11 ސެޕްޓެމްބަރ 2020 - 10:41
މެންޗެސްޓާ (ސެޕްޓެމްބަރު 11) - މުޅި ދުނިޔެ އަށް ބެލިކަމުގައި ވިޔަސް މި ވަގުތު ހުރި އެންމެ މޮޅު މިޑްފީލްޑަރަކީ މެންޗެސްޓާ ސިޓީގެ ކެވިން ޑިބްރޭނާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
މިދިޔަ ސީޒަނުގައި 13 ގޯލުގައި ޖަހައި ޑިބްރޭނާ ވަނީ 20 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޕްރިމިއާ ލީގުން ހޮވި މިދިޔަ ސީޒަނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑިބްރޭނާ އަކީ ފާއިތުވި ތިން އަހަރަށް ބަލާއިރު ޕްރިމިއާ ލީގުގައި އެއް ލެވަލެއްގައި ތަފާތު ދައްކަމުން އައި ކުޅުންތެރިއެކެވެ.
ޑިބްރޭނާއާ ބެހޭގޮތުން ސިޓީން ތައްޔާރުކުރި ޑޮކިއުމެންޓްރީގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އޭނާގެ ކެރިއަރުގައި ކޯޗުކޮށްދިން އާދަޔާހިލާފު މޮޅު ކުޅުންތެރިންގެ ތެރޭގައި ޑިބްރޭނާ ހިމެނޭ ކަމަށެވެ.
"މި ވަގުތަށް ބަލާއިރު މުޅި ދުނިޔޭގައި ހުރި އެންމެ މޮޅު މިޑްފީލްޑަރަކީ އޭނަ (ޑިބްރޭނާ). މިއީ އެހެން ކުޅުންތެރިންނަށް ބުނެވޭ ދެރަބަހެއް ނޫން. ޑިބްރޭނާ ފެންވަރުގައި ކުޅޭ އެހެން މިޑްފީލްޑަރެއް މި ވަގުތު ނެތް،" ގާޑިއޯލާ ބުންޏެވެ.
އުމުރުން 29 އަހަރުގެ ޑިބްރޭނާ ބުނީ އޭނާގެ ކެރިއަރުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކުނީ ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކަމަށާއި ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަރައިގެން ދިއުމަށް ގާޑިއޯލާ ވަނީ ގިނަ ކަންތައްތަކެއް ދަސްކޮށްދީފައި ކަމަށެވެ.
ބެލްޖިއަމްގެ ގެންކުން 2008 ވަނަ އަހަރު ކެރިއަރު ފެށި ޑިބްރޭނާ އެންމެ ފުރަތަމަ ބަދަލުވީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ހަތް މިލިއަން ޕައުންޑަށް އިންގްލެންޑްގެ ޗެލްސީ އަށެވެ. ޗެލްސީއާ ގުޅުމަށް ފަހު ފުރަތަމަ ސީޒަން ލޯން އެއްބަސްވުމެއްގެ ދަށުން ހޭދަކުރީ ޖަރުމަނުގެ ވާޑާ ބްރެމެންގަ އެވެ. އެއް އަހަރު ފަހުން ޗެލްސީ އަށް އައި ނަމަވެސް ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ފުރުސަތު ނުލިބޭތީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު ޖަރުމަނުގެ ވުލްފްސްބާގަށް 18 މިިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ބަދަލުވި އެވެ.
ވުލްފްސްބާގުގައި ޑިބްރޭނާ ދައްކަމުން އައި މޮޅު ކުޅުން ފާހަގަވެ ސިޓީ އަށް އޭނާ ގެންދިޔައީ އެ ޓީމުގެ ކުރީގެ ކޯޗު މެނުއަލް ޕެލެގްރީނީ އެވެ. އެއީ ގާޑިއޯލާ ސިޓީގެ ކޯޗުކަމާ ހަވާލުވުމުގެ އެއް އަހަރު ކުރިންނެވެ. ސިޓީން ޑިބްރޭނާގެ ސޮއި ހޯދީ 55 މިލިއަން ޕައުންޑް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy