އިނގިރޭސި މަނަވަރު އެޗްއެމްއެސް ސްޕޭ
08 ސެޕްޓެމްބަރ 2021 - 20:23
ފަސް އަހަރުގެ މުއްދަތަކަށް ޕެސިފިކް ކަނޑު ބެލެހެއްޓުމުގެ ހާއްސަ އަސްކަރީ އޮޕަރޭޝަނެއްގައި އިނގިރޭސި ވިލާތުގެ ދެ މަނަވަރު އިއްޔެ އިނގިރޭސި ވިލާތުން ފުރައިގެން ޕެސިފިކް ކަނޑަށް ދަތުރު ފަށައިފި އެވެ.
އިނގިރޭސި ދިފާއީ ވުޒާރާ އިން ބުނި ގޮތުގައި ޕެސިފިކް ކަނޑުގައި ފޯރިމެރުމަށް އިއްޔެ ފުރި، އެޗްއެމްއެސް ސްޕޭ އާއި އެޗްއެމްއެސް ޓަމަރް، އެނބުރި އޭގެ ބަނދަރު ރަށް ކަމަށްވާ ޕޯޓްސްމައުތަށް އަންނާނީ 2026 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެޗްއެމްއެސް ސްޕޭގެ ކޮމާންޑިން އޮފިސަރު ލެފްޓިނެންޓް ކޮމާންޑާ ބެން އީވާންސް ވިދާޅުވީ، "ދުނިޔޭގެ ތިން ބައިކުޅަ ދެބަޔަކީ އަހަރެމެންގެ ކުޅޭބިން" ކަމަށެވެ. މި ދަތުރުގައި ޕެސިފިކް ކަނޑާއި އިންޑިއާ ކަނޑުގައި މި ދެ މަނަވަރު ފޯރިމަރާ އިރު، ޕެސިފިކް ކަނޑުގެ އުތުރުގައި އޮންނަ ބެރިންގް ކަނޑުން ފެށިގެން އޮސްޓްރޭލިޔާގެ ޓެސްމޭނިއާއާ ދެމެދު ދަތުރުކުރަމުން ދާނެ އެވެ.
އެ ދެ މަނަވަރުން ފޯރިމަރާ ސަރަހައްދުގެ މެދުގައި ކަހަލަ ގޮތަކަށް އޮންނާނީ ޗައިނާ އެވެ. ޗައިނާ އިން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް އަތް ގަދަކުރާ މައްސަލައިގައި އެމެރިކާ އާއި ޗައިނާއާ ދެމެދު މިހާރު ވެސް އޮތީ ވަރަށް ބޮޑަށް މަސްރަހު ގޯސްވެފަ އެވެ.
އެހެންކަމުން، އެމެރިކާގެ އަސްކަރީ ބައިވެރިވާ އިނގިރޭސި ވިލާތުގެ މަނަވަރުތަކެއް އެ ސަރަހައްދުގައި ދިގު މުއްދަތަކަށް ހަރަކާތްތެރިވުމަކީ ޗައިނާގެ ރުޅިވެރިކަން އިތުރަށް ބޮޑުވާނެ ކަމެކެވެ.
އިނގިރޭސި މަނަވަރު އެޗްއެމްއެސް ޓަމަރް
"އެ ދެ މަނަވަރު ހަރަކާތްތެރިވަމުން ދާނީ، އަހަރެމެންގެ ކަނޑުގެ ސިފައިންގެ އަދި މުޅި މި ގައުމާއި މުޅި މި ސަރަހައްދުގެ ލޯ އަދި ކަންފަތް ކަމުގައި ވެގެން. މަސައްކަތް ކުރާނީ އނގިރޭސި ވިލާތުގެ އަސްކަރީ ބައިވެރިންނާ ގުޅިގެން. މަސްތުވާތަކެތީގެ ވަގު ވިޔަފާރިއާއި، އެހެނިހެން މުދަލުގެ ވަގުވިޔަފާރި އާއި ޓެރަރިޒަމާއި އެހެނިހެން ގާނޫނާ ހިލާފު ހަރަކާތްތަކަށް ފާރަލައި ބަލަމުން ދާނެ. އެހެން ގައުމުތަކުގެ ކަނޑުގެ ސިފައިންނާއި ހަތިޔާރު އެޅި ލަޝްކަރުތަކާ އެކުގައި އަސްކަރީ ތަމްރީންތައް ވެސް ބާއްވާނެ،" އިނގިރޭސި އަސްކަރިއްޔާގެ ބަޔާނުގައިވެ އެވެ.
ޕެސިފިކް ކަނޑުގައި އިނގިރޭސީންގެ އަސްކަރީ ކަނޑުގެ ބަނދަރެއް ނެތުމުން، މިއިން އެއްވެސް މަނަވަރެއް ދިގު މުއްދަތަކަށް އެއްވެސް ބަނދަރެއްގައި މަޑެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި މަނަވަރުން އެފަހަރަކު ހިންގާ އަސްކަރީ ހަރަކާތަކާ ގުޅޭ ގޮތުން ތަނަކަށް ލަފަން ޖެހިއްޖެ ނަމަ، ބަނދަރު ކުރާނީ އިނގިރޭސި ވިލާތާ އެކު އަސްކަރީ ގުޅުން އޮންނަ ގައުމެއްގެ ބަނދަރަށެވެ.
މި ދެ މަނަވަރު ޕެސިފިކް ކަނޑަށް ފުރިއިރު، ދެ މަނަވަރު ވެސް އޮތީ، ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި މަނަވަރުގައި ދަވާދުލައި އުޅޭ "ޑެޒެލް" ބައްޓަމަށް ދަވާދު ލައިފަ އެވެ. އެ ގޮތަށް ދަވާދުލުމުން މަނަވަރުތައް ދުރުން ދެނެގަތުން އުނދަގޫ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމެރިކާ
11 September 2021
ރައްޖެ ކުރިއަރަމުންދަނިކޮއް އިންޑިޔާވަދެ ރިސްވަތު ސިޔާސީ މީހުންނަ ދީ އިގިރެށް ވިލާތުން ގެދޮރު ގަނެދީފަ އެހެރީ.
ނިރު
08 September 2021
އޮޅިގެންވެސް ޗައިނާ ސަރަހައްދަށް ވަދެފިނަމަ ތިމަނަވަރުތަށް އޮންނާނީ ކަޑު އަޑީގަ. ރަސިޔާ ކަޑުގެސަރަހަޢްދަށް ވަންފަހަރުވެސް ދެފަޓާސް ގޮއްވާލިތަކާ އަބުރާލާހަ އައި ކޮޅަށް ދާންޖެހުނީ