ފީފާ އިން މި މަހު 18 ވަނަ ދުވަހު ބޭއްވި ކޮންގްރެސްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
26 ސެޕްޓެމްބަރ 2020 - 09:55
ޖެނީވާ، ސްވިޒަލެންޑް (ސެޕްޓެމްބަރު 26) - ފީފާގެ އެންގުމަކަށް ބެލުމެއް ނެތި ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ފުޓްބޯޅަ އެސޯސިއޭޝަން (ޓީޓީއެފްއޭ)ގެ މައްސަލައެއް އެ ގައުމުގެ ހައި ކޯޓުގައި ކުރިއަށްގެންދާތީ އެ ގައުމު ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކުރަން ފީފާ އިން ނިންމައިފި އެވެ.
މި އަހަރު މާޗް މަހު ޓީޓީއެފްއޭ މައްސަލައިގައި ފީފާ އިން ވަނީ އެ ގައުމުގެ ފުޓްބޯޅަ ހަމަމަގަށް އަޅުވަން ގިނަ ނިންމުންތަކެއް ނިންމައިފަ އެވެ. އެ ގޮތުން ޓީޓީއެފްއޭގެ ކުރީގެ ރައީސް ވިލިއަމް ވަލަސްއާ ގުޅުންހުރި ގިނަ މައްސަލަތަކެއް ފެންމަތިވުމާ އެކު ފީފާ އިން ނިންމީ ޓީޓީއެފްއޭ ހިންގުން ހަރުދަނާކޮށް ފީފާގެ އަސާސީ ގަވާއިދަށް ފައްތައިގެން ކުރިއަށްގެންދަން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރާށެވެ.
ފީފާގެ އެ ނިންމުމާ ދެކޮޅަށް ވަލަސް ވަނީ ޓްރިނިޑާޑް ހައި ކޯޓަށް މައްސަލަ ވައްދައިފަ އެވެ. އޭނާ މައްސަލަ ވެއްދީ ޓީޓީއެފްއޭ ހިންގުން ނޯމަލައިޒިން ކޮމިޓީއާ ހަވާލުކުރަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށާއި އޭނާ އަމަލުކުރަނީ ޓްރިނިޑާޑް އާއި ޓީޓީއެފްއޭގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ.
ބުރާސްފަތި ދުވަހު ފީފާ އިން ޓްރިނިޑާޑަށް އެންގީ ޓީޓީއެފްއޭ ރީތި އުސޫލުގެ ތެރެއިން ހަމަމަގަށް ގެންނަން ކުރި މަސައްކަތް ކާމިޔާބުނުވި ކަމަށާއި އެހެންކަމުން އުނދަގޫ ނިންމުމެއް ނަމަވެސް މި ވަގުތު ޓީޓީއެފްއޭ ސަސްޕެންޑްކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ގައުމުގެ ސަސްޕެންޝަން ނަގައި ކުރީގެ ހާލަތަށް ދެވެން އޮތީ ނޯމަަލައިިޒިން ކޮމިޓީގެ ބެލުމުގެ ދަށުގައި އެސޯސިއޭޝަންގެ ކަންތައްތައް ރަނގަޅުކޮށް ޓީޓީއެފްއޭގެ އަސާސީ ގަވާއިދު ފީފާގެ އަސާސީ ގަވާއިދާ ފުށުނާރާގޮތަށް އެކުލަވާލައި އެ ފާސްކޮށްގެން ކަމަށް ބުނެފައިވެ އެވެ.
ފީފާ އިން ބުނީ ޓްރިނިޑާޑް ސަސްޕެންޑްކުރަން މަޖުބޫރުވީ ކަންތައްތައް ހައްލުކުރަން ދިން ދެ މުހުލަތު ހަމަވީއިރު ވެސް ކޯޓުން މައްސަަލަ ނުނެގުމުންނެވެ. ފުރަތަމަ މި މަހުގެ 16 އަށް މުހުލަތެއް ދިނުމަށް ފަހު ފަހުން އިތުރުކުރީ 23 ގެ ނިޔަލަށެވެ. އެ ދެ ތާރީހު ފަަހަނައަޅައި ދިޔައިރު ވެސް ޓީޓީއެފްއޭގެ ކުރީގެ ރައީސް ވަލަސް ކޯޓުން މައްސަލަ ނުނެގި އެވެ.
މިހާރު އޮތްގޮތުން ފީފާގެ ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އަށް ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ޓްރިންޑާޑްގެ ވޯލްޑް ކަޕް ކޮލިފައިން މެޗު ނުކުޅެވޭނެ އެވެ. އެ ދުވަހު ޓްރިނިޑާޑް ކުޅޭ ގޮތަށް އޮތީ ގުޔާނާއާ އެވެ.
ފީފާ އިން ޓްރިނިޑާޑް ސަސްޕެންޑްކޮށްފައިވީ ނަމަވެސް އަންނަ އަހަރު ބާއްވަން ނިންމާފައިވާ ގޯލްޑް ކަޕްގައި އަދިވެސް އެ ޓީމު އޮތީ ހިމަނައިފަ އެވެ. އެ ޓީމަށް އެ މުބާރާތުގެ ޖާގަ ގެއްލޭނީ މި އަހަރު ޑިސެމްބަރު 18 ގެ ކުރިން ފީފާގެ ސަސްޕެންޝަން ނުނަގައިފިނަމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy