ރޭގެ މެޗުގައި މާސޭގެ ޑިމިޓްރީ ޕަޔެޓް، މެސީ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ
25 އޮކްޓޯބަރ 2021 - 12:23
މާސޭ، ފްރާންސް (އޮކްޓޯބަރު 25) - ފްރާންސް ލީގުގައި ޕީއެސްޖީން ރަށުން ބޭރުގައި އޮލިމްޕިކް މާސޭ އާ ދެކޮޅަށް ކުޅުނު މެޗް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މެޗުގެ ވަރަށް ކުރީކޮޅު ނޭމާ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް މާސޭ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ނަމަވެސް ވީއޭއާރު ބެލުމަށް ފަހު އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ވަނީ ނިންމައިފަ އެވެ. އެއީ، އެންހެލް ޑި މާރިއާ ޖައްސާލި ބޯޅަ ނޭމާ އަށް ލިބުނުއިރު ނޭމާ އޮފްސައިޑުގައި ހުރުމުންނެވެ.
އެއަށް ފަހު މާސޭގެ ޕޯލް ލިރޯލާ ހުރަސްކޮށްދިން ބޯޅައަކުން އެޓީމަށް ކުޅޭ ޕޮލެންޑުގެ ފޯވަޑް އާކަންޑިއުޝް މިލިކް ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ނިންމީ، ލިރޯލާ އަށް ބޯޅަ ލިބުނު އިރު އޭނާ ވެސް ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ.
މެސީ އަށް ލިބުނު ހުސް ފުރުސަތުގައި ސިކްސް ޔާޑު ބޮކްސް ތެރޭގައި ހުރެ ބޮލުން ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ
މި ހާފުގައި ޕީއެސްޖީއަށް ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ ލިއޮނެލް މެސީއަށެވެ. ޑި މާރިއާ ނަގައިދިން ބޯޅަ މާސޭގެ ޑިފެންޑަރެއްގެ ބޮލުގައި ޖެހިފައި، ސިކްސް ޔާޑު ބޮކްސް ތެރެއަށް ވެއްޓެން އައި އިރު، ހުސްކޮން ހުރެ މެސީ ބޮލުން ފޮނުވާލި ބޯޅަ މާސޭގެ ކީޕަރު ޕައު ލޮޕޭޒް ވަނީ އަތުން ޖައްސައި ހުރަސް ދަނޑި މަތިން ބޭރުކޮށްލައިފަ އެވެ.
ދެވަނަ ހާފު ފެށިގެން، މެޗުގެ 57 ވަނަ މިނިޓުގައި ޕީއެސްޖީގެ އަޝްރަފް ހަކީމީ އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ. އިޓަލީގެ ރޯމާ އިން މާސޭ އަށް ލޯނު އުސޫލުން ކުޅޭ ތުރުކީގެ ހުނަރުވެރި ފޯވާޑް ސެންގިޒް އުންޑާ ހުސް ކޮށް ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަންނަން ދިޔަ ބޯޅައެއްގައި ހަކީމީ އޭނާ ކޮއްޕާލުމުން ރެފްރީ މި ރަތްކާޑު ދެއްކީ ވެސް ވީއޭއާރު ބެލުމަށް ފަހު އެވެ.
މެޗު އެއްވަރުވި ނަމަވެސް ޕީއެސްޖީ އެއްވަނައިގައި އޮތީ، ދެވަނައިގައި އޮތް ލެންސް އަށް ވުރެ ހަތް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. އަދި މާސޭ ހަތަރު ވަނައިގައި އޮތީ، ފަސްވަނައިގައި އޮތް ރެނެސް އާ އެއްވަރަށް ޕޮއިންޓް ހޯދައި، ރެނެސް އަށް ވުރެ އެއް މެޗް މަދުން ކުޅެގެންނެވެ.
މާސޭ އަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ތިން ވަނައިގައި އޮތް ނީސް ވަނީ ރޭ އަމިއްލަ ދަނޑުގައި ފަހު ވަގުތު ޖެހި ދެ ލަނޑުން 3-2 އިން އޮލިމްޕިކް ލިޔޯން ބަލިކޮށްފަ އެވެ. ލިޔޯން އިން ދެ ލަނޑު ޖަހައިފައި ވަނިކޮށް ނީސް އިން ޖެހި ތިން ލަނޑު ވެސް ޖެހީ ފަހު 10 މިނިޓު ތެރޭގަ އެވެ. މެޗުގެ 80 ވަނަ މިނިޓުގައި ނީސް އިން ފަރަގު ކުޑަ ކުރިއިރު، ނަތީޖާ އެއްވަރު ކުރީ 89 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އަދި ތިން ޕޮއިންޓް ކަށަވަރު ކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ޖެހި ލަނޑުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy