މައްކާގެ ހަރަމްފުޅާއި ގެފުޅު: އުމްރާ އަށް ދާން އުޅޭ ބަޔަކު ނުފުރިގެން އުޅޭތާ ދެ ދުވަސް ވެއްޖެ. --ފޮޓޯ:އޭއެފްޕީ
27 ނޮވެމްބަރ 2016 - 21:44
އަލްމަނާސިކް ގުރޫޕުގެ ހަވާލުގައި އުމުރާ އަށް ފުރަން ދިޔަ 46 ދިވެއްސަކު ނުފުރި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއޭ) ގައި ތާށިވެއްޖެ އެވެ.
މަނާސިކްގެ އޮފިޝަލަކު މިރޭ ވިދާޅުވީ، އެ ގުރޫޕުގެ ހަވާލުގައި އުމުރާއަށް ދާ މީހުން ސައުދީ އެއާލައިންސްގެ ބޯޓަކަށް ދެ ދުވަސް މަތިން ދެ ފަހަރު އެރި ފަހުން ދަތުރު ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެއިން ކޮންމެ ފަހަރަކު ކާނެ އެއްޗެއް ނެތި، ގިނަ އިރުތަކެއް ވަންދެން އެއާޕޯޓުގައި "ބަންދު"ވެފައި ތިބެން ޖެހުނު ކަމަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި މަތިންދާބޯޓް އެންމެ ފުރަތަމަ ފުރަން ހަމަޖެހިފައި އޮތީ އިއްޔެ ހަވީރު ހަތަރެއް ޖެހި އިރު އެވެ. އެކަމަކު ބޯޓަށް މީހުން އަރުވައި، ދެ ގަޑިއިރު ވަންދެން ބޭތިއްބުމަށް ފަހު، އެންމެން ބޭލުވީ އެވެ. އަދި ވަކި އެއްޗެއް ނާންގައި އެ މީހުން ރޭގެ ވަރަށް ދަން ވަންދެން އެއާޕޯޓުގައި ބޭތިއްބި ކަމަށް ވިދާޅުވި އެވެ. އެ ވަގުތުތަކުގައި އެ މީހުންނަށް ފެންފޮދެއްހާ ހިސާބު ވެސް އެއާލައިނުން ނުދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެންމެ ފަހުން އެ މީހުން ބުނީ ބޯޓުގެ ޓަޔަރުގެ މައްސަލައެއް ދިމާވެގެން ނުފުރޭނެއޭ. ގެއަށް ދާށޭ. އޭރު ރޭގެ 11:30 ވެއްޖެ. އޭގެ ފަހުން ރޭ ދަންވަރު 1:30 ގައި މެސެޖް ކުރީ މިއަދު ހެނދުނު 10:30 އަށް އެއާޕޯޓަށް ދިއުމަށް،" އޭނާ ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު އެއާޕޯޓަށް ދިޔަ މީހުންނަށް ބޯޓަށް އެރޭ ގޮތްވީ، ހަވީރު 3:15ހާއިރު ކަމަށެވެ. އެކަމަކު އިރުގަނޑެއް ފަހުން މީހުން ބޯޓުން ބޭލުމަށް ފަހު، އަނެއްކާ ވެސް އެމީހުން ބޯޓަށް އެރުވީ މިއަދު އިރުއޮއްސި ހައެއް ޖެހި ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އަދިވެސް އެ މީހުން ތިބީ ބޯޓުގެ ތެރޭގައި ކަމަށާއި ބޯޓު ނުފުރާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިއަދު މެންދުރުފަހު ބޯޓަށް އަރުވަންދެން، އެންމެން ތިބީ، "އިމިގްރޭޝަން ކޮންޓްރޯލްޑް އޭރިއާ" ގައި ކަމުން، އެމީހުންނާ ހަވާލުވުމަށް ގުރޫޕުގެ އެއްވެސް މީހަކަށް އެ ހިސާބަށް ނުދެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ގަވައިދު އޮންނަ ގޮތުން އިމިގްރޭޝަންގެ އޭރިއާ އިން މީހުންނަށް ނުކުމެވޭނީ އެއާލައިނުން ވަކި އެއްޗެއް އެންގުމުންނެވެ. އެކަމަކު މިއަދު ނުފުރި އެތައް އިރެއް ވީއިރު ވެސް، ސައުދީ އެއާލައިނުން ވަކި އެއްޗެއް ނާންގާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަދި މެންދުރުން ފެށިގެން އެންމެން ތިބީ އެއްޗެއް ނުކައި ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއާލައިނުން ވެސް އެ މީހުންނަށް ކާނެ އެއްވެސް ގޮތެއް ހަމަނުޖައްސައިދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެން އެތަން މިތަނަށް ގުޅައިގެން، ވަރަށް އާދޭސްކޮށްގެން [އެއާޕޯޓުގެ ރެސްޓޯރަންޓަކުން] ކާނެ ވައުޗާއެއް ފަސް މީހަކަށް ދިން. އެހެން އެންމެން ތިބީ ބަނޑަށް." އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ޑިޒާސްޓާއެއް. ސައުދީ އެއާލައިނަކީ އެއްވެސް އިންސާނިއްޔަތުކަމެއް ހުންނަ ބައެއް ނޫން. އެ މީހުންގެ ސަބަބުން އެތައް ދިވެހިންނެއް އެތިބީ ހާލުގައި ޖެހިފައި."
އޮފިޝަލް ވިދާޅުވި ގޮތުގައި ކަނޑައެޅިފައިވާ ދުވަހަށް ފްލައިޓް ނުފުރުމުން މަނާސިކް ގުރޫޕަށް ވެސް ބޮޑު ގެއްލުމެއް ވަނީ ކުރިމަތިވެފަ އެވެ. އެގޮތުން އުމުރާއަށް ދާ މީހުން ބައިތިއްބުމަށް، މައްކާގައި ހިފާފައި ހުންނަ ހޮޓަލަށް ދުވާލަކު 20،000 ރިޔާލު ދައްކަން ޖެހޭ ކަމަށާއި މިހާތަނަށް 40،000 ރިޔާލު ހަރަދުވެފައިވާ ކަމަށް އެ ގުރޫޕުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝައްބީރު ކުމާރު
28 November 2016
ކުދިންނޭ ސައުދީ ހުރިހާ ކޮންޕެނީ ތަކެއް ހިންގަން ތިބޭނީ މަތިން ފެށިގެން ތިރިއަށް ތިޔަ ބުނާ ވިލާތުގެ ދޮން މީހުންނާ ހަން ކަޅު އިންޑިއާ މީހުނޭ. ސައުދީ މީހުންނަކީ އަތުން ފައިން ކަމެއް ނުކޮށް ފަތުވާ ދޭން ތިބޭ ބައެއް.
ށަމަދު
28 November 2016
ހެވެންނު ! ބޮޑު ފައިދާ ހޯދަން އަގުހެޔޮ އެއަރލައިން. މާބޮޑު ގޯހެއް ނެތް.!!
ޝަހީމް
28 November 2016
ތިވަރުވީއިރު ދިވެހި ސަރުކާރު ކޮބާތޯ؟ ތީ ސަޢުދީ ރައްޔިތުންނެއްނޫން ތިބޯޓު ތިއޮތީ ސަޢުދީ އަކުވެސްނޫން ، އެހެންވީމަ ސަޢުދީއޭ ރަސްގެފާނޭ ކިއުމުގެ ބަދަލުގައި ދިވެހިސަރުކާރޭ ރައީސް ޔާމީނޭ ނުކިޔަނީ ކީއްވެ. މި ސަރުކާރުގެ އެންމެބޮޑު ފުރެންޑް ދޯ؟ ސަޢުދީއަކީ.
ކޮމެންޓޭ
28 November 2016
ކޮންމެ ކަމެއްވާއިރަށް ސަރުކާރޭ ކިޔުމަކީ މިދިވެހީންގެ އާދައެއް. ބަލަ އުމްރާޔަށް ފައިސާ ދެއްކީ ސަރުކާރަށްތަ. ސަރުކާރުން ކަންކަމަށް މަގު ފަހި ކޮށްދޭން ޖެހޭނީ. ކާންބޯންދޭކަށް ނުޖެހޭނެ.
ހިއްސް
28 November 2016
ކާން ބޯން ވެސް ދޭން ޖެހޭނެ.!!!
GAN Island
28 November 2016
މިއީ ސައުދީ ސަރުކާރާއި ތިޔަ އެއަރ ލައިންގެ މައްސަލައެއްނޫން. ''އަސްލު މައްސަލަ ގޮސް ނިމޭ ހިސާބަކީ ހަމަ ސަރުކާރު'' ކަމުގައި ޤަބޫލު ކުރާންޖެހޭ. . . މިފަދަ ކަންކަން ރާއްޖޭގައި އާންމު ވަމުންދާ އިރުވެސް Civil Aviation Authority އާއި Consumer Protection Act of Maldives ޤާނޫނުގެ ދަށުން އެ ޤާނޫނު ތަންފީޒު ކުރާންޖަހޭ އެއްވެސް ގުނަވަނަކުން ކުރި އެއްވެސް ކަމެއްނެތް. . . އެހެންނޫންތޯ ވާނީ. މިފަދަ ކަންކަމަކީ ޤައުމީ އެއަރލައިން ގައި ހަމަ ކޮންމެ ދުވަހަކު ކޮންމެ ގަޑިއަކު ތަކުރާރުކޮށް ހިގާކަންކަން ވީއްޔާ. ފިޔަވަޅު އަޅަންޏާ އެންމެ ފުރަތަމަ ފިޔަވަޅު އަޅާން ޖެހެނީ އެމީހުންނާއި ދެކޮޅަށް ވީއްޔާ.
އަބްދުލް
28 November 2016
ވައުޟާއި ނަސޭހަތް ދޭން ރާއްޖެ އައް ގެންނަން ރަގަޅުބައެއް. ސާރވިސް އަކީ އެމީހުންދަންނަ އެއްޗެއްނޫން.
ޖާބިރު
28 November 2016
ސައުދީ ކޮން އެއާލައިނެއްބާ
ފީއަލީ
28 November 2016
އަހަރުން އަހަރަށް އުމްރާއަށް ނަގާ ފީ ވަނީ ބޮޑު
ްަލީމް
28 November 2016
އަދިވެސް ސައޫދީއޭ ބުނާއިރައް ބިރުން ތުރުތުރު އަޅައިގެންފަ، އުމުރުދުވަހު އެއްކުރިލާރިކޮޅު އެވެރިންނައް ދީ. ތިއީ އަދި ކޮޅުމަތި. އެމީހުން ދެކޭ ގޮތުގައި އަހަރުމެން ކުލައިގެ މީހުންނަކީ ކުއްތާ ފަދަ ދައްފެންވަރުގެ ބައެއް. މިއީ ހަގީގަތް.
ހަގީގަތް
28 November 2016
ދިވެހިންނަށް ސައުދީއޭ ބުނާ އިރަށް ހީވަނީ ދެން އެހެންފަދަ ކަމެއްހެން.. އެބިމަކީ މީގެ 1400 ވަރަކަށް އަހަރު ކުރިން އަހަރެމެންގެ މަތިވެރި ދީން ބާވާލެއްވުނު ބިން ކަމުގައި ވިޔަސް މިއަދު ކަންތަށް ތަފާތުކަން ދަންނާން ޖެހޭ.. އެތަން އެއީ މިހާރު އެމެރިކާގެ ގޮނޑިކޮއްކޮ ރަސްކަމެއް ހިންގާ، އެމެރިކާއި ގުޅިގެން އިސްލާމް ދީނަށް މީހުން ނަފުރަތު ކުރުވަން ހައްދުފަހަނަޅާފައިވާ ކަންތައް ކުރިއަރުވާ، އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ބަޔަކު އުޅޭ ތަނެއް.. ސައުދީ އެއާލައިނަށް ހަންކަޅު ދިވެހިން ނުވާނެ އެއްވެސް އެއްޗަކަށް.. އެކަކަމު ޔޫރަޕްގެ އެއާލައިނެއްނަމަ ކެއުމާއި ނިދާނެ ތަން ދިނުންފަދަ ޒިންމާތައް ނަގާނެކަން ޔަގީން.. ޑިސްލައިކު ދިނަސް ހަގީގަތް ވާނީ ހަގީގަތަށް..
ޔައްލާ ހަބީބީ
28 November 2016
އަސްލުވެސް ވަރަށް ނަސްލީ ބައެއް. އެހެން މީހުންނަށް ޓްރީޓްކުރާނީ އަޅުންހެން
ޕަޕެޓް ފެކްޝަން
28 November 2016
ކޮބާ ސައޫދީ ސަރުކާރާ ގުޅުން ބަދަހިކުރިޔަސް ދެން މިވަނީ ކިހިނެތް؟