ލިވަޕޫލަށް ސޮއިކުރުމަށް ފަހު ތިއާގޯ ޖޯޒީ ދައްކާލަނީ.-- ފޮޓޯ: ލިވަޕޫލްއެފްސީ
19 ސެޕްޓެމްބަރ 2020 - 06:58
ލިވަޕޫލް (ސެޕްޓެމްބަރު 19) - އޭނާ ކުރިން ކުޅުނު ބާސެލޯނާ އާއި ބަޔާން މިއުނިކުގައި ހުރެ ކާމިޔާބު ހޯދި ގޮތަށް ލިވަޕޫލްގައި ވެސް ތަށި ހޯދަން ބޭނުންވާ ކަމަށް ދާދި ފަހުން އެ ޓީމަށް ސޮއިކުރި ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ ބުނެފި އެވެ.
އުމުރުން 29 އަހަރުގެ ތިއާގޯ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި ލިވަޕޫލަށް ސޮއިކުރީ 20 މިލިއަން ޕައުންޑް (26 މިލިއަން ޑޮލަރު) އަށެވެ. މި ފައިސާ ދައްކަން އެއްބަސްވީ ތިއާގޯގެ ކޮންޓްރެކްޓްގެ މުއްދަތް ކަމަށްވާ ހަތަރު އަހަރަށް ބަހާލައިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ކޮންޓްރެކްޓްގެ މުއްދަތުގައި ލިވަޕޫލްގައި ހުރެ ތިއާގޯ ހޯދާ ކާމިޔާބީތަކަށް ބެލުމަށް ފަހު ލިވަޕޫލުން އިތުރު 7 މިލިއަން ޑޮލަރު ދޭން ޖެހޭ ގޮތަށް ވަނީ އެއްބަސްވުމުގައި ހިމަނައިފަ އެވެ.
ހަތް އަހަރަށް ފަހު ތިއާގޯ ބަޔާން ދޫކޮށްލާނެކަން އެ ކްލަބަށް އެނގުމާ އެކު އޭނާ ހޯދަން ދެ ކްލަބަކުން މަސައްކަތްކުރި އެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލްގެ އިތުރުން ތިއާގޯގެ ކުރީގެ ކްލަބް ބާސެލޯނާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ރަސްމީކޮށް އޭގެން އެއްވެސް ކްލަބަކުން ތިއާގޯ ހޯދަން ބަޔާންއާ ވާހަކަ ނުދައްކަ އެވެ.
ތިއާގޯ ބުނީ ބަޔާންގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު ލިވަޕޫލަށް އަންނަން ނިންމީ އާ ޗެލެންޖެއް ނެގުމަށް ކަމަށެވެ.
"އަހަރުތައް ގުނަމުންދާއިރު ލިވަޕޫލް ވެސް ބޭނުންވާ ގޮތަށް ކާމިޔާބީތަކެއް ހާސިލްކުރުން އެއީ އަހަރެންގެ ވެސް އުއްމީދަކީ. އަހަރެންގެ ހުރިހާ އުއްމީދެއް ވެސް އޮތީ ކާމިޔާބު ހޯދުމަށް. ކުރިން ދެ ކްލަބްގައި ހޯދި ފަދަ ކާމިޔާބީ މި ޓީމުގައި ވެސް ހޯދަން ބޭނުން،" ތިއާގޯ ބުންޏެވެ.
ޖަރުމަނު ލީގުގެ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ތިއާގޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ލިވަޕޫލަށް ބަދަލުވުމުގެ އެއް ސަބަބަކީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕާ އެކު މަސައްކަތް ކުރުން ކަމަށް ތިއާގޯ ވަނީ ބުނެފަ އެވެ. ބަޔާނާ އެކު ޖަރުމަނު ލީގު ހަތް ފަހަރު، ޖަރުމަނު ކަޕް ހަތަރު ފަހަރު އަދި ކްލަބް ވޯލްޑް ކަޕާއި ޗެމްޕިއަންސް ލީގު ހޯދި ތިއާގޯ ލިވަޕޫލްގައި ބޭނުންކުރާނީ އޭނާ ބަޔާނުގައި ވެސް ލީ ހަ ނަމްބަރު ޖޯޒީ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުގައި ލިވަޕޫލްގެ ބެންޗުން ތިއާގޯ ފެނުމުގެ ފުރުސަތު އެބައޮތެވެ. ރިޕޯޓްތައް ބުނާގޮތުން ތިއާގޯ ލިވަޕޫލަށް ކުޅޭ ފުރަތަމަ މެޗަށް ވުމުގެ ފުރުސަތު ބޮޑީ އަންނަ ހަފްތާގައި އެންފީލްޑްގައި އާސެނަލާ ބައްދަލުކުރާ މެޗެވެ.
އަންނަ މަހުގެ ފަސް ވަނަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން އިތުރު ކުޅުންތެރިން ލިވަޕޫލާ ގުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ލިވަޕޫލްގެ ކޯޗު ކްލޮޕް ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން އަންނަނީ ވުލްވްސް އަށް ކުޅޭ އުމުރުން 23 އަހަރުގެ ޕޯޗުގީސް ފޯވާޑް ޑިއޯގޯ ޔޮޓާ ގެންނަން މަޝްވަރާ ކުރަމުންނެވެ. ޔޮޓާ ގެންނަން ވުލްވްސް އަށް 41 މިލިއަން ޕައުންޑް ދޭން ލިވަޕޫލުން ނިންމާފައިވާއިރު، އޭގެ ކުރިން ލިވަޕޫލްގެ ޒުވާން ޑިފެންޑަރު ކި-ޔާނާ ހޮއެވާ ނުވަ މިލިއަން ޕަައުންޑްގެ އަގަކަށް ވުލްވްސް އަށް ވިއްކާލަން އަންނަނީ މަސައްކަތްކުރަމުންނެވެ. މި ދެ ޑީލް ކުރިއަށް ގޮސްފިނަމަ ލިވަޕޫލުން ޔޮޓާ ގަންނަން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ހަމައެކަނި ދައްކާނީ ޕޭމަންޓްގެ 10 ޕަސެންޓް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަނެއް ބައި ދައްކާނީ އަންނަ އަހަރު އެވެ.
ތިއާގޯ އަކީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލަށް ބަދަލުވި ދެ ވަނަ ކުޅުންތެރިޔާ އެވެ. ލިވަޕޫލުން ވަނީ އޮލިމްޕިއާކޯސް އަށް ކުޅުނު ގްރީސްގެ ވާތު ބެކް ކޮސްޓަސް ސިމިކާސް ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލާސާނީ
19 September 2020
ކުޅުންތެރިން ގެންނަން ޗެލްސީން ކުރާ ވަރުގެ ހަރަދެއް ލިވަޕޫލުން ނުކުރާނެ.