ފޮޓޯ: މުހައްމަދު ފައިޒާން
05 އޮކްޓޯބަރ 2021 - 08:28
ޕްލާސްޓިކުގެ އުނދަގުލުން ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާ އޮތީ އަހަރެމެންގެ ކޮނޑުގަ އެވެ. އެކަމަކު ޕްލާސްޓިކު "ކޮނޑުގައި އަޅައިގެން" އޭގެ އުނދަގޫ ތަހައްމަލުކުރަނީ މަތީގައި އެއިން ފޮޓޯއިން ފެންނަ ކަހަލަ ބަރަވެއްޔާއި އަދިވެސް ކަނޑުގެ އެހެން ދިރުންތަކެވެ. އޭގެ އިހުސާސްތައް ނޭނގުނަސް، މި ބަރަވެލިތައް ވެސް ތިބޭނީ "ޕްލާސްޓިކް ނޫން ގޮތެއް" ބޭނުން ވެފައިކަން ޔަގީނެވެ.
މިދިޔަ ހަފުތާގައި އިންސްޓަގްރާމް ޕޭޖަކުން ފެނުނު ކުރު ވީޑިއޯއެކެވެ؛ އޭގެން ފެންނަނީ ބަރަވެއްޔެއްގެ ގުދުރަތީ ފޫގަނޑުގެ ބަދަލުގައި، މެދުން ބުރިވެފައި އޮތް ޕްލާސްޓިކް ފުޅިއެއްގެ ބައެއް އޭގެ ގައިމަތީގައި އޮންނަ ތަނެވެ. އެ ސޮރު ހެލިފެލިވެ އުޅެނީ އެ ފުޅިގަނޑު ގައިމަތީގައި އޮވެގެންނެވެ.
ފޮޓޯ: މުހައްމަދު ފައިޒާން
މި ވީޑިއޯ ނެގީ ދަނޑުވެރިކަމަށް ބޭނުންކުރާ ރަށެއް ކަމަށްވާ ހދ. މާފަހީގައި މަސައްކަތު އުޅޭ ދިވެއްސެއް ކަމަށްވާ މުހައްމަދު ފައިޒާން އެވެ. އޭނާ ކިޔައިދިން ގޮތުގައި ބަރަވެލީގެ ފޫގަނޑުގައި މި ކަހަލަ ފުޅީގެ އިތުރުން އެކި ކަހަލަ އެއްޗެހި ހުންނަތަން މިހާރު ވަރަށް އާންމުކޮށް ފެނެ އެވެ.
"މަސައްކަތް ނިންމާލައިފައި ހަވީރު އަތިރިމަތީ ހިނގާލަން ނިކުމެ އުޅޭއިރު ފެންނަ އެއްޗެހި މިއީ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ޕްލާސްޓިކް ފުޅީގެ އިތުރުން ފުޅީގެ މަތިގަނޑާއި ކިރު ދަޅުގައި ހުންނަ ޕްލާސްޓިކް ސަމުސާ ކަހަލަ އެއްޗެހި ބަރަވެލީގެ ފޫގަނޑުގައި އޮންނަތަން ފެނިފައިވާ ކަމަށެވެ. އޭނާ އެ އެއްޗެހީ ފޮޓޯ އާއި ވީޑިއޯ ވެސް ނެގި އެވެ. މިހާރު އާންމުވެފައިވާ ވީޑިއޯ އޭނާ ނަގާފައި ވަނީ މިދިޔަ މަހު ކުރީ ކޮޅެވެ. އޭގެ ކުރިންނާއި ފަހުން ވެސް އެކި ދުވަސް މަތިން މި އެއްޗެހި ފެނިފައިވެ އެވެ.
"އާންމުކޮށް ބަރަވެލީގެ ރީތި ފޫގަނޑު ނުވެއް އޮވޭ. މިހެން ވަނީ ސީދާ ކިހިނެއްވެގެން ކަމެއް ނޭނގެ ބުނަން. އެކަމަކު މިހެން ވަނީ ކޮންމެ ގޮތެއް ވިޔަސް މޫދާއި ކަނޑުގައި ކުނި ގިނަވީމަ ކަން އެބަ އެނގޭ،" ފައިޒާން ބުންޏެވެ.
ފޮޓޯ: މުހައްމަދު ފައިޒާން
ތިމާވެށީގެ އެކި ދިރާސާތައް ޝައިއުކުރާ ވެބްސައިޓެއް ކަމަށްވާ ސައިންސް ޑިރެކްޓުގައި އާންމުކުރި "މެރިން ޕޮލިއުޝަން ބުލެޓިން" ޖާނަލްގައި ބުނެފައިވާ ގޮތުގައި ޕްލާސްޓިކް ކުންޏަކީ ބަރަވެލި "މާ ގަޔަވާ" އެއްޗަކަށް މިހާރު ވަނީ ވެފަ އެވެ. އޭގެ ސަބަބެއް ކަމަށް ބުނެފައި ވަނީ ޕްލާސްޓިކުގައި ހުންނަ ކެމިކަލްގެ މާއްދާއެއް ކަމަށްވާ "އޮލީމައިޑް" އަކީ ބަރަވެލީގެ ނޭވަލުން އަވަސްކޮށްދޭ އެއްޗަކަށް ވުމެވެ.
މާނައަކީ ބަރަވެލި ދެކެނީ ޕްލާސްޓިކަކީ އެއަށް ލިބޭ ކާނާއެއްގެ ގޮތުގަ އެވެ.
ފޮޓޯ: މުހައްމަދު ފައިޒާން
މިއީ ބަރަވެއްޔަށް "މާ އުފާވެރި" ކަމަކަށް ވިޔަސް، މިއީ ކަނޑުގެ ދިރުންތަކުގެ އާންމު ދިރިއުޅުމަށް ޕްލާސްޓިކުގެ ސަބަބުން ކޮށްފައިވާ ނޭދެވޭ އަސަރު ދައްކައިދޭ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މި ދިރާސާ އިތުރަށް ޔަގީންކުރުމަށްޓަކައި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ހަލް އިން ވަނީ 40 ބަރަވެލި، އެކުއޭރިއަމް އަކަށް ގެންގޮސްގެން ދިރާސާއެއް ކޮށްފަ އެވެ. އެ ދިރާސާ އިން ވެސް ޔަގީންވި ގޮތުގައި ޕްލާސްޓިކަކީ ބަރަވެލި މާ ގަޔާވާ އެއްޗަކަށް ވަނީ އޭގައި ހުންނަ ކެމިކަލް މާއްދާއެއްގެ ސަބަބުންނެވެ.
ގުދުރަތީ ފޫގަނޑެއްގެ ބަދަލުގައި ބަރަވެލީގެ ފޫގަނޑުގައި ޕްލާސްޓިކް ހުރުން އާންމުވާ މައްސަލައާ ގުޅިގެން، އެމެރިކާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިންގައި މިދިޔަ އަހަރު ޝާއިއުކުރި ދިރާސާއެއްގައި ބުނެފައި ވަނީ އެކަން ވެސް އާންމުވީ މި ކެމިކަލް މާއްދާގެ ސަބަބުންނެވެ. ޓޭންކަކަށް 64 އަންހެން ބަރަވެލީގެ މަސްގަނޑު ލައިގެން ބެލި ބެލުމުން އެނގުނީ ގުދުރަތީ ފޫގަނޑެއްގެ ބަދަލުގައި ޕްލާސްޓިކާ އެ އެއްޗެހި މާ ގަޔާވާކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
05 October 2021
ބަރަވެލިވެސް ޒަމާނީ ހެދުން ބޭނުންވާނެ. އެހެންޏާފަހެ ކުރިން އުޅުނުގޮތަށް ބަރަވެއްޔަށް ނޫޅެވެންވީ ސަބަބެއްނެތް.
