ހައްޖަށް ދިޔަ މީހުންތަކެއް އަރަފާތު ބިމުގައި: އުމުރާ އަށް ދާން ދިޔަ ދިވެހިންތަކެއް ސައުދީ އަށް ފުރުމުގައި ދަތިތަކެއް ވަނީ އިއްޔެ ކުރިމަތިވެފައި.
28 ނޮވެމްބަރ 2016 - 11:48
އަލްމަނާސިކް ގުރޫޕުގެ ހަވާލުގައި އުމުރާ އަށް ފުރަން ދިޔަ 46 ދިވެއްސަކު، ދެ ދުވަސް މަތިން އެތައް ގަޑިއިރަކު އެއާޕޯޓުގައި ތާށިވެ ތިބުމަށް ފަހު ރޭ އެންމެ ފަހުން ފުރައިފި އެވެ.
ސައޫދީ އެއާލައިންސްގެ ބޯޓަކުން އުމުރާ އަށް ދިޔުމަށް ދެ ދުވަސް މަތިން ދެ ފަހަރު ބޯޓަށް އެރުވުމަށް ފަހު ދަތުރު ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެއިން ކޮންމެ ފަހަރަކު، އެއާޕޯޓުގައި އެއްޗެއް ނުކައި، އެތައް ގަޑިއިރަކު ތިބެން ޖެހުނެވެ. އެކަމަކު ރޭ 8:30ގައި އޮތް ފްލައިޓު، 9:40 ހާއިރު ވަނީ ފުރާފަ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވީ ބޯޓު ފުރުން ލަސްވެ، ދިވެހިންތަކެއް އެއާޕޯޓުގައި ތާށިވި ވާހަކަ އަޑުއެއްސެވި ކަމަށާއި ބޯޓު ނުފުރުނީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކުން ކަމަށް ސައޫދީ އެއާލައިނުން ބުނެފައިވާ ކަމަށެވެ. އެކަމަކު ސީދާ ދިމާވި މައްސަލައެއް އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަނާސިކްގެ އޮފިޝަލް ރޭ ވިދާޅުވީ މަތިންދާބޯޓު އެންމެ ފުރަތަމަ ފުރަން ހަމަޖެހިފައި އޮތީ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖެހި އިރެވެ. އެކަމަކު ބޯޓަށް މީހުން އަރުވައި، ދެ ގަޑިއިރު ވަންދެން ބޭތިއްބުމަށް ފަހު، އެންމެން ބޭލުވީ އެވެ. އަދި ވަކި އެއްޗެއް ނާންގައި އެ މީހުން އެރޭގެ ވަރަށް ދަން ވަންދެން އެއާޕޯޓުގައި ބޭތިއްބި ކަމަށާއި އެ ވަގުތުތަކުގައި އެ މީހުންނަށް ފެންފޮދެއްހާ ހިސާބު ވެސް އެއާލައިނުން ނުދޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މީހުން ގެއަށް ފޮނުވާލީ އާދިއްތަ ދުވަހުގެ ހެނދުނު 10:30ގައި ފުރާ ގޮތަށެވެ. އެކަމަކު އިއްޔެ ހެނދުނު އެއާޕޯޓަށް ގެންދިިޔަ އެ ދިވެހިންނަށް ފުރޭ ގޮތްވީ ރޭގަ އެވެ. އަދި އެ ހުރިހާ އިރު، އެންމެން ތިބީ އެއްވެސް އެއްޗެއް ނުކައި، އެއާޕޯޓުގައި ބަންދުވެފަ އެވެ.
ބޯޓަށް އަރުވަންދެން، އެންމެން ތިބީ، "އިމިގްރޭޝަން ކޮންޓްރޯލްޑް އޭރިއާ" ގައި ކަމުން، އެމީހުންނާ ހަވާލުވުމަށް ގުރޫޕުގެ އެއްވެސް މީހަކަށް އެ ހިސާބަށް ނުދެވުނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގަވައިދު އޮންނަ ގޮތުން އިމިގްރޭޝަންގެ އޭރިއާ އިން މީހުންނަށް ނުކުމެވޭނީ އެއާލައިނުން ވަކި އެއްޗެއް އެންގުމުންނެވެ. އެކަމަކު އިއްޔެ ވެސް ނުފުރި އެތައް އިރެއް ވީއިރު ވެސް، ސައޫދީ އެއާލައިނުން ވަކި އެއްޗެއް ނާންގާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ޑިޒާސްޓާއެއް. ސައޫދީ އެއާލައިނަކީ އެއްވެސް އިންސާނިއްޔަތުކަމެއް ހުންނަ ބައެއް ނޫން. އެ މީހުންގެ ސަބަބުން އެތައް ދިވެހިންނެއް އެތިބީ ހާލުގައި ޖެހިފައި." އޮފިޝަލް ރޭ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮރެންޖްބެރީ
28 November 2016
މިކަމެއް ހިނގީ ސައުދީއެރެބިއާއަކު ނޫން. އެކަމު ދިވެހި ފަސްގަނޑުގަ. އެހެންކަމުން ސައުދީ އެއަރލައިން އެކަނިތަ ޒިންމާ ނަގަންޖެހޭނީ. އެއަރޕޯޓް ކޮމްޕެނީއަށް ދިވެހި ސަރުކާރަށް ހަމަ ކުރެވޭނެކަމެއް ނެތިގެންތަ އެމީހުން ރާއްޖޭގަ އެހާލުގަ ތިބީ؟ އ
ޖާބިރު
28 November 2016
މިކަމެއް ހިގީ ރާއްޖޭގަތަ، މިހެން މިބުނީ އަބަދުވެސް މިޚަބަރާ ގުޅޭ ގޮތުން މި ޖަހަނީ ބޭރުގެ ފޮޓޯއެއްވިއްޔަ. އަނެއްކާ މިބޯޓްގެ ފޮޓޯ ރާއްޖޭގެ އެއާޕޯޓްގައި ނެގުން މަނަލީތަ؟؟؟؟؟
އޯކޭޑް
28 November 2016
ދެދުވަހަށް ފަހު އުމްރާ އަށް ދެވިއްޖެ އެއް ނޫން. ދެން ކޮބާ މައްސަލަ އަކީ. އަނެއްކާ ހަރްމް ފުޅުތެރޭގައި ކާ އެއްޗެހި ނުލިބިގެން ކަމަށް ބުނެ މައްސަލަ ނުޖައްސައްޗޭ އިނގޭ
ދދ
28 November 2016
ކަމެއް ދިމާ ވެދާނެ ކޮންމެ އެއާރލައިނަކަށްވެސް ކެއްތެރިވާން ދަސްކުރަން އެބަޖެހޭ އުމުރާވެރިން އުމުރާ ގުރޫޕްތަކުން! ﷲ އަލަމެނަށް ހިދާޔަތާއި ކެއްތެރިކަމާއި ހެޔުވިސްނުން ދެއްވާށި! މުސްލިމުން ނަސްރުވެރި ކުރައްވާށި!
ލިއަލީ
28 November 2016
ޢުމުރާއަށް ދިޔަ 46 މީހުންނަކީ ބަޔަކު ހިލޭ ދޭއެއްޗެއް ހޯދަން ކިޔޫގަޖެހިގެން ތިބިބައެއް ނޫން. އެމީހުންނަކީ ޚިދުމަތް ދޭންތިބި ބަޔަކު ބުނިއަގެއް ދީގެން ޚިދުމަތެއް ގަނެފައިވާ ބައެއް. އެހެންކަމުން 2 ދުވަސް ވެގެންދާއިރު ތިޔަބުނާ ކެތްތެރިކަމެއް ދައްކާކަށް ނުޖެހޭނެ. އަނެއްކާ ގިނަފަހަރު ކެތްތެރިވާންޖެހޭނެއޭ، ޝުކުރުވެރިވާންމާނެއޭ ޢަރަބިންނާ ދިމާލަށް ބަދުބަސް ބުނާކަށްނުވާނެއޭ ކިޔައިގެން ދައްކާ ވާހަކަތަކަކީ ބަޔަކުކުރާ ނުރަނގަޅު، ބޭއަދަބީ އަދި ފާހިޝް އަމަލްތައްވެސް ފޮރުވަން ދައްކާ ވާހަކަ.
ގިވްއިން
28 November 2016
"ސައޫދީ" "އިންސާނިއްޔަތު" ވަރަށް ދުރު ދެބަސް.