އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ހޮއްވެވި ފަނޑިޔާރު އަމީ ކޮނޭ ބަރެޓް
27 ސެޕްޓެމްބަރ 2020 - 09:32
ރިޔާސީ އިންތިހާބު ގާތްގަނޑަކަށް މަހަކަށް ކައިރިވި އިރު، އެމެރިކާގެ ދެ ޕާޓީގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރޭގައި ހުސްވި ސުޕްރީމް ކޯޓުގެ ގޮނޑިއަށް، އަންހެން ފަނޑިޔާރެއް ކަމަށްވާ އަމީ ކޮނޭ ބަރެޓްގެ ނަން، ރައީސް ޑޮނަލްޑް ޓްރަމްޕް، ސެނެޓަށް ފޮނުއްވައިފި އެވެ.
ރައީސްގެ ހޮވުމަކީ އެމެރިކާގެ އާންމުންގެ މެދުގައި ހިޔާލު ތަފާތު ބައެއް މައުލޫއުތަކުގައި ކްރިސްޓިއަން ދީނުގެ ވިސްނުން އިސްކުރައްވާނެ ކަމަށް ބެލެވޭ، ބަރެޓްކަން އިއުލާންކުރެއްވުމާއި އޭނާއާ ބައްދަލުކުރެއްވުން އޮތީ ވައިޓް ހައުސްގަ އެވެ. މި ބައްދަލުވުމުގައި ބަރެޓްގެ ހަތް ދަރިން ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި ހައިޓީން ގެެނެސްގެން ބޮޑުކުރައްވަމުން ގެންދަވާ ދެ ކުދިން ވެސް ހިމެނެ އެވެ.
އެމެރިކާގެ ނުފޫޒު ގަދަ ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވީ، ލިބަރަލް ވިސްނުމުގެ އަދި އަންހެނުންގެ ހައްގުތަކަށް ކެރިގެން މަސައްކަތްކުރެއްވި ފަނޑިޔާރު ރުތު ބޭޑާ ގިންސްބާގު، އުމުރުން 87 އަހަރުގައި އަވަހާރަވުމުންނެވެ. މިއީ އެމެރިކާ އިން ފެނުނު އަންހެން އެންމެ ވަރުގަދަ ފަނޑިޔާރުންގެ ތެރެއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.
އެމެރިކާގެ ސުޕްރީމް ކޯޓަށް އައްޔަންކުރާ ފަނޑިޔާރުންގެ ނަން ކަނޑައަޅަނީ ރައީސް އެވެ. އެކަމަކު ފަނޑިޔާރުކަމަށް އެ މީހަކު ހޮވޭނީ ސެނެޓުން އެ ނަން ފާސްވެގެންނެވެ. މިއީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރަން ޓްރަމްޕަށް ފުރުސަތު ލިބިވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. އެމެރިކާގެ ތާރީހުގައި ވެސް، ރައީސެއްގެ ހަތަރު އަހަރުގެ ފުރަތަމަ ދައުރުގައި ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރަން ތިން ފުރުސަތު ލިބިވަޑައިގެންނެވީ ވަރަށް މަދުންނެވެ.
ސެނެޓްގެ އަގުލަބިއްޔަތު އޮތީ ޓްރަމްްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއަށެވެ. ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހު އަހަރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަވަހާރަވުމުން އެ ގޮނޑިއަށް އޭނާ ފޮނުއްވި ނަން، ރިޕަބްލިކަން ޕާޓީގެ ކޮންޓްރޯލް އޮތް ސެނެޓުން ހިފެހެއްޓީ، ރިޔާސީ އިންތިހާބުގެ އަހަރު އެ ފުރުސަތު އިންތިހާބު ކާމިޔާބުކުރައްވާ ކެންޑިޑޭޓަކަށް ދޭން ޖެހޭނެ ކަމަށް ބުނެ އެވެ. ނަމަވެސް މި އަހަރުގެ ރިޔާސީ އިންތިހާބު އެހާ ކައިރިވެފައި އޮއްވާ ވެސް، ސެނެޓްގެ ހަމަ އެ މެމްބަރުން ވަނީ ކުރީގެ ސިޔާސަތު ބަދަލުކޮށް، ނޮވެމްބަރު 3 ގައި އޮންނަ ވޯޓުގެ ކުރިން، ފަނޑިޔާރަކު އައްޔަންކުރަން ނިންމަވައިފަ އެވެ. އެކަމާ ދެކޮޅު ހެއްދެވީ ރިޕަބްލިކަން ޕާޓިގެ އެންމެ ދެ މެމްބަރުންނެވެ. ނަމަވެސް އެ ދެ ބޯޓު ނުލާ ވެސް، ރިޕަބްލިކަން ޕާޓީއަށް 51 ވޯޓު ލިބޭނެ ކަމަށް ބެލެވެ އެވެ.
ސެނެޓުގައި އެ ޕާޓީގެ މެޖޯރިޓީ އޮންނަނީ 53 ވޯޓުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަން ފާސްކުރުރަން ބޭނުންވަނީ ސިމްޕަލް މެޖޯރިޓީ ކަމަށް ވާ، 51 ވޯޓެވެ.
ބަރެޓް ތައާރަފުކުރައްވަމުން ޓްރަމްޕް ވިދާޅުވީ މިއީ ހަޔާތުގައި ވަރަށް ބޮޑެތި ކަންކަން ހާސިލްކުރައްވާފައިވާ ފަނޑިޔާރެއް ކަމަށެވެ. އަދި "ގާނޫނުއަސާސީއަށް ހުރިހާ ގޮތަކުން ވެސް ތެދުވެރިވާނެ" ކަމަށް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން، ސެނެޓްގެ މެމްބަރުންނަށް ގޮވާލެއްވީ އިންތިހާބުގެ ކުރިން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އިސްނުކުރުމަށެވެ.
"އެމެރިކާގެ ގާނޫނުއަސާސީ ތައްޔާރުކޮށްފައި ވަނީ ސުޕްރީމް ކޯޓުގައި ހިދުމަތްކުރާ މީހަކު ކަނޑަައަޅަން ރައްޔިތުންގެ އަޑު ވެސް އަހަން. މިއީ އެ ވަގުތު. އެހެންކަމުން އެ ފުރުސަތު ދޭން ޖެހޭނެ،" ރިޔާސީ އިންތިހާބަށް ނިސްބަތްކުރައްވާ، ބައިޑަން ވިދާޅުވި އެވެ.
ބަރެޓް އައްޔަންކޮށްފި ނަމަ ސުޕްރީމް ކޯޓުގައި ކޮންޒަވޭޓިވް ވިސްނުމުގެ ހަ ފަނޑިޔާރުން އަދި ލިބަރަލް ހިޔާލުގެ ތިން ފަނޑިޔާރުން ތިއްބަވާނެ އެވެ. ރިޕަބްލިކަން ޕާޓީއަކީ ބަޑި ގެންގުޅުމުގެ ހައްގު ހިމާޔަތްކުރަން ވަކާލާތު ކުރާ ޕާޓީއެކެވެ. އަދި ސަރުކާރުން އެއްވެސް ބަޔަކަށް ހެލްތު އިންޝުއަރަންސް ދޭން ވެސް ދެކޮޅެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ މެޖޯރިޓީ، އެ ވިސްނުމުގެ ފަނޑިޔާރުންނަށް ލިބިއްޖެ ނަމަ، އޮބާމާގެ ވެރިކަމުގައި ފާސްކުރި "އޮބާމާކެއާ"ގެ ނަމުން މަޝްހޫރު އިންޝުއަރެންސް ގާނޫނު އުވާލުމުގެ ފުރުސަތު އެބަ އޮތެވެ. އެ ގާނޫނު އުވާލުމަކީ ޓްރަމްޕްގެ އެންމެ ބޮޑު އެއް އުއްމީދެވެ. މިހާރު މައްސަލަ އޮތީ ވެސް ސުޕްރީމް ކޯޓުގަ އެވެ.
އޮބާމާކެއާ ގާނޫނު އުވާލައިފި ނަމަ 20 މިލިއަނަށް ވުރެ ގިނަ މީހުންނަށް ހެލްތު އިންޝުއަރެންސް ގެއްލޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
27 September 2020
ޑިމޮކްރެސީ މީީ ބޭއިންސާފް. އެގޮތަށް ވިސްނެނީ. ޑިމޮކްރަސީ އަކީ ޚުދުމުޚްތާރު.
ވިސްނާފައި
27 September 2020
ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަން ކުރުމަށް އެމެރީކާގެ ރައީސް ޓްރަމްޕް އަށް އެލިބުނީ އެއްމެ ތިން ފުރުސަތު ތާއެވެ؟ އެއީ ރެކޯޑެެއް ތާއެވެ؟ ދިވެހި ރާއްޖޭގައި ކޮންމެ ރައީސަކަށް މުޅި ބެންންޗް ބަދަލު ކޮށް ލާން "ފުރުސަތު ލިބެ" އެވެ. ތިބި ބަޔަކު "ފުޑުފުޑު" ކޮށްލާފައެވެ. ޑިމެކްރެސީ އަކީ މިއީ ނޫން ތޯއެވެ؟
ައަހުމަދު
27 September 2020
ތީވަރަށްބޮޑު ތެދެއް ހިޔެއްނުވޭ އެއްވެސްޤައުމެގައި މިޤައުމުގައި އެހަދަގޮތްހަދާހެން މިޤައުމުގައި އޮންނަނީ އަދުލު އިންސާފެއްނުން ރައީސުންގެ އިންސާފު.
ކިހާ ދެރަ
27 September 2020
ކޮންމެ ވެރިކަމެއްގައި ވެސް ޕާޓީ ފިކުރު އެއްގޮތް މީހުން ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް ޢައްޔަން ކުރަން މި އުޅެނީ ކީއްކުރަން ބާއެވެ. އަދުލު އިންސާފުން ހުކުމް ކުރިއަ ނުދޭން ބާއެވެ. އަދުލު އިންސާފުގެ ނަމުގަ އި ބުނާ ގޮތަށް ހުކުމް ކުރަން ކުރާނެ ބަޔަކު ކޯޓް ތަކަށް ލާން ބާއެވެ.
އިބިލީސް
27 September 2020
އަހަންނަކަށް ވެސް ނޭނގެ. މިޔަށް ކިހިނެއް ޑިމޮކޮރޮސީ ކިޔެނީ، ފަނޑިޔާރުގެއަށް ބޭނުން އެއްޗެއް މިހެދެނީ، ހާދަ ހެއްވާ ސިސްޓަމެކޭތީ