ބުރުގާ
05 October 2021
ކޮންމެއަކަސް ވަރައް އާޓިސްޓިކް. ތި ފޮޓޯތައް ރަގަޅުވާނީ ބޭރުގެ ކޮންމެސް ފޮޓޯ މައުރަޒަކައް ފޮނުވިއްޔާ. ދެން އީޕީއޭ ހުންނާނެ ބޭރުގެ ބޯޓެއް ފަރައް އަރާއިރައް ބިލިޔަނުން ޖުރުމަނާކުރައް ތައްޔާރައް. ދިވެހިން ތިބޭނެ ޖެހުނު ކޮންމެތާކައް ކުނިއަޅައަޅަ.
ބަރަވެލި
05 October 2021
އަހަރެން އޯކޭ. ބަރަވެލި އޯކޭ. ކަލެ ކޮންމައްސަލަ؟
ަސދަސަ
05 October 2021
ޕްލާސްޓިކުގެ ވާހަކަ ދައްކާ މީހުން ދައްކަނީ މާކަ ސީރިއަސް ވާހަކައެއްނޫން. ގާނޫނު ހަދަން ބަޔަކަު އެބަތިބި، ތަންފީޒުކުރަން އިދާރާތައް އެބަހުރި މިއިން އެއްވެސް ތަނެއްގެ ބޭނުންނުހިފައި ކޮއްމެ މީހަކުވެސް މެޑަލްޖަހަން މުނާސަބަތުތަކުގައި ތިވާހަކަ ދެއްކުމުގެ ބޭނުމެއްނެތް.
ރަދީފްއޮފިޝިއަލް
05 October 2021
ލަދަ ނިގަންނެ ބަރަވެލާ.ލަދަ ކޮބާ؟؟
ތަމެންދޯ
05 October 2021
ބަރަވެލި ސްޕީޑް ސަރުކާރު ކަން އެ އަންގާދެނީ ބަރަވެލިތައް އިނގޭތޭ
ދިސްވޭއިން
05 October 2021
ޕްލާސްޓިކް ފުޅި އަދި ސަމުސާ އަކީ ބަރަވެއްޔަށް ހެބިޓެޓް އެކޭ އެއީ ބަރަވެއްޔަށް ރަށްޓެހި އެއްޗެކޭ އެއީ ބަރަވެއްޔާއި ދުޝްމަން އެއްޗެއް ނޫނޭ ޕްލާސްޓިކް އަކީ ދެއްވަވާފައިވާ އަގު ހުރި ނިއުމަތެކޭ ޕްލާސްޓިކާއި ނުލައި އުޅެން އެކުރާ ކެމްޕެއިން ޖެހޭނީ މިހާރުން މިހާރަށް ހުއްޓާލަން ޕްލާސްޓިކް އެއީ ތިމާވެއްޓަށް ގެއްލުން ހުރި އެއްޗެއް ކަމަށް ސައެންޓިފިކް ދިރާސާ ތަކުން ނުދައްކައޭ އެއީ ޔޯލަ ޔޯލަ ވާހަކައެކޭ ޕްލާސްޓިކަށް ވުރެން ބިއްލޫރި މާނުރައކާ ތިމާވެއްޓަށް
ބާސިރު
05 October 2021
ބަރަވެއްޔައްވެސް ލުއިވީމާ ރަނގަޅުވަނީ
ޓިން ޓިން
05 October 2021
ބަރަވެލިސްޕީޑުގާ ހިނގާ ސަރުކާރަކަށް ތިގޮތްވެސް ހެޔޮވާނެ.
ސަސު
05 October 2021
ބަރަވެލި ގަޔާވާކަމަށްވާނަމަ މާ ބޮޑު މައްސަލައެއްނެތްތާ