ހިތަދޫގެ މަންޒަރެއް--
02 ސެޕްޓެމްބަރ 2021 - 16:22
ކޮވިޑް ޖެހިގެން އައްޑޫ މަރަދޫގައި ފަރުވާދެމުން އައި ދުވަސްވީ މީހަކަށް ނޭވާލާން އުނދަގޫވެ ސިއްހީ އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ގުޅުމުން ތިން ގަޑިއިރުވީ އިރު ވެސް ބަލައި ނައި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިދިޔަ އަންގާރަ ދުވަހު، ސައްފާފު މުހައްމަދު ކިޔާ މީހަކު ކުރި ޓްވީޓެއްގައި ބުނީ، ކޮވިޑް ޖެހިފައިވާ މީހުން އުފުލުމަށް ބޭނުންވާ ވަރަށް އެމްބިއުލާންސް ނެތް ކަމަށް އައްޑޫ އިކުއިޓޯރިލް ހޮސްޕިޓަލާއި އައްޑޫ ސިޓީ ކައުންސިލްގެ ޓީމުން ބުނެފައިވާ ކަމަށެވެ.
"މީގެ މާނައަކީ އެމްބިއުލާންސްގެ ދަތިކަމާ ހުރެ އިތުރު މީހުން މަރުވާތަން ފެނުމުގެ ފުރުސަތު އޮތުންތޯ،" އޭނާ ބުނެފައިވެ އެވެ.
އެ މީހާ ބުނި ގޮތުގައި އޭނާގެ ބައްޕަ އަށް ނޭވާލާން އުނދަގޫވެގެން އެމްބިއުލާންސަށް ގުޅިތާ ތިން ގަޑިއިރު އޭރު ވެދާނެ އެވެ. އެކަމަކު ބަލި މީހާ ބަލައި އޭރު ވެސް އެމްބިއުލާންސްއެއް ނުދެ އެވެ.
އޭނާގެ ބައްޕައަކީ ހައިރިސްކް މީހެއް ކަމަށާއި ނޭވާލާން އުނދަގޫ ވެގެން އުޅޭތާ ތިން ގަޑިއިރުވީއިރު ވެސް ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) އިން ވެސް އައިސްފައި ނުވާ ކަމަށް ބުންޏެވެ.
"އެމްބިއުލާންސް ނާންނަތާ ހަތަރު ވަނަ ގަޑިއިރު ގުނަމުން މި ދަނީ. ޕޭޝަންޓުގެ ހާލު ދަނީ ދެރަވަމުން." އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އޭނާ ކުރި އެހެން ޓްވީޓެއްގައި ވެ އެވެ.
އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ސާފީ މުހައްމަދު ހުސައިން "މިހާރު" އަށް ވިދާޅުވީ ކޮވިޑްގެ ކޭސްތަކާއި ކަރަންޓީނު ކުރަން ޖެހޭ މީހުންގެ އަދަދުތައް ވެސް އިތުރުވެ، ބަލި މީހުން އުފުލަން ޖެހޭ ވަރު އިތުރުވެފައިވާ ކަމަށެވެ. އެހެންވެ، އުޅަނދާއި މުވައްޒަފުންގެ ދަތިކަން ވެސް ކުރިމަތިވެ ލަސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސާފީ ވިދާޅުވި ގޮތުގައި ބަލި މީހުން އެކި ތަންތަަނށް ގެންދަން އެހާ ގިނަ ވަގުތެއް ނުނަގާނެ އެވެ. އެއީ ކޮވިޑް ޖެހިފައިވާ މީހުންނާއި ނޭވާލާން އުނދަގޫ މީހުންނަށް ހާއްސަ އިސްކަމެއްދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ވަގުތު ސްޓާފުންގެ ދަތިކަން ވެސް ކުރިމަތި ވެފައިވާތީ ލަސްތަކެއް ވެދާނެ،" ސާފީ ވިދާޅުވި އެވެ.
އާބާދީގައި 30،000 އަށް ވުރެ ގިނަ މީހުން އުޅޭ އައްޑޫގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު، އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ތަނުގައި ކޮވިޑް ބަލި މީހުން އުފުލަން އޮންނަނީ އެންމެ އެމްބިއުލާންސްއެއްގަ އެވެ. އަދި ކޮވިޑް ނޫން ބަލިތަކުގެ މީހުން އުފުލުމަށް ވެސް އޮތީ އެންމެ އެމްބިއުލާންސެކެވެ.
ސާފީ ވިދާޅުވީ، ކޮވިޑާ ގުޅޭ ކަންކަމުގައި ވޮލެންޓިއަރުން ހޯދުމަށް ވެސް މިހާރު ވަނީ އިއުލާންކޮށްފައި ކަމަށެވެ. އޭރުން އިތުރަށް އެފަދަ މައްސަލަތައް ދިމާ ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 200 އިން މަތީގައި އުޅޭއިރު އައްޑޫގެ ގުޅިފައިވާ ރަށްތައް ކަމަށްވާ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގައި ބަލި ފެތުރޭތީ އޮތީ ރަށް ބަންދުކޮށްފަ އެވެ. އަދި މިހާރު ހުޅުދު އާއި މީދޫން ވެސް ކޮވިޑް ފެނިފައިވެ އެވެ.
އައްޑޫގެ ހާލަތު ގޯސްވެ، އެމްބިއުލާންސްގެ ދަތިކަން ކުރިމަތިވެފައިވާއިރު މިދިޔަ ޖޫން މަަހުގެ ތެރޭގައި ވަނީ އެމްބިއުލާންސް އައުން ލަސްވެ ފަރުވާ ނުދެވިގެން ކޮވިޑް 10 އަހަރުގެ ކުއްޖަކު މަރު ވެސް ވެފަ އެވެ. ކޮވިޑް ޖެހިފައި ހުރި އެ ކުއްޖާ ބަލައި އެމްބިއުލާންސް ދިޔައީ ދެ ގަޑިއިރާއި 25 މިނެޓު ފަހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިންގް ދޮން
03 September 2021
ގައިމު ކީއްތަ ވާނީ އައްޑޫ ހުރިހާ އަމިއްލަ މީހުންހިންގާ ހޮސްޕިޓަލް ތަކުންވެސް އެމީހުން އަތުގައި ތިބި އެމްބިއުލާންސް ހުރިއްޔާ މިފަދަ ވަގުތު ބޭނުން ކުރަން ދިނިއްޔާ؟؟ ޢައިއެމްޑިސީ ގައި ވެސް އޮވޭ، އެއިމްސް ގަ ވެސް އޮންނަ ކަމަށްވޭ. ޢަދި ކޮބާ ދައުލަތުގެ ވޭން ތައް؟ މިއީ ނޫންތޯ މިތަކެތީގެ ބޭނުން އެންމެ ޖެހޭ ވަގުތަކީ؟؟
އެހެންތަ.
03 September 2021
ގައިމު ކަލޭމެން މާލެއަށް ތިޔަ ހުރިހާ ބާރަކާއި ފައިސާ ޖަމާނުކޮށް ރާއްޖޭގެ އެހެން ރަށްރަށަށް ދޭންޖެހޭ މިންވަރު ދިންނަމަ ކީއްތޯ ވާނީ.
އެމްބިއުލާންސެއް
02 September 2021
މާލެއަށް ކުލި ދައްކާ ދައްކާ ވެސް އެމްބިއުލާންސެއް ރަށަށް ނުލިބުނުދޯ.
މާލެ
02 September 2021
މާލެ ތަރައްގީ ކޮށް ނުނިމޭތީ؟
ހުދަންބަރު
02 September 2021
ތީ ބަންދުކޮށްފަ ބާއްވަން ހޯދަން އުޅޭ ބަހަނާއެއްކަމަށް ބޮޑަށް ގަބޫލުކުރެވެނީ.
އިބްރާ1
02 September 2021
އައްޑޫގަ ބަންދު ކޮަށްފަ އޮތީ ކޮން ރަށެއް ތަ؟
މާލޭ ކުއްޖާ.
02 September 2021
އައްޑޫގެ ރީތި ފޮޓޯ ތައް މިހާރު ނޫހުން ގެނެސްދޭތީ ރަވަށް ހިތް ހަމަޖެހޭ. އައްޑުއަށް ދާން ވަރަށް ބޭނުން. އައްޑޫ އަކީ ވަރަށް ރީތި ސިތީ އެއް.
ކިލްޖާދި
03 September 2021
ޢައްޑޫ ކިތަންމެ ރީއްޗަސް އައްޑޫ މީހުންނަކީ ތިހީކުރާ އެކުވެރި ބައެއް ނޫން. ނަން ވާނީ ލަންކާ މީހުން. މިބުނީ ލައްކަ ވާހަކަ
ރަދީފްއޮފިޝިއަލް
02 September 2021
ފަރުވާ ކުޑަ މީހުން ތަންތަނުގެ ވެރިންނަށް ތިބީމަ ދެން މިފަދަ ރިޒަލްޓް ފެންނާނެ.