާރު އެ ފުރުސަތު މި ގާއިމްކޮށްދެވުނީ. މިއީ ފީފާ އިން ވެސް ބޭނުންވާ ކަމެއް. އަހަރެމެން މި ނިންމުން ނިންމީ ފީފާގެ ވެސް ލަފާގެ މަތިން،" ކާބޯކްލޯ ވިދާޅުވި އެވެ.
ގިނަ ގައުމުތަކުގެ އަންހެން ގައުމީ ޓީމުތަކުން އަންނަނީ ފިރިހެން ޓީމެކޭ އެއްވަރުގެ މުސާރައެއް ހޯދަން ޑިމާންޑްކުރަމުންނެވެ. އެކަމަކު އެ ވާހަކަތަކަށް ރަނގަޅު އިޖާބައެއް ނުލިބެ އެވެ. އެ ގޮތުން މިދިޔަ އަހަރު އެމެރިކާގެ ގައުމީ އަންހެން ޓީމުގެ ފަރާތުން ވަނީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާ ދެކޮޅަށް ހަމަހަމަ މުސާރަ އަކަށް ޑިމާންޑްކޮށް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ގިނަ ކަންތައްތަކެއް ބެލުމަށް ފަހު މި އަހަރު މެއި މަހު އެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލައިފަ އެވެ.
ހަމަހަމަ މުސާރައެއް ހޯދަން ބްރެޒިލް އަންހެން ޓީމުން ވާހަކަ ދައްކަން ފެށީ މި އަހަރު މާޗް މަހުގަ އެވެ. އެކަން ރަނގަޅަށް ދިރާސާކުރުމަށް ފަހު އެ ފުރުސަތު ދޭން ނިންމީ ސަރުކާރުގެ ލަފަޔާ އެކުގަ އެވެ. ރަސްމީކޮށް ހަމަހަމަ މުސާރަދޭން ފަށާނީ އަންނަ އަހަރު ބާއްވާ ބައިނަލްއަގުވާމީ މުބާރާތްތަކުން ފެށިގެންނެވެ. އެ ގޮތުން އަންނަ އަހަރު ޓޯކިޔޯ އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ހަަމަހަމަ މުސާރަ ދޭން ފަށާނެ އެވެ.
ބްރެޒިލްގެ ފިރިހެން ގައުމީ ޓީމަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ޓީމެވެ. ފަސް ފަހަރު ވޯލްޑް ކަޕް ހޯދާފައިވާއިރު، ނުވަ ފަހަރު ކޮޕަ އެމެރިކާގެ ތަށި ވަނީ އުފުލާލައިފަ އެވެ. ބްރެޒިލްގެ އަންހެން ޓީމުން ވަނީ 2007 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. އަދި އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުގައި ދެ ފަހަރެއްގެ މަތިން ރިހި މެޑަލް ހާސިލްކުރި އެވެ. އެއީ 2004 އާއި 2008 ވަނަ އަހަރު އެވެ.
ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުގެ އިސްނެގުމާ އެކީ މިދިޔަ އަހަރު ބްރެޒިލްގެ އަންހެން ފުޓްބޯޅަ މުބާރާތާއި ފިރިހެން ފުޓްބޯޅަ މުބާރާތުގެ ފައިސާގެ އިނާމް ވެސް ވަނީ އެ ވަރަކަށް ހަމަޖައްސައިފަ އެވެ.
ފީފާގެ އިސްނެގުމާ އެކު އަންހެން ފުޓްބޯޅަ ކުޅުންތެރިންގެ އާމްދަނީ ފިރިހެން ކުޅުންތެރިންނާ އެއް ހަމަ އަކަށް ގެނެވޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކްލަބް ލެވަލްގައި ފިރިހެން ކުޅުންތެރިންނަށް ލިބޭ މުސާރަ އަހަރުން އަހަރަށް އެތައް ގުނައަކަށް އިތުރުވަމުން އަންނާތީ އެއްވަރެއްގެ މުސާރަ ދިނުމަށް ކުރާ މަސައްކަތަށް ބޮޑު ހުރަސްތަކެއް އެބަހުއްޓެވެ. އެންމެ ފަހުން ފޯބްސް އިން ނެރުނު އެންމެ އާމްދަނީ ބޮޑު ކުޅުންތެރިންގެ ލިސްޓަށް ބަލާއިރު އަންހެން ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު މުސާރަ ލިބުނު ކުޅުންތެރިޔާ އާއި ފިރިހެން އެންމެ ބޮޑު މުސާރަ ލިބުނު ކުޅުންތެރިޔާއާ މެދު ބޮޑު ފަރަގެއް އުޅެ އެވެ. އެންމެ ބޮޑު މުސާރައެއް ލިބުނު ފިރިހެން ކުޅުންތެރިއަކީ 105 މިލިއަން ޑޮލަރު ހޯދި ރޮނާލްޑޯ އެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަންހެން ކުޅުންތެރިއަކީ އެމެރިކާގެ އަލެކްސް މޯގަން އަށެވެ. އޭނާގެ އާމްދަނީ އުޅެނީ 4.6 މިިލިއަން ޑޮލަރުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުކަލޯ
07 September 2020
ރޮމޭ އާއި ނަދުރުގެ ކޮމެންޓަށް 100 ޕަސެންޓް ތާއިދު. ދުނިޔޭގައި ފުޓްވޯޅައިގެ މަތީފެންވަރުގެ ކްލަބެއް ނޫނީ ގައުމީ ޓީމެއްގެ ފިރިހެނުންގެ ފުޓްބޯޅަ މެޗަކަށް ބައިލައްކައާއި އެއްލަކައާއި ދެމެދުގެ އަދަދަކަށް މީހުން ވަންނައިރު ހާދަ ފައިސާއެއް ހަމައެކަނި ޓިކެޓް ވިއްކައިގެން ލިބޭނެ. އަދި ކޮބަާ ސްޕޮންސަރުން. ދެން ބަލަމާ ބްރެޒިލްގެ އަންހެން ގައުމީޓީމުކުޅޭ ފުޓްބޯޅަ މެޗަކަށް ހަޔަގީން ދިހަހާސް މީހުންވެސް ނުވަންނާނެ. ދެންކިހިނެތް ފިރިހެނުންނާއި އެއްވަރުގެ މުސާރައެއްދޭނީ.
ރޮމޭ
06 September 2020
ފިރިހެނުނުގް ފުޓްބޯޅައާ އަންހެން ފުޓްބޯޅަ މުބާރާތްތަކުގެ ޓީވީ ރައިޓްސްއާ ޖާޒީއާ މާކެޓިންގްއަށް ބަލާލިޔަސް ތިޔަ ނިންމުން އިންސާފުވެރިއެއް ނޫން
ނަދުރު
06 September 2020
މިހެން މީ ދެން މާ އޯވަރ ވަނީ. ޓިކެޓު ވިއްކައިގެން އަދި ޖާރޒީ ވިއްކައިގެން އެންމެ ގިނަ ލާރި ލިބެނީ ފިރިހެނުންގެ ފުޓުބޯޅައިން. އެހެން ވީމަ ފިރިހެނުން ނަށް ބޭއިންސާފެއްނު. ދެން މިހެން ބުނީމަ ފެމިނިސްޓުން އަރާނެ ރަތަށް. އާނ އެހެންޏަ، މި މީހުން ކުޅޭތަން ބަލަން މަދުން މީހުން ވަދެގެން ކިތަންމެ މަދުން ލާރި ލިބުނަސް އެބަ ޖެހޭ ބޮޑުބައި ހޯދަން. ހަމަހަމަ ކަމޭ ކިޔައިގެން.
ރަބަރު
06 September 2020
ހަމަހަމަ ކަމުގެ ރީތި މިސާލެއް.