23 ނޮވެމްބަރ 2020 - 11:20
އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ސެންޓްރަލް ޒޯން އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވަމުން އަންނަ ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިން ކޮމިޓީ އަށް އައްޔަންކޮށްފި އެވެ.
މިދިޔަ އަހަރު ޖޫން މަހުން ލަތީފްގެ ލީޑަޝިޕާ ގުޅޭ މައްސަލަތަކެއް ބަލައި ކޮމިޝަނާ އޮފް ސްޕޯޓްސް ހިނާ އަހުމަދު ސަލީމް (ބޮޑުހީނާ) ވަނީ ލަތީފްގެ ލީޑަޝިޕް އުވާލައި ނޯމަލައިޒިން ކޮމިޓީއަކާ އެސޯސިއޭޝަން ހިންގުން ހަވާލުކޮށްފަ އެވެ. ނޯމަލައިޒިން ކޮމިޓީގެ ދައުރު ހަމަވީ ވީއޭއެމްގެ އިންތިހާބެއް ނުބޭއްވި އެވެ. އޭގެ ފަހުން ކްލަބްތަކުން އިސްވެ ލަތީފްގެ އިތުބާރު ނެތްކަމަށް ފާސްކޮށް އެސޯސިއޭޝަން ހިންގުން ތިން މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކުރި ނަމަވެސް ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުން އަދިވެސް ވީއޭއެމްގެ ކަންތައްތަކުގައި މުއާމަލާތްކުރަނީ ލަތީފްއާ އެވެ.
މިިދިޔަ މަހުގެ ތެރޭގައި އޭވީސީގެ ސެންޓްރަލް ޒޯންގެ ރައީސްކަމަށް ލަތީފް އިންތިހާބުކުރިއިރު، އޭވީސީގެ ޑިވެލޮޕްމަންޓް އެންޑް މާކެޓިން ކޮމިޓީގެ މެމްބަރުކަމަށް ލަތީފް އައްޔަނުކުރީ މި މަހު ނުވަ ވަނަ ދުވަހު ބޭއްވި އޭވީސީގެ ބޯޑް މެމްބަރުންގެ ބައްދަލުވުމުގަ އެވެ. ކޮމިޓީގައި ލަތީފްގެ ދައުރަކީ 2020-2023 އެވެ.
އޭވީސީ މާކެޓިން ކޮމިޓީގެ އަކީ މި ބައްރުގައި ވޮލީބޯޅަ ޑިވެލޮޕްކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކޮމިޓީ އެކެވެ. އެ ކޮމިޓީގެ ފަރާތުން އޭޝިއާގެ ވޮލީބޯޅައިގެ ޑިވެލޮޕްމަންޓަށް ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން އޭވީސީ ބޯޑަށް ލަފާދިނުމާއި ވޯލްޑް ވިޝަން 2008ގެ ޕްރޮޖެކްޓްގެ ތެރެއިން ވޮލީބޯޅައިގެ ޑިވެލޮޕްމަންޓް އަދި މާކެޓިން މަސައްކަތްތައް ކުރުމުގައި މެމްބަރު އެސޯސިއޭޝަންތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން ވޮލީބޯޅައިގެ ޑިވެލޮޕްމަންޓާއި މާކެޓިން ސެމިނާތަކުގައި އެހީތެރިވުން ފަދަ މުހިއްމު ކަންތައްތައް ހިމެނެ އެވެ. އަދި އޭވީސީގެ ރައީސް އާއި އެގްޒެކްޓިވް ޑިރެކްޓަރުންނާ ގުޅިގެން ސްޕޮންސަރުންނާ އެކު ޑިވެލޮޕްމަންޓުގެ މަސައްކަތްކުރުން ވެސް ހިމެނެ އެވެ.
ލަތީފް ވަނީ ވީއޭއެމްގެ ކަންތައްތަކާ ގުޅޭގޮތުން ކުރިމަތިވެފައިވާ ހިތްހަމަނުޖެހުން ހައްލުކޮށް ވޮލީބޯޅައިގެ މަސްލަހަތު ރަނގަޅުކުރަން ދާދި ފަހުން ގޮވާލައިފަ އެވެ. ވީއޭއެމްގެ މައްސަލަތަކަށް ހައްލެއް ހޯދަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނާ (އެފްއައިވީބީ) އެކު ރާއްޖޭގެ މިނިސްޓަރު މަހުލޫފް ވަނީ މިދިޔަ ނޮވެމްބަރު މަހު ސްވިޒަލެންޑްގައި މަޝްވަރާކުރައްވައިފަ އެވެ. އެ ފަހަރު ބޭއްވުނު މަޝްވަރާތަކަށް ފަހު އެފްއައިވީބީން ވަނީ ވީއޭއެމްގެ ކަންތައްތަކަށް ދެމެހެއްޓެނިވި ހައްލެއް ގެންނަން ހާއްސަ ކޮމިޓީއެއް އެކުލަވާލައި މަސައްކަތްތަކެއް ފަށައިފަ އެވެ. އެ ކޮމިޓީގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ލަތީފް ފަރާތުން މެމްބަރެއް ހިމެނެ އެވެ. އެނގިފައިވާ ގޮތުގައި އެ ކޮމިޓީގެ މަސައްކަތް ރަނގަޅު ސްޕީޑެއްގައި ކުރިއަށްދަނިކޮށް ކޮވިޑް-19ގެ ކަންތައްތައް ދިމާވެގެން މަސައްކަތްތައް އޮތީ މަޑުޖެހިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެންތާ ؟
24 November 2020
މާލޭ ގޮލާމެނަށް ތިމަޤާމް ގައި އެހެން ރަށެއްގެ މީހަކު ހުރީމަ ކަމުނުގޮސްގެން އުޅެނީ. މަރޭ އާއި ޝަވީދު އާއި ވެސް ޖައްސާލައިގެން އުޅެނީ އެހެންވެ.
ކަތީބު.
25 November 2020
ތިއީ ތެދެއް.
Happy
23 November 2020
ޢަހަރުމެން ދިވެހިން ބަލައްނުގަން ތި ވޮލީ އެސޯސިއޭޝަންގެ ރައީސކަމށް... ތި ރާއްޖޭގެވޮލީ ހަލާކަށް ވައްޓާލީމީޙާ! ޥޮލީ އަށް ލިބިފައިހުރިބިންތަށް ދޫކޮށްލިމީހާ.. ކުލަބުތަކަށް ދޭ ފައިސާ ހުއްޓާލިމީހާ..އަތޮޅު މުބަާރާތް ހުއްޓާލިމީހާ.. ޔޑޕ އެއްވެސްކަމެއް ނުހިންގާ!!?
ާއެންޑިޔޫ
23 November 2020
ލަތީ ނުފޫޒު ބޭނުންކޮށްގެން އެކި ކޮމިޓީތަކަށް ހޮވެނީ...ބޯޑު މެންބަރަކަށްވެސް ހޮވުނީ ނުފޫޒުން..ކޮރަޕްޓްވެގެން.....ތިކޮންމެ މަގާމެއްލިބުނަސް ދެނެއްއެސޯސިއޭޝަންގެ ރައީސްކަމެއްނުލިބޭނެ.. ރާއްޖޭގެ ވޮލީގެ ހަލާކުތީ!
ބޮލީ
23 November 2020
ތިއީ ކުޅޭ ޗަރުކޭހެއް. ނުފޫޒު ބޭނުންކޮށްގެން އެކި ކޮމިޓީތަކައް ހޮވެނީ. ކިތަންމެ ގިނަ މަގާމެއް ހޯދިޔަސް ރައްޔިތުން ބަލައިނުގަންޏާ ހުންނަންޖެހޭނީ ދުރުގައި.