އާސެނަލްގެ ކޯޗު އާޓެޓާ (ކ) އާއި އޮބާމަޔަން މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ތަށި ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
11 ޖެނުއަރީ 2021 - 11:06
ލަންޑަން (ޖެނުއަރީ 11) - ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން މި ފަހަރުގެ އިނގިރޭސި އެފްއޭ ކަޕްގެ އިނާމް ފައިސާ ކުޑަކުރަން ނިންމައިފި އެވެ.
ކޮވިޑް-19 ގެ ސަބަބުން އެފްއޭ ކަޕަށް އެންމެ ބޮޑު އުނދަގޫތަކެއް ކުރިމަތިވަނީ މާލީ ގޮތުންނެވެ. އެގޮތުން ސްޕޮންސަރުންގެ ފަރާތުން ލިބޭ ފައިސާ މަދުވުމުގެ އިތުރުން މެޗުތަކަށް ސަޕޯޓަރުން ނުވައްދައި ކުޅެން ޖެހޭތީ އާމްދަނީ ވަނީ އެތައް ގުނައެއް ދަށަށް ގޮސްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން އިނގިރޭސި އެފްއޭ އިން މިހާރު ނިންމާފައިވަނީ އެފްއޭ ކަޕްގެ ކޮންމެ ބުރެއްގެ އިނާމް ފައިސާ ދެބައިކުޅަ އެއްބައި މަދުކުރާށެވެ. އެ ގޮތުން މިދިޔަ ސީޒަނުގައި ޗެމްޕިއަންކަން ހޯދި އާސެނަލަށް 6.8 މިލިއަން ޕައުންޑް ލިބުނުއިރު، މި ފަހަރުގެ ޗެމްޕިއަން ޓީމަށް ލިބޭނެ ކަމަށް އަންދާޒާކުރަނީ 3.4 މިލިއަން ޕައުންޑެވެ.
އެކި ބުރުތަކުގެ އިނާމް ފައިސާ އަށް ބަލާއިރު ސެމީ ފައިނަލަށް ދަތުރުކުރާ ކޮންމެ ޓީމަކަށް މަދުވެގެން 900،000 ޕައުންޑް ލިބެ އެވެ. އެއީ ސެމީން މޮޅުވާ ޓީމަކަށް 1.8 މިލިއަން ޕައުންޑް އަދި ސެމީން ބަލިވި ނަމަވެސް 900،000 ޕައުންޑެވެ. އެކަމަކު ގެނެވުނު ބަދަލާ އެކު މިހާރު ސެމީން މޮޅުވާ ޓީމަކަށް ލިބޭނީ 900،000 ޕައުންޑެވެ. ބަލިވާ ޓީމަކަށް ދޭނީ 450،000 ޕައުންޑެވެ.
ރިޕޯޓްތައް ބުނާގޮތުން ކޮވިޑް-19ގެ ވެކްސިން ޖެހުމުގެ ކަންތަައްތައް ކުރިއަށްދާ ގޮތަކުން ފުރުސަތު ލިބުނުހާ އަވަހަކަށް ދަނޑުތަކަށް ސަޕޯޓަރުން ވައްދާނެ އެވެ. އަދި އެކަށީގެންވާ އަދަދަކަށް ސަޕޯޓަރުން މެޗުތަކަށް ވެއްދިއްޖެނަމަ އިނާމް ފައިސާގެ ކަންތައްތައް އަލުން މުރާޖާކުރުމަށް ފަހު ބަދަލެއް ގެނެވެން އޮތްނަމަ ގެންނާނެ އެވެ.
ޕްރިމިއާ ލީގުގެ ބޯޑުން ވެސް އަންނަނީ ލީގުގެ އިނާމް ފައިސާތަކަށް ބަދަލުތަކެއް ގެންނަން މަޝްވަރާތަކެއް ކުރަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި އަންނަ މަސް ތެރޭ އެކަމަށް ގޮތްތަކެއް ކަނޑައެޅިގެންދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy