އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކާ ގުޅިގެން އދ.ގައި ބަހުސް ކުރަނީ -- ފައިލް ފޮޓޯ
28 މެއި 2021 - 17:57
މިމަހުގެ 10 ން ފެށިގެން 11 ދުވަސް ވަންދެން މެދުނުކެނޑި، އިޒްރޭލުން ފަލަސްތީނުގެ ގާޒައަށް ދިން އުދުވާނީ ހަމަލާތަކީ ހަނގުރާމައިގެ ޖަރީމާތަކަކަށް ވެދާނެ ކަމަށް، އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ހައި ކޮމިޝަނަރ މިޝޭލް ބާޝަލޭ މިއަދު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނާއި އިސްލާމީ ގައުމުތަކުގެ އެދުމަކަށް، ބޭއްވި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ޚާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މިޝޭލް ވިދާޅުވި ގޮތުގައި އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ އާއި އިރުމަތީ ގުދުސްގެ އިތުރުން ހުޅަނގު އައްސޭރިން ފަލަސްތީނުގެ 270 މީހުން ޝަހީދުވެފައިވާ ކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. އޭގެ ތެރޭގައި 68 ކުޑަކުދިން ވެސް ހިމެނެ އެވެ.
އިޒްރޭލުގެ މި އުދުވާނަކީ ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ ފަދަ އަމަލެއް ކަމަށް ވާތީ، މި އުދުވާނުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ހާއްސަ ކޮމިޝަނެއް އުފެއްދުމަށް ވެސް، އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް، މިޝޭލް ގޮވައިލެއްވި އެވެ. އަދި އެއީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވާ ނަމަ، އެކަމުގައި ޝާމިލްވާ ބަޔަކު ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިޝޭލް ވިދާޅުވި ގޮތުގައި ފަލަސްތީނުގެ އާންމުން ދިރިއުޅޭ ގެތަކަށާއި އިމާރާތްތަކަށް ހަމަލާ ދިނީ، އަސްކަރީ ކަންކަމުގައި އެތަންތަނުގެ ބޭނުން ހިފާތީ ކަމަށް އިޒްރޭލުން ބުންޏަސް، ހަމަލާ ދިން އެއްވެސް އިމާރާތެއް، އަސްކަރީ ކަމަކަށް ބޭނުންކުރި ކަމުގެ އެއްވެސް ހެއްކެއް ނެތެވެ.
"އިޒްރޭލުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށާއި މަދަނީ ތަންތަނަށް ހަމަލާ ދިނީ، އެއްވެސް ހަމައެއްލަމައެއް ނެތި، އަދި ހާލަތާ ނުބައްދަލު ގޮތެއްގައި ކަން ސާބިތުވެއްޖެ ހާލަތެއްގައި، އެއީ ހަނގުރާމައިގެ ޖަރީމާއަކަށް ވެގެންދާނެ."
އޭނާ ވިދާޅުވި ގޮތުގައި ކުރިމަތިލުންތައް ފެށިގެން ދިޔައީ، ފަލަސްތީނު މީހުން ކުރި އިހުތިޖާޖުތަކާއި އެކަން ހުއްޓުވުމަށް އިޒްރޭލުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުންނެވެ. އެންމެ ފުރަތަމަ އިރުމަތީ ގުދުސުން ފެށުނު މި ހަމަނުޖެހުންތައް ފުޅާވަމުން ގޮސް، އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ އެހެން ސަރަހައްދުތަކަށް ވެސް އަދި އިޒްރޭލަށް ވެސް ފެތުރުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަސްކަރީ އަމާޒަކަށް ނުވަތަ މަދަނީން އުޅޭ ތަނަކަށް ބެލުމެއް ނެތި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކަކީ ވެސް، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ވެސް މިޝޭލް ވިދާޅުވި އެވެ. އަދި އިޒްރޭލުން ގާޒާއަށް ދިން މިސައިލާއި ބޮމުގެ ހަމަލާތަކުގައި އާންމުންގެ އެތައް ބަޔަކު ޝަހީދުވެ، ޢާންމުން ދިރިއުޅޭ ގެދޮރަށާއި އެހެން އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ ތެރޭގައި، ފަލަސްތީނު ސަރުކާރުގެ އިމާރާތްތައް ހިމެނޭ. މީހުން ދިރިއުޅޭ ގެތަކާއި އެޕާޓްމަންޓް އިމާރާތްތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަން ހިމެނޭ. އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަގުވާމީ އިދާރާތަކުގެ އިމާރާތްތަކާއި ނޫސްވެރިކަމާ ގުޅުން ހުރި ތަންތަން ހިމެނޭ. ހޮސްޕިޓަލަށް ދިޔުން ފަދަ، އަސާސީ ހިދުމަތްތައް ހޯދުމަށްޓަކައި ރައްޔިތުން ދަތުރުކުރަން ބޭނުންކުރާ މަގުތައް ވެސް ހިމެނޭ،" މިޝޭލް ވިދާޅުވި އެވެ.
މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން 11 ދުވަސް ވަންދެން އިޒްރޭލުން ގާޒާއަށް ދިން މިސައިލާއި ބޮމުގެ ހަމަލާތަކުގައި، ފަލަސްތީނުގެ 270 މީހުން ޝަހީދުވި އެވެ. އޭގެ ތެރޭގައި 68 ކުޑަކުދިންނާއި 39 އަންހެނުން ހިމެނެ އެވެ. މީގެ އިތުރުން 1948 މީހަކު ޒަޚަމްވި އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 17،000 އަށް ވުރެ ގިނަ ގެ ވަނީ ދިރިނުއުޅުވޭ ވަރަށް ހަލާކުވެފަ އެވެ. އޭގެ އިތުރުން 14،500 އަށް ވުރެ ގިނަ ގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އޮފީސްތަކާއި އެޕާޓްމަންޓްތައް ހުންނަ އެތައް ޓަވަރެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ. މީގެ ސަބަބުން، 70 ހާހަށް ވުރެ ގިނަ މީހުން މިހާރު ވެސް ތިބީ، ބޯހިޔާވަހި ކަމެއް ނެތި މަގުމަތި ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
29 May 2021
އަސްކަރީ އަމާޒަކަށް ނުވަތަ މަދަނީން އުޅޭ ތަނަކަށް ބެލުމެއް ނެތި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާތަކަކީ ވެސް، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ވެސް މިޝޭލް ވިދާޅުވި އެވެ.އިޒްރޭލުން ފަލަސްތީނުގެ ގާޒައަށް ދިން އުދުވާނީ ހަމަލާތަކީ ހަނގުރާމައިގެ ޖަރީމާތަކަކަށް ވެދާނެ ކަމަށް، އިޒްރޭލް ވިއްޔާ ވެދާނެ ހަމަސްވިއްޔާ އެއޮތީދީފަ ހާދައިންސާފުވެރިއޭ
އަލީ އީމަން
29 May 2021
އިޒްރޭލުން ކޮންމެ އަހަރަރެއްގެ ކޮންމެ ރޯދަމަހެއްގެ ފަހު ދިހަތްގާ ފަލަސްތީނާ އިދިކޮޅަށް ގަތުލްއާމު ހިންގާ . މީ ދުނިޔޭގެ ތާރިހު ހެކިދޭ ހަގީގަތެއް .
ގެރި ކުޑޭ
28 May 2021
އެއްވެސް ކަމެއް ނުވާނެ އިޒްރޭލަކަށް! ދެން ފެއްނާނީ ތި މިޝޭލް ވަޒީފާގަޑު ދޫކޮށްފަ ދާތަން!
ނޫޅެން
28 May 2021
"ހަނގުރާމައިގެ ޖަރީމާތަކަކަށް ވެދާނެ" އޯ ބލއނ
ލޮލްޒް
29 May 2021
އާނ އ.ދ އަށް އަދިވެސް މުޅިން ޔަގީނެއް ނޫން އެއީ ޖަރީމާތަކެއްކަމެއް
ގިލްޒާރު
28 May 2021
ސާބަހޭ އަލިފު ދާލު